"ކޮބާތަ ނޫރާ... ރޭ ހަތަރު ދަމު ހޭލާ އުޅުނީމަ އަދިވެސް ނިދަނީ ދޯ... ނޫރާއަށް ގޮވާފަ ބުނޭ... ދެން ހޭލާށޭ... ނިދަންޏާ އެއްޗެއް ކައިގެން ނިދާށޭ..."
ސިންކު ކައިރީ ތަށި ދޮންނަން ހުރި ޒޫނާއަށް އޭނާ މަންމަ ދެއްކި ވާހަކަ އިވުމާއެކު މުޅި މީހާ ގަނޑުވިއެވެ. ހުއްޓުން އަރާފައި އިރުކޮޅަކު އޭނާއަށް ހުރެވުނީ ނޫރާ ކޮޓަރީގައި ނެތް ކަން ހަނދާން ވުމުންނެވެ. ނޫރާ ގުޅާނެ ވަގުތެއްގެ އިންތިޒާރުގައި ރޭ ފޯނާ ކުޅެން އޮއްވާ ޒޫނާއަށް ނިދުނީއެވެ. ނިދުނު ފަހުން ވެސް ނޫރާ އޭނާއަަކަށް ނުގުޅައެވެ. ގުޅިކަން އަނެއްކާ އޭނާއަށް ނޭނގުނީ ހެއްޔެވެ. ރޭގަނޑު ގެއަށް ނިދަން ނައިސް މުޅި ދުވަހު ނޫރާ ގެއިން ބޭރުގައި ހޭދަ ކުރި މީ ފުރަތަމަ ފަހަރެވެ.
ތަށި ދޮވެ ހަރުމަތީ ބާއްވާފައި ލައިގެން ހުރި ސޯޓުގެ ފައިކުރީގައި ތެމިފައިވާ ދެ އަތް ފޮހެމުން ޒޫނާ މިސްރާބު ޖެހީ ކޮޓަރިއާ ދިމާއަށެވެ. ޗާޖަށް ޖަހާފައި އޮތް އޭނާގެ ފޯނު ނަގާ ބަލާލީ ނޫރާގެ މެސެޖެއް ނޫނީ ކޯލެއް އައިސްފައި އޮތް ތޯއެވެ. އެއްވެސް މިސް ކޯލެއް ނެތެވެ. މެސެޖެއް ވެއް ނެތެވެ.
އެހިސާބުން ޒޫނާ ވަނީ ފޭސްބުކަށެވެ. އެންމެ ފަހުން ނޫރާ އޮންލައިންވީ އިރެއް ބަލާށެވެ. އެންމެ ފަހުން ނޫރާ އޮންލައިން ވީ މީގެ އަށާރަ ގަޑިއިރު ކުރިން ކަމަށް ދައްކާތީ އަތުގެ އިނގިލިތައް މަޅާލަމުން އެ ވަގުތު ދެނެގަންނަން ޒޫނާ އަވަސްވެގަތެވެ. ރޭ ނޫރާ ގެއިން ދިޔަ ފަހުން އޮންލައިން ނޫވާ ކަން އެނގުމުން ޒޫނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
މަންމަ ކޮޓަރީއާ ހަަމައަށް އައިސްދާނެތީ ނޫރާގެ ހަބަރެއް އޮޅުން ފިލުވަން މިޒޫއަށް ގުޅަން ނޫރާ އަަވަސް ވެގަތެވެ. މިޒޫގެ ފޯން ރިންގް ވިއެވެ. ނަމަވެސް އެ ކޯލު ކެނޑުނު އިރު ވެސް މިޒޫ ފޯނަކަށް ޖަވާބެއް ނުދެއެވެ. ދެ ތިން ބުރަށް ގުޅުމުން ވެސް ވީ ހަމަ އެހެންނެވެ. އެހަންކަމުން ޒޫނާ މިޒޫއަށް މެސެޖް ކުރިއެވެ. ނޫރާ އެބަ އުޅޭތޯ އާއި، ރޭ އެގެއަށް ދިޔަ ގޮތަށް ހަބަރެއް ނުވާތީ އާއި މަންމަ ވެސް ނޫރާ ކޮބައިތޯ އަހާތީ މިޒޫއަށް އެނގޭ ވާހަކައެއް ހިއްސާކުރުމަށް އޭނާ އެދުނެވެ.
