އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ ފެން ފިނިކޮށްގެން ނޫނީ ނުބޮވޭ މީހުންނެވެ. ހޫނު ފެނުގައި ކޮފީ އާއި ސައި ތައްޔާރު ކޮށްގެން ބުއިމަކީ ކިތަންމެ ފަސޭހަ ކަމަކަށް ވިޔަސް، ހަމައެކަނި ހޫނު ފެން ބުއިމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ހޫނު ފެނުގައި ދޭ ރަހަ އަކީ އެހާ ހިތްގައިމު އަދި އަނގަޔަށް މީރު ރަހައެއް ނޫނެވެ.
އެހެންނަމަވެސް، ހޫނު ފެން ނުވަތަ ތާފަނާ ފެން ބުއިމަކީ ސިއްހަތަށް އޭގެ ސަބަބުން ގިނަ ގުނަ ފައިދާތަކެއް ލިއްބައިދޭ ކަމެކެވެ. މިގޮތުން ހޫނު ފެން ބުނިމުން ހަޖަމް ކުރުމަށް ވަރަށް ބޮޑަށް އެހީވެދެއެވެ. ފެނަކީ ހަޖަމު ކުރުމުގެ ނިޒާމުގައި ކާއެއްޗެހި ދައުރު ކުމަށް އެހީތެރިވާ އެއްޗެކެވެ.
މި ނިޒާމުގައި ރަނގަޅަށް ފެންދައުރުވާނަމަ ހަށިގަނޑުގައި އުފެދޭ ބޭކާރު މާއްދާތައް ބޭރުކުރުމަށް އިތުރު ބާރެއް ލިބިގެންދެއެވެ. ހޫނުކޮށް ފެން ބުއިމުން، ގޮހޮރުގައި ހަޖަމު ނުވެ ހުންނަ ކާތަކެތީ ހަރުމިން މަޑުކޮށްލަދީ ހަޖަމުކުރުމަށް ފަސޭހަވެގެން ދެއެވެ. މީގެ ސަބަބުން ބޮޑުކަމުދިއުމުގެ އުނދަގޫތަކަށް ލުޔެއް ލިބިގެން ދާނެއެވެ.
މީގެ އިތުރުން ކެއްސުމާއި ރޯގާ އަށް ވެސް ހޫނު ފެން ބުއިމަކީ ފަރުވާއެކެވެ. އެގޮތުން ހޫނުފެން ބުއިމުން ކަރުގެ ރިހުން ކުޑަކޮށްދީ ސައިނަސް އަދި އީސޯފޭގަސްގައި ހަރުލާފައި ހުންނަ ރޯގާ ބޭރު ކުރުމަށް ފަސޭހަ ކޮށްދެއެވެ.
ސިކުނޑިއާއި ނާރުތަކަށް ވެސް ހޫނު ފެނަކީ މުހިންމު އެއްޗެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ހޫނުފެން ބުއިމުގެ ސަބަބުން ސިކުނޑީގެ ނާރުތަކަށް ހެޔޮބަދަލު އައިސް މީހާގެ މޫޑު ރަނގަޅުވެއެވެ. އަދި ހޫނުފެން ބުއިމުގެ ސަބަބުން އިންސާނާ ބޭނުންވާ ކަމަކަށް މަގުފަހިކޮށްދީ މީހާގެ ބޯ ހާސްކަން ކުޑަ ކޮށްދެއެވެ.
ހަމައެހެންމެ ހޫނު ފެނަކީ ބަރުދަން ލުއި ކުރުމަށް ވެސް އެހީވެދޭ އެއްޗެކެވެ. ހޫނުފެނަކީ ހަށިގަނޑުގައި ޖަހާފައި ހުންނަ ސަރުބީ ވިރުވާލަދޭ ބުއިމެކެވެ. އެހެންކަމުން ބަރުދަން ލުއިކުރަން މަސައްކަތް ކުރާނަމަ ދުވާލަކު ދެއިރު ހޫނުފެން ބުއިމަކީ ބަރުދަން ލުއިކުރުމަށް ލިބޭ އެހީ އެކެވެ.
ބަނޑު ހަރުވުން ނުވަތަ ބޮޑުކަމުދިއުމަށް ވެސް ހޫނު ފެނުގެ ސަބަބުން ލުއި ލިބޭނެއެވެ. ހަށިގަނޑުން ފެންމަދުވުމަކީ ބަނޑުހަރުވެ ބޮޑުކަމުދިއުމަށް އުނދަގޫވާ އެންމެ މައިގަނޑު އެއް ސަބަބެވެ. އެހެން ކަމުން ގަވައިދުން ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ބުއިމަކީ ބޮޑުކަމުދާ ތަކެތި ހަރުނުވެ ބޭރުކުރުމަށް ފަސޭހަވެގެން ދާނެ ކަމެކެވެ. އަދި ހާއްސަކޮށް ގަވައިދުން ހޫނުފެން ބުއިމުކީ ހަޖަމުކުރުމުގެ ނިޒާމުގެ ދައުރު އެއްގޮތަކަށް އެއްހަމައެއްގައި ބެހެއްޓުމަށް އިތުރު ބާރެއްލިއްބައިދޭ ކަމެކެވެ.
ހޫނު ފެނަކީ ދިފާއީ ނިޒާމް ވެސް ވަރުގަދަ ކޮށްދޭ އެއްޗެކެވެ. އެގޮތުން ހޫނުފެނުން ހަށިގަނޑުގައިވާ ވިހަ މާއްދާތައް ބޭރުކޮށްދޭން މަސައްކަތް ކުރެއެވެ.
ދިރާސާތަކުން ދައްކާގޮތުގައި ހޫނު ފެން ބުއިމުގެ އިތުރުން ތާފަނާ ފެނުން ފެންވެރުމަކީ ވެސް ހަށިގަނޑަށް ފައިދާ ހުރި ކަމެކެވެ. އެގޮތުން ތާފަނާ ފެނުން ފެންވެރުމުން ލޭދައުރުކޮށްދީ، ހިތުގެ ހޮޅިތަކާއި ނާރުތައް ފުޅާވެ ލޭ ދައުރުވުމަށް ފައްސޭހަވެގެން ދެއެވެ. އަދި ރޭގަނޑު ނިދުމުގެ ކުރިން ހޫނު ފެނުން ފެންވެރުމަކީ ހަށިގަނޑު ހަމަޖެހި، އާރާމުކޮށް ނިދުމަށް ލިބޭ އެހީއެކެވެ.