ހދ. މަކުނުދޫ އޭ ބުނުމުން ގިނަ ބައެއްގެ ސިކުނޑިއަށް ވެސް ވެރިވަނީ އެކަހެރި މަކުނުދޫގެ ގޮތުގައެވެ. ވަކިން ދުރުގައި އޮންނަ ރަށެއްގެ ގޮތުގައި އަބަދުވެސް ފާހަގަ ވެފައިވާ މަކުނުދޫއަކިީ ހިތްގައިމު ރީތި ރަށެކެވެ. އާބާދީގައި 1889 މީހަކު ދިރިއުޅޭ މަކުނުދޫގައި ރޯދަ މަހަށް ހާއްސަކޮށް ވަކި ކަމެއް ނުކުރި ނަމަވެސް ގިނަ ބަޔަކު ކަންނެލީގެ މަސްވެރިކަމުގައި އުޅުމާއެކު މި މަހަކީ ގިނަ އަދަދެއްގެ ބަޔަކު ރަށުގައި އުޅޭ މަހަކަށް ވަނީވެފައެވެ.

މަކުނުދޫގެ މަގެއް މަތި/ ފޮޓޯ: ވާސިފް ފޮޓޯސް

އެހެން ރަށްރަށެކޭވެސް އެއްގޮތަށް ހަވީރުގެ ވަގުތުތަކުަގއި ބައިސްކަލުގައި ނުވަތަ ސައިކަލުގައި ފިނި ބުރު ޖަހަން ނިކުންނަ ތަން މަކުނުދޫއިންވެސް ފެންނައިރު މަސްބޭނުމަށް ދޮށި އެއްލަން އެކި އުމުރު ފުރައިގެ މީހުންވެސް ގޮސް އުޅެއެވެ. ގޮނޑުދޮށާއި ބަނދަރުގެ ތޮށިގަނޑުމަތީގައި ތިބެގެންވެސް ގިނަ ބަޔަކު މަސްބާނާއިރު މޫދަށް އެރެވެސް މަސް ބާނަމުން ދެއެވެ.

މަކުނުދޫ ކުޑަކުދިންތަކެއް މަސްބާނަން މޫދަށް އެރި / ފޮޓޯ: ވާސިފް ފޮޓޯސް

ސާފުތާހިރު ކަމަށް ލޯބި ކުރާ މަކުނުދޫއިން އެކަން އެންމެ ބޮޑަށް ހާމަވެގެން ދާނީ އެ ރަށުގެ މަގުތަކުން ކަމަށް ވާއިރު އެ ރަށުގެ މަގުތައް ސާފުތާހިރުކޮށް ފެންނަ އެންމެ ބޮޑު އެއް ސަބަބަކީ އެ ރަށުގެ މީހުންގެ އެއްބައިވަންތަކަމުގެ މިސާލެކޭވެސް ބުނެވިދާނެއެވެ. ޖުމްލަކޮށް ބުނާނަމަ ކޮންމެ މަގަކުންވެސް ފެނިގެން ދަނީ ސާލެއްލައިފައި ވާ ފަދަ ގޮތަކަށެވެ.

މަކުނުދޫގެ މަގެއް މަތި / ފޮޓޯ: ވާސިފް ފޮޓޯސް

މަކުނުދޫގެ ރީތި މަންޒަރުތައް ޖީލުތަކަށް ރައްކާކުރުމަށް މަސައްކަތް ކުރާ އެ ރަށު ސްކޫލްގެ ޕްރައިމަރީ ޓީޗަރު މުހައްމަދު ވާސިފް ބުނީ ބަނދަރުގައި ހެދިފައި ހުންނަ ބިޔަ ގަސްތަކުގެ ދަށުގައި ހުންނަ ޖޯލި ފަތިތަކާއި އެ ގަސްތަކުގައި އެލުވާފައި ހުންނަ އުދޯލިތަކުގައި އެ ރަށުގެ މީހުން ތިބޭތަން ފެންނަ ކަމަށެވެ. އާންމުކޮށް ހޫނު ގަދަ ދުވަސްވަރު ގިނައިން ފެންނަ ކަމަށް ވެސް އޭނާ ބުންޏެވެ.