މެސެޖް ފޮނުވާލުމަށްފަހު ޒޫނާ ހަމަޖެހެން މަސައްކަތް ކުރިއެވެ. މި ހާލަތުގައި ކަންކަން ގޯހުން ގޯހަށް ދިޔައީ އޭ ހިތަށް އަރަމުން ދިޔަ ނަމަވެސް ރަނގަޅު ގޮތަކަށް ވިސްނޭތޯ އޭނާ މަސައްކަތް ކުރަމުން ދިޔައެވެ. އެއް ފަހަރު ނޫރާއަށް ކަމެއް ވެއްޖެއޭ ހިތަށް އެރިއަސް އެ ހިޔާލު އެއް ފަރާތް ކޮށްލަނީ ކިޔަވަން ވަގުތު ހޭދަ ކުރުމަށް ފަހު މިޒޫ އާއި ނޫރާއަށް ނިދިފައި އޮވެދާނެ ކަމަށް ގަބޫލު ކޮށްލަމުންނެވެ. އެގޮތަށް ވިސްނަމުން ދިޔަޔަސް ޒޫނާގެ ހަނދާނަށް ރޭ އަޖޫއާއި ނޫރާއާ ދެމެދުގައި ހިނގި ހަމަނުޖެހުން ސިފަވުމުން އަނެއްކާ ވެސް ހިޔާލު ބަދަލުވާ ގޮތްވިއެވެ.
ނޫރާގެ ފަރާތުން ހަބަރެއް ނުވާހާ ހިނދަކު މިއަދު ޒޫނާއަށް ހަމަޖެހުމެއް ނުލިބޭނެ ކަން އޭނާއަށް އެނގެއެވެ. އެހެންކަމުން ކޮޓަރިން ބޭރަށް ވެސް ނުނިކުމެ އޭނާ ކޮޓަރީގައި ވަގުތު ހޭދަ ކުރަމުން ދިޔައީ މަސްހުނިވަމުން ދިޔަ ހިޔާލުތަކާ އެކު ހަމަޖެހެން މަސައްކަތް ކުރަމުންނެވެ.
ހަވީރު ވީ އިރު ވެސް މިޒޫގެ ފަރާތުން ވެސް ޖަވާބެއް ނުލިބުނެވެ. ގަޑިއަށް ބަލަބަލާ ހުރި ޒޫނާއަށް ސިހުމެއް ލިބުނީ އެ ކޮޓަރީގެ ދޮރު ހުޅުވާލިކަން އެނގުމުންނެވެ. ދޮރުމަތީ ހުރި ޒުލޭހާ މުޅި ކޮޓަރިތެރެއަށް ނަޒަރު ހިންގާލަމުން ނޫރާއަށް ގޮވާލިއެވެ. ޒޫނާއަށް ބުނާނެ އެއްޗެއް ނުވިސްނުނެވެ. ދެން އެ ސިއްރު އޭނާއަށް ނުހިފޭއްޓޭނެއެވެ. މަންމައަށް އެ ވާހަކަތައް ހިއްސާ ކުރަންވީ ވަގުތު ޖެހުނީކަން އެނގުމުން އޭނާގެ ހިތުގެ ވިންދު އަވަސްވިއެވެ.
"މަންމާ.... ނޫރާ... ނޫރާ... އަދި ގެއަކަށް ނާދޭ.... އަދިވެސް ފޯން އޮތީ ނިވާލާފަ...ނޫރާ..."
