އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން ކެމިކަލްތަކާއި ސިއްހަތަށް ނުރައްކާތެރި ވިހަ މާއްދާތައް ބޭނުންކުރުމުގެ ބަދަލުގައި ރައްކާތެރި ގޮތުގައި ދަނޑުވެރިކަމުގެ އުފެއްދުންތައް ތައްޔާރުން މަސައްކަތްކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.

މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި ފޮނުވި ހިތޯބުގައި ރައީސް ވަނީ ގުދުރަތީ ވެށި އޭގެ ތަބީއީ ގޮތުގައި ދެމެހެއްޓުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް ގޮވާލައްވާފައެވެ.

ރައީސް ވިދާޅުވީ ވަކިން ހާއްސަކޮށް ރާއްޖޭގެ ކަނޑުފަޅުގެ ދިރުންތަކަށް އެއްވެސް ނުރައްކަލެއް ކުރިމަތިވިޔަނުދީ ރައްކާތެރި ގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީވެސް ދިވެހިންގެ ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ. އަދި ރައީސް ވަނީ މިއަދަކީ ޑަބްލިޔުއެޗްއޯގެ 75 ވަނަ އަހަރީ ދުވަހަށްވުމާއެކު އެ ޖަމިއްޔާގެ ފަރާތުން ރާއްޖޭގެ ސިއްހީ ދާއިރާއަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގު ވަޒަންކޮށް އެންމެހައި ދިވެހިންގެ ނަމުގައި އެ ޖަމިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ.

ދައުލަތުގެ ފަރާތުން އިންތިޒާމީ ގޮތެއްގައި ރައްޔިތުންނަށް ސިއްހީ ހިދުމަތް ދިނުމުގައި މި ހޭދަވި މުއްދަތުގެ ތެރޭގައިވެސް އެންމެ ކާމިޔާބު ސިއްހީ ހިދުމަތުގެ ނިޒާމެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ޕަބްލިކް ހެލްތުގެ ދާއިރާ ފުޅާކޮށްގެން ރައްޔިތުންގެ ދުޅަހެޔޮކަން ދެމެހެއްޓުމުގެ ނިޒާމު ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހިންގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަމަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ ގައިން ގަޔަށް ނާރާ ނުރައްކާތެރި ބަލިތައް ދިވެހިންގެ މެދުގައި ފެތުރެމުން ދިއުން ކަމަށާއި މިފަދަ ބަލިތަކުގައި ފަރުވާ ހޯދަންޖެހޭ މީހުންގެ އަދަދު މަތިވަމުން ދިއުމަކީ ސިއްހީ ހިދުމަތުގެ ނިޒާމަށް ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.