މި މަހުގެ ފުރަތަމަ ފަސް ދުވަހު އެކަނިވެސް 31،609 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެ މިނިސްޓްރީން އިއްޔެ އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، ދުވާލެއްގެ މައްޗަށް އެވަރެޖްކޮށް ބަލާނަމަ އެއީ 6،322 ފަތުރުވެރިންނެވެ. އަދި ފަތުރުވެރިން ރާއްޖެ އައިސް ގާތްގަނޑަކަށް 8 ވަރަކަށް ދުވަސް ހޭދަ ކުރެއެވެ.

މާކެޓްގެ 12 އިންސައްތައާއެކު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރަނީ ރަޝިޔާ އިންނެވެ. އެއީ 68،102 ފަތުރުވެރިންނެވެ. އަދި 10.6 އިންސައްތަ އާއެކު މާކެޓްގެ ދެވަނައިގައި އޮތީ އަވަށްޓެރި އިންޑިއާ އެވެ. އެއީ 58،859 ފަތުރުވެރިންނެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 555،537 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އެީ މިދިޔަ އަހަރާ އަޅާބަލާއިރު 21.6 އިންސައްތައިގެ ކުރިއެރުމެކެވެ.

ރާއްޖޭގައި 896 ރަށެއްގައި ޖުމްލަ 14،670 ގެސްޓްހައުސް އެނދު އޮޕަރޭޓް ކުރަމުން ގެންދާއިރު 13 ހޮޓެލެއްގައި 1640 އެނދު އޮޕަރޭޓް ކުރެއެވެ. މީގެ އިތުރުންވެސް 170 ރިސޯޓުގައި ޖުމްލަ 41،241 އެނދު އޮޕަރޭޓް ކުރަމުންދާއިރު 153 ސަފާރީ އުޅަނދުގައި 2،959 އެނދު ދަނީ އޮޕަރޭޓް ކުރަމުންނެވެ.

މިވަގުތު ރާއްޖެއަށް ބައިނަލްއަގުވާމީ 37 އެއާލައިނަކުން ޝެޑިއުލް ދަތުުރުތައް ދަނީ ކުރަމުންނެވެ.

ކޮވިޑްގެ ބަލިމަޑުކަމަށް ފަހު 2020 ޖުލައިގައި ބޯޑަރު ހުޅުވާލިފަހުން ރާއްޖޭގެ ފަތުރުވެރިކަން އަންނަނީ ދުވަހުން ދުވަހަށް ރަނގަޅުވަމުންނެވެ. 2021 އަހަރު ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން އައިސްފައި ވާއިރު، މި ދިޔަ އަހަރު 1.6 މިލިއަން ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އެގޮތުން މިއަހަރުގެ ނިޔަލަށް 1.8 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެންނަން ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.

މިއަހަރު ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރު ވާނެ ކަމަށް ބެލެވޭ އެއް ސަބަބަކީ ކޮވިޑްގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއް މަންޒިލް ކަމަށްވާ ޗައިނާ އިން މިއަހަރުގެ ޖެނުއަރީ މަހު ފަތުރުވެރިން އަންނަން ފެށުމެވެ.