80 މިލިއަނަށް ވުރެ ގިނަ ކްރެޑެންޝަލްސް [ސައިޓް ތަކަށް ލޮގިން ވުމަށް ބޭނުން ކުރާ މައުލޫމާތު ނުވަތަ ލޮގިން ޑީޓެއިލްސް] ހުންނަ ޖެނެސިސް މާކެޓުން ބަންދު ކޮށްފިއެވެ.
އެތައް ބައެއްގެ ލޮގިން ތަފްސީލާއި އައިޕީ އެޑްރެސް އަދި ވަގަށް ނަގާފައި ހުންނަ މީހުންގެ ޒާތީ މައުލޫމާތު އެ ސައިޓުގައި ވިއްކާ އެ ސައިޓް ބަންދުކުރީ ގިނަ ފަރާތްތަކެއް ގުޅިގެން ހިންގި ހާއްސަ އޮޕަޭޝަނެއްގައެވެ.
މި އޮޕަރޭޝަންގައި އިނގިރޭސިވިލާތުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާނޫނު ތަންފީޒުކުރާ އިދާރާތައް ވަނީ ގުޅިގެން މަސައްކަތް ކޮށްފައެވެ.
އިނގިރޭސިވިލާތުގެ ނޭޝަނަލް ކްރައިމް އެޖެންސީ (އެންސީއޭ) އިން ހިންގި ސިލްސިލާ އޮޕަރޭޝަންތަކުގައި އެ ސައިޓް ހިންގާ ކަމަށް ޝައްކު ކުރެވޭ 24 މީހަކު ހައްޔަރު ކުރިއެވެ. އޭގެ ތެރޭގައި ލިންކޯންޝަޔާގެ ގްރިމްސްބީގައި ދިރިއުޅޭ އުމުރުން 34 އަހަރާއި 36 އަހަރުގެ ދެ ފިރިހެނުން ވެސް ހިމެނެއެވެ.
އަންގާރަ ދުވަހުގެ ފަތިހު ފެށި މި އޮޕަރޭޝަންގައި 17 ގައުމެއްގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ވަނީ ބައިވެރި ވެފައެވެ. މި އޮޕަރޭޝަނުގައި އިސްކޮށް ހަރަކާތްތެރިވީ އެމެރިކާގެ އެފްބީއައި އާއި އިނގިރޭސިވިލާތުގެ އެންސީއޭ އާއި އޮސްޓްރޭލިއާގެ ފެޑެރަލް ޕޮލިހާއި ޔޫރަޕްގެ ގައުމުތަކާ ގުޅިގެން މަސައްކަތް ކުރާ ޑަޗް ނޭޝަނަލް ފުލުހުންނެވެ.
މި އޮޕަރޭޝަންގައި ޖެނެސިސް މާކެޓް ބަންދު ކުރި އިރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 200 މީހުން ބަލައި ފާސްކޮށް މި މުއާމަލާތްތަކާ ގުޅުން ހުރި 120 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.
ބުދަ ދުވަހު ޖެނެސިސް ވެބްސައިޓަށް ލޮގިންވި ކޮންމެ މީހަކަށް ވެސް ފެނުނު މެސެޖަކީ "އޮޕަރޭޝަން ކުކީ މޮންސްޓާ. މި ވެބްސައިޓް ވަނީ ސީޒް ކޮށްފައި." އެވެ.
ޖެނެސިސް މާކެޓުގައި ވިއްކުމަށް 80 މިލިއަނަށް ވުރެ ގިނަ ކްރެޑެންޝަލް އަދި ޑިޖިޓަލް ފިންގަޕްރިންޓް ހުރިއިރު، އެންސީއޭ އިން ވަނީ މިއީ މަކަރާއި ހީލަތުގެ ވަރަށް ބޮޑު އަމަލެއް ކަމަށް ސިފަކޮށްފައެވެ.