ޒޫނާއަށް ރަނގަޅަށް ވާހަކަ ދެއްކޭ ގޮތެއް ނުވިއެވެ. ހުއްޓެމުން ދަމަމުން ކަހަލަ ގޮތަކަށް ޒުލޭހާއަށް ވާހަކަތައް ކިޔައިދޭން މަސައްކަތް ކުރި ޒޫނާގެ ދޫ ބަންދުވީ މަންމަ އޭނާ އާ ސުވާލު ކުރަން ފެށުމުންނެވެ. "ރޭގަ އޭނާ ނުގުޅާތަ؟ ބުނި ގައިމު ގުޅާނަމޭ ބަލާ އަންނަން ވީމަ... ނޫރާ ނާންނަ ވާހަކަ ކީއްވެ ނުބުނީ..."
ނޫރާ ގުޅާނެ ވަގުތެއްގެ އިންތިޒާރުގައި ހޭލާ އެތައް އިރަކު އޮތުމަށްފަހު ޒޫނާ އަށް ނިދުނީ ކަމަށް އޭނާ ބުންޏެވެ. އަދި ހެނދުނު ހޭލި އިރު ނޫރާ މަތިން ހަނދާން ނެތް ކަމަށާއި މަންމަ ނޫރާއަށް ގޮވާށޭ ބުނުމުން ނޫރާ ނެތް ކަން އެނގިގެން އޭނާއަށް ގުޅަން މަސައްކަތް ކުރަނީ ކަމަށް ޒޫނާ ބުނީ އިސް ޖަހައިގެން ހުރެ ކުށްވެރިއެއް ފަދައިންނެވެ. ޒުލޭހާ އެއްޗެކޭ ނުބުނެ އިރުކޮޅަކަށް ހިމޭނުން ހުރީ ހަދާނެ ގޮތަކާ ދޭތެރޭ ވިސްނަން ކަން ޒޫނާއަށް އެނގުނެވެ.
އެ ހަމަހިމޭން ކަމުގެ ތެރޭގައި މަންމަ ބުނާނެ އެއްޗެއްގެ އިންތިޒާރުގައި ހުރި ޒޫނާ ހުރީ ކެތްތެރިކަން ކޮޅުންލާ ހިސާބުގައެވެ. އެހެން ހުއްޓާ ޒުލޭހާ ފުން ނޭވާއެއް ދޫކޮށްލުމަށް ފަހު މިޒޫގެ ނަންބަރު ދިނުމަށް އެދުނެވެ. އެއާއެކު ޒޫނާ އެ ނަންބަރު ދިނެވެ. ނަމަވެސް އެ ނަންބަރަށް ގުޅި ކަމާއި ޖަވާބެއް ނުލިބޭ ވާހަކަ ނުބުނެ އޭނާ މަޑުކޮށްލީ މަންމަ ގުޅުމުން މިޒޫ ފޯނު ނަގާނެ ކަމަށް ހީކޮށެވެ.
މިޒޫގެ ނަންބަރު ހިފައިގެން ޒުލޭހާ ކޮޓަރިން ބޭރަށް ނިކުތުމުން ފުން ނޭވާއެއް ޒޫނާ ދޫކޮށްލީ އޭނާގެ އަވަސްވެފައިވާ ނޭވާ ހަމައަކަށް އަޅުވާށެވެ. ފުން ނޭވާތައް ލަމުން ދިޔަ އިރު، ދެން ވާނެ ގޮތަކާ ދޭތެރޭ ޒޫނާ ދިޔައީ ވިސްނަމުންނެވެ. މަޑުމަޑުން ކޮޓަރީ ދޮރު ކައިރިއަށް ޖެހިލަމުން ދޮރުން ކުޑަކޮށް ހުޅުވާލަމުން ހުޅުވުނު ހަނި ދޭތެރެއިން އޭނާ ސިޓިންގް ރޫމްތެރެއަށް ބަލާލިއެވެ. އޭރު ޒުލޭހާ ސިޓިންގް ރޫމް ތެރޭ ދެކޮޅަށް ހިނގަމުން ދިޔައީ ފޯން ކަންފަތުގައި ޖަހައިގެން ހުރެއެވެ. އެ ފޯނަކަށް މަންމަ ވާހަކައެއް ނުދައްކައެވެ. އަނެއްކާވެސް ފޯނު ކަންފަތުން ދުރުކޮށްލުމަށް ފަހު ސްކްރީނަށް ބަލަން ހުރުމަށްފަހު ކަންފަތުގައި ފޯނު ޖަހާލައެވެ.