އެ ރަށުގައި ފަންގިވިންނަ މީހުންނާއި ދަނޑުވެރިކަން ކުރާ މީހުންވެސް ގިނަ އަދަދަކަށް އުޅޭއިރު ރޯދަ މަހު ކުޅިވަރު ކުޅޭތަން ވަރަށް ނުފެންނަ ކަމަށް ވާސިފް ބުނެއެވެ.

މަކުނުދޫގެ މަގެއް މަތި / ފޮޓޯ: ވާސިފް ފޮޓޯސް

2008 ވަނަ އަހަރު މަކުނުދޫ ސްކޫލްގެ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށި ވާސިފް ބުނީ އޭނާ ސްކޫލްގެ ވަޒީފާއަށް ވަނީންސުރެ ފޮޓޯ ނަގަމުން އައި ކަމަށެވެ. އެހެންނަމަވެސް 2019 އާ ހިސާބަށް ވާސިފް ފޮޓޯ ނަގަމުން އައީ ފޯނުންނެވެ. އަދި 2019 ވަނަ އަހަރު ކެމެރާއެއް ގަނެގެން ވާސިފްގެ ފޮޓޯ ނެގުމުގެ މަސައްކަތް އިތުރު ހަރުފަތަކަށް ޖެހިލިއިރު އޭނާގެ އެ ވިޔަފާރިވެސް ފެށުނީ އެހެންނެވެ.

"2019 ގައި ކެމެރާއެއް ގަނެގެން ފެށީ ކޮވިޑް ތެރޭގައި އޭގެ ކުރިން ފޯނުން ސްކޫލްގައި އޮންނަ އިވެންޓްތަކާ އެއްޗެހި ނަގަނީ. 2008 ގައި ސްކޫލުގެ ޕްރައިމަރީ ޓީޗަރެއްގެ ވަޒީފާއަށް ވަނީންސުރެ ސްކޫލުގައި އޮންނަ ހަރަކާތްތަކުގެ ފޮޓޯ ނަގާ އުޅެން. ވިޔަފާރިއެއްގެ ގޮތަށް ނަގަން ފެށީ 2019 ހިސާބުގައި"
ވާސިފް

ޖީލުތަކަށް ފޮޓޯ ރައްކާކުރަން ބޭނުން ވެގެން ފޮޓޯ ނަގަން ފެށި ވާސިފް ބުނީ ކުރީގެ މީހުން ނަގާފައިވާ ފޮޓޯތަކުން އުމުރުން ދުވަސްވީ މީހުންގެ ފޮޓޯ ފެންނައިރު ވާސިފްގެ އެ މަސައްކަތުން ވަރަށް ގިނަ ދަރިވަރުންގެ ފޮޓޯތައް ރައްކާކުރެވޭނެ ކަމަށް ގަބޫލުކުރެވުނު ކަމަށެވެ. އަދި މަކުނުދޫއަކީ ވަރަށް އެކަހެރި ރަށެއް ކަމަށާއި ފޮޓޯ ނަގަން ފެށުމާއެކު ރަށުގެ ރީތި ކަން ގިނަ ބަޔަކަށް ފެނި ރަށްވެސް އިސްތިހާރުވާ ކަމަށް ވާސިފް ބުނެއެވެ.

މަކުނުދޫގެ މަގެއް މަތި / ފޮޓޯ: ވާސިފް ފޮޓޯސް

ވާސިފް ބުނީ ދުރުކޮށް އެކަހެރިކޮށް އޮންނަ ރަށަކަށްވުމުން ބޮޑު ކަނޑެއް ހުރަސްކޮށް ވަރަށް ގިނަ މީހުން އަންނަ ޖެހިލުންވާނެ ކަމަށާއި އެހެންނަމަވެސް އެ ފޮޓޯތައް ފެނި ރަށް އިސްތިހާރުވުމުން ރަށަށް ޒިޔާރަތްކުރަން ގިނަ ބަޔަކު ބޭނުންވާ ކަމަށެވެ. އަދި އެ މަސައްކަތުގައި ރަށުގެ މީހުންގެ ފަރާތުން ވަރަށް ބޮޑަށް ތަރުހީބު ލިބޭ ކަމަށް ވާސިފް ފާހަގަކުރިއެވެ.