އެންސީއޭގެ ނޭޝަނަލް އިކޮނޮމިކް ކްރައިމް ސެންޓަރުގެ ޑިރެކްޓާ ޖެނެރަލް ރޮބަޓް ޖޯންސް ބުނީ ޑާކް ވެބްގެ އިތުރުން އޯޕަން ވެބްގައިވެސް އޮޕަރޭޓް ކުރާ މި ސައިޓުން ކުށެއް ނެތް އާންމުންގެ އެތައްބައެއްގެ މައުލޫމާތު ގިނަ ދުވަސްތަކެއް ވަންދެން ވަގަށް ނަގާފައެވެ.
2017 ވަނަ އަހަރު އުފެއްދި މި ވެބްސައިޓް ބޮޑަށް ފާހަގަ ކުރެވިފައި ވަނީ ޔޫޒާ ފްރެންޑްލީ، އިނގިރޭސި ބަހުން އިންޓަފޭސް އޮތް ވެބްސައިޓެއްގެ ގޮތުގައެވެ.
އޮންލައިންކޮށް މަކަރާއި ހީލަތް ހެދުމަށް މަގުފަހިވާ ގޮތަށް ލޮގިން ޑޭޓާ ހަދާފައިވާ މި ވެބްސައިޓުން ޕާސްވޯޑާއި ވިކްޓިމްގެ ޑިޖިޓަލް ފިންގަޕްރިންޓްގެ އެހެނިހެން ބައިތައް ކަމަށްވާ ބްރައުޒާ ހިސްޓްރީ، ކުކީޒް، އޮޓޯފިލް ފޯމް ޑޭޓާ، އައިޕީ އެޑްރެސް އަދި ލޮކޭޝަން ފަދަ ލޮގިން މައުލޫމާތު ގަނެވެއެވެ.
އޭގެ ސަބަބުން މަކަރާއި ހީލަތް ހަދާ ފަރާތްތަކަށް ބޭންކް، އީމެއިލް އަދި ޝޮޕިން އެކައުންޓްތަކަށް ލޮގިންވެ، ޑެލިވަރީ ރީޑައިރެކްޓް ކުރުމުގެ އިތުރުން ޝައްކު އުފެދުމެއް ނެތި ޕާސްވޯޑް ވެސް ބަދަލު ކުރުމުގެ ފުރުސަތު ލިބިގެން ދެއެވެ.
ވިއްކަން ހުރި ލޮގިން މައުލޫމާތުތަކުގެ ތެރޭގައި ފޭސްބުކް، ޕޭޕަލް، ނެޓްފްލިކްސް، އެމެޒޯން، އީބޭ، އޫބާ އަދި އެއާބީއެންބީ އެކައުންޓްތަކުގެ ޕާސްވޯޑް ހިމެނެއެވެ. ޕާސްވޯޑު ބަދަލުކޮށްފިނަމަ، އެ މައުލޫމާތު ޖެނެސިސް ކުށްވެރިންނަށް ވެސް އަންގައެވެ.
"މިއީ ވަރަށް ވިސްނުންތެރިކަމާއެކު ހަދާފައިވާ ޒަމާނީ ވެބްސައިޓެއް. ބޭނުންކުރަން ވަރަށް ފަސޭހަ ވެބްސައިޓެއް. ބޭނުން ގޮތަކަށް ވެބްސައިޓް މޮޑިފައި ކުރެވިދާނެ ނުވަތަ ކޮންޓްރިބިއުޓް ކުރެވިދާނެ. ވެބްސައިޓް ބޭނުން ކުރާނެ ގޮތް ކިޔައިދޭ އިރު، އޯޕަން ވެބް އަދި ޑާކް ވެބްގައިވެސް އެކްސެސް ކުރެވޭނެ." ރޮބަޓް ބުންޏެވެ. "އެހެންވީމަ މިކަމުގެ ތެރެއަށް ވަންނަން ކޮންމެހެން ސައިބާ އެކްޓަރަކަށް ވާކަށް ނުޖެހޭ. ސާޗް އިންޖީން ބޭނުންކުރަން އިނގެންޏާ އެވީ."