ދޮރު ލައްޕާލަމުން ޒޫނާ ކޮޓަރި ތެރެއަށް ވަނެވެ. މަންމަ ގުޅުމުން ވެސް މިޒޫ ފޯނަށް ޖަވާބު ނުދެނީ ކަން އޭނާ އަށް ޔަގީން ވިއެވެ. ގޮތް ހުސްވެފައި ޒޫނާ ހުއްޓާ އޭނާގެ ފޯން ރިންގް ވާން ފެށިއެވެ. ފޯނަށް ބަލާލިއިރު އެ ގުޅަނީ މިޒޫއެވެ. އެންމެ ސިކުންތެއް ވެސް ނަގާލާކަށް ޒޫނާ ބޭނުމެއް ނުވިއެވެ. އެ ކޯލަށް ޖަވާބު ދޭން ޒޫނާ އަވަސްވެގަތެވެ. އެކޮޅުން ވާހަކަ ދެއްކީ ނޫރާއެވެ.
"ކިއްކުރަން މަންމަ މިޒޫގެ ނަންބަރަށް އެ ގުޅަނީ... އަހަންނަށް ގުޅާނެ ކަމެއް ނެތް... ހޯދާނެ ވެސް ކަމެއް ނެތް..." ނޫރާގެ އަޑުގައި ވަނީ ވޭނީ ރިހުމެކެވެ. އޭނާ ވާހަކަ ދެއްކީ ރޮމުންނެވެ.
ކޮއްކޮގެ އަޑު ޖެހުމުން ހިތަށް ހަމަޖެހުމެއް ލިބޭނެ ކަމަށް ހީކޮށްގެން ހުރި ޒޫނާގެ ހިތް ކުދިކުދި ވިއެވެ. އޭނާގެ ކޮއްކޮ އެހެން އެ ވާހަކަ ދައްކަނީ ކީއްވެތޯ އަހަން ޒޫނާ ބޭނުންވިއެވެ. "ނޫރާ... ކޮންތާކު ތިއުޅޭނީ... ގެއަށް އަންނަން ގުޅާނަމޭ ކިޔާފަ ހަބަރެއް ވެސް ނުވަމެއްނު. މިހާރު ކޮން އިރެއް... މަންމަ ކަންބޮޑުވާނެ ކަން ނޭނގެނީތަ؟ ބަލާ ދާންވީތަ؟.."
ނޫރާ ހަމަޖެއްސޭތޯ މަސައްކަތް ކުރަމުން ޒޫނާ ވާހަކަ ދެއްކީ ލޯތްބާ އެކީގައެވެ. އެއާއެކު ބަޑި ފަޅައިގެން ގޮސް އަޑުގެ ނެތްތަނަށް ނޫރާ ރޯން ފެށިއެވެ. އެ އަޑުގައި ވާ ރިހުން ޒޫނާއަށް އިހްސާސް ކުރެވުނެވެ. އޭނާގެ ކޮއްކޮއަށް ވެގެން އުޅޭ ގޮތެއް ހޯދަން އޭނާ ބޭނުންވިއެވެ.
"ނޫން... މަ ބޭނުމެއް ނޫން ގެއަށް ދާކަށް... އެއްތާކަށް ވެސް ދާކަށް ބޭނުމެއް ނޫން... މަރުވާން ބޭނުމީ... ގެއްލެން ބޭނުމީ.. އެއްވެސް މީހަކަށް ނުފެންނަ ހިސާބަކަށް ދާން ބޭނުމީ...."
