އުރީދޫއިން ރަމަޟާން މަހަށް ހާއްސަކޮށްގެން ބާއްވާ އުރީދޫ ބޮކީ ބޯޅަ މުބާރާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ އިއްޔެ ފަށްޓަވައިދެއްވައިފިއެވެ.

އެ މުބާރާތުން މޮޅުވާ ޓީމްތަކަށް ހާއްސަ އަގުހުރި އިނާމުތަކެއްވެސް ދިނުމަށް ނިންމާފައިވެއެވެ. އެގޮތުން އެއްވަނަ އަށް ދާ ޓީމަކަށް 20،000 ރުފިޔާ، ދެ ވަނަ އަށް ދާ ޓީމަށް 10،000 ރުފިޔާ އަދި ތިން ވަނަ އަށް ދާ ޓީމަށް އިނާމެއްގެ ގޮތުގައި 5،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އިއްޔެ ކުޅުނު މެޗުތަކަށް ބަލާއިރު ކްރޮސްރޯޑްސް މޯލްޑިވްސްއިން ޓެކްކާސްއާ ދެކޮޅަށް ކުޅުނު މެޗުން ބަމްޕާ ބޯލްސްގައި އެ ޓީމުތަކުގެ ހުނަރު ދައްކައި 2-0 ކްރޮސްރޯޑްސް މޯލްޑިވްސް އިން މެޗް ކާމިޔާބުކޮށްފައިވާއިރު ދެވަނަ މެޗުގައި ބްރޮލާޒް (ރޭޖް ފިޓްނަސް) އާއި ޓްރީ ޓޮޕް ހޮސްޕިޓަލް އީއާރުސީ ބައްދަލުކޮށްފައިވާއިރު ބްރޯލާޒް (ރޭޖް ފިޓްނަސް) ވަނީ ފެށުނީއްސުރެ ނިމެންދެން މެޗުގައި މޮޅު ކުޅުމެއް ދައްކާ ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފައެވެ. އަދިފަހު މެޗުގައި ޝަވިޔަނި ޓީމާއި ޓެކާސް ބައްދަލުކުރި ވާދަވެރި މެޗު ނިމުނީ 1-0 ޓެކާސ މޮޅުވެގެންނެވެ.

އުރީދޫއިން ބުނީ މުބާރާތުގެ ކޮންމެ މެޗެއް ވެސް 10 މިނެޓަށް ދެމިގެންދާއިރު ތިން މިނެޓުގެ ބްރޭކަކާއެކު ދެ ހާފް ހިމެނޭނެ ކަމަށް ގުރޫޕް ސްޓޭޖުގެ މެޗުތަކުގައި މޮޅުވެއްޖެނަމަ ތިން ޕޮއިންޓް އަދި އެއްވަރުވުމުން އެއް ޕޮއިންޓް ލިބޭނެ ކަމަށެވެ. އަދި ނޮކްއައުޓް ސްޓޭޖުގައި ދެ ޓީމެއް އެއްވަރުވެއްޖެ ނަމަ ޕެނަލްޓީ ޝޫޓްއައުޓް އޮވެއެވެ.

މިރޭ 9 ޖަހާއިރު ގްރޫޕް ސްޓޭޖުގެ ބާކީ ހުރި މެޗުތަކަށް ފަހު ފައިނަލް މެޗުގައި ބައްދަލުކުރާނީ ކޮންމެ ގްރޫޕަކުން ވެސް އެއް ވަނަ ހޯދާ ޓީމުތަކެވެ.