އާންމުންގެ ޑޭޓާ ލިބެން ހުރީ ކިހާ މިންވަރަކަށްތޯ ބެލުމަށްފަހު ވިކްޓިމްގެ މައުލޫމާތު އެއް ޑޮލަރަށް ވުރެ ކުޑަ އަގަކަށް ނުވަތަ އެތައް ސަތޭކަ ޑޮލަރަށްވެސް ވިއްކެއެވެ.
ޖެނެސިސް ބޭނުންކުރާ މީހުން އެންމެ ގިނައިން އެއަށް ވަދެފައި ވަނީ މަކަރާއި ހީލަތް ހެދުމަށް ކަމަށް ވާއިރު، ވިއްކާ ޑޭޓާ، ރެންސަމްވެއާ އެޓޭކްތަކަށް ވެސް ބޭނުން ކުރެވިދާނެއެވެ. 2021 ވަނަ އަހަރު ގޭމިން ކުންފުނި އިލެކްޓްރޯނިކް އާޓްސް (އީއޭ) ހެކްކުރަން މެދުވެރިވި މީހާގެ ޑޭޓާ ވިއްކާލީ އެންމެ 10 ޑޮލަރަށެވެ. މީގެ އިތުރުން ވިޔަފާރިވެރިންގެ މައުލޫމާތު ވެސް ވެބްސައިޓުގައި ވިއްކާފައި އޮތުމުން އޮޅުވާލުމާއި މޯބައިލް ފޯނު ނަންބަރު ހެކްކުރުމާއި ރޭންސަމްވެއާ ހަމަލާތަކަށް މަގުފަހިވެގެން ދިޔައެވެ.
އެންސީއޭގެ ސައިބާ އިންޓެލިޖެންސްގެ ހެޑް ވިލް ލައިން ބުނީ ޖެނެސިސް އަކީ މަކަރާއި ހީލަތް ހެދުމުގެ ވަރަށް ބޮޑު ވަސީލަތެއް ކަމަށާއި ލޮގިން މައުލޫމާތު ގަތުމުގެ އެންމެ މުހިންމު އެއް މާކެޓްޕްލޭސް ކަމަށެވެ. އެންސީއޭ އިން ގަބޫލުކުރާ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޖެނެސިސްގެ ޝިކާރައަކަށް ދެ މިލިއަނަށް ވުރެ ގިނަ މީހުން ވީއިރު އޭގެ ތެރެއިން އެތައް ހާސް ބަޔަކީ އިނގިރޭސިވިލާތުގެ މީހުންނެވެ.
އޮޅުވާލައިގެން ކުރާ މުއާމަލާތްތައް އެމީހުންގެ އެކައުންޓް ޓްރާންސެކްޝަންތަކުން ފެނުމުން، ނުވަތަ ނަސީބެއް ނަމަ، އެ މީހުންގެ ގޮތުގައި މީހަކު ލޮގިންވެފައިވާ ކަމަށް ބުނެ މެސެޖެއް ލިބުމުން، މީގެ ޝިކާރައަށްވި ގިނަ މީހުންނަށް ރެއަކާ ލާނެއެވެ.
އާންމުންގެ އެއްވެސް މައުލޫމާތެއް ހާމަވެފައިވޭތޯ ޔަގީން ކުރުމަށް ނެދަލޭންޑްސްގެ ފުލުހުން ވަނީ އެމީހުންގެ ވެބްސައިޓުގައި ޕޯޓަލްއެއް ތައާރަފްކޮށްފައެވެ.
މަކަރާއި ހީލަތުން ސަލާމަތްވުމަށް ކޮމްޕިއުޓަރާއި ފޯނު އޮޕަރޭޓިން ސިސްޓަމްތައް އަޕްޑޭޓްކޮށް ބެހެއްޓުމަށާއި ޓޫ ފެކްޓާ އޮތެންޓިކޭޝަން (2އެފްއޭ) އާއި ތިން ރެންޑަމް ލަފުޒު ހިމެނޭ ފަދަ ވަރުގަދަ ޕާސްވޯޑްތައް ބޭނުންކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ޕާސްވޯޑް މެނޭޖަރެއް ބޭނުންކުރުމަށްވެސް ދަނީ އިލްތިމާސް ކުރަމުންނެވެ.