ނޫރާގެ ދުލުން ބޭރުވި ބަސްތަކުން ޒޫނާއަށް ދޭހަވީ އޭނާއަށް ބޮޑު ކަމެއް ވެއްޖެ ކަމެކެވެ. މީގެ ކުރިން ދިރިއުޅުން މަތިން ފޫހިވެ އެ ޒާތުގެ ވާހަކައެއް ނޫރާއެއް ނުދައްކައެވެ. ނޫރާއަކީ ދިރިއުޅުމުގައި ކުރިއަށް ދާން ބޭނުންވެ ހުވަފެންތަކެއް ދެކިގެން ކިޔަވައިގެން މޮޅު މީހަކަށް ވާން ވަރުގަދަ އަޒުމެއްގައި ހުރި މީހެކެވެ. އެއް ރޭ މަތިން އެހާ ބޮޑު ބަދަލެއް ނޫރާއަށް އައުމުން ޒުނާ ހައިރާން ވިއެވެ. ވެގެން އުޅޭ ގޮތެއް ނޭނގި ބޮލުގައި އުފެދިފައިވާ ރިހުން ދެގުނަ އަށް އިތުރުވިއެވެ.
"ނޫރާ ތި ވެގެން އުޅޭ ގޮތެއް މަށަށް ކިޔައި ދީބަލަ.... އައި ކޭން ފިކްސް އިޓް..." ޒޫނާ އަދިވެސް މަސައްކަތް ކުރީ ނޫރާ ހަމައަކަށް އަޅުވާށެވެ.
"ފިކްސްއެއް ނުކުރެވޭނެ... އެއްކަމެއް ވެސް ރަނގަޅެއް ނުކުރެވޭނެ... މަގޭ މުޅި ލައިފް ވެއްޔާ މޮޑެވުނީ.. މަގޭ މުޅި ދިރިއުޅުން ހަލާކު ވެއްޖެ. ދެން ކުރެވޭނެ ކަމެއް ނެތް... އެކަކަށް ވެސް އެހީއެއް ނުވެވޭނެ..."
ގިސްލަ ގިސްލާ ރޮމުން ނުރާގެ ހިތުގެ ރިހުން ހާމަ ކުރަމުން ދިޔަ އިރު އެ ވާހަކަތައް އަޑުއަހަން ހުރި ޒޫނާގެ ލޮލުން ވެސް ކަރުނަ ފާއްދާލިއެވެ. ނޫރާ ދައްކަމުން ދިޔަ ވާހަކަތައް ހުއްޓުވާކަށް ޒޫނާ މަސައްކަތެއް ނުކުރިއެވެ. އެ ހިތުގައި ފޮރުވާފައިވާ ސިއްރުތައް ހާމަކުރަން ދޫކޮށްލައިގެން އަޑުއަހަން ކަންފަތް ދީގެން އޭނާ ހުރީއެވެ.
ނޫރާގެ ހަޔާތް ހަލާކެއްގެ ތެރެއަށް ވެއްޓިގެން ދިޔަ ގޮތް ހިއްސާ ކޮށް ނިމުނު އިރު ޒޫނާގެ ހިތް ފަޅައިގެންދާ ކައިރިވެއްޖެއެވެ. އެކަމަށް ހައްލެއް ހޯދައިދޭން އޭނާގެ ކޮއްކޮއަށް އެހީވާން ކުރެވޭނެ ކަމަކާ މެދު އޭނާ ވިސްނާލަން ހިމޭނުން ހުއްޓެވެ. ޖަވާބެއް ނުދެވެނީސް އޭނާ ހޯދަން ދެން ނޫޅޭށޭ ބުނެ ނޫރާ ފޯނު ކަނޑާލައިފިއެވެ.
- ނުނިމޭ -