އައްޑޫ ސިޓީ ހިތަދޫގައި ޓޫރިޒަމަށް ދޫކޮށްފައި އޮތް ހުސް ބިމެއްގައި ހުރި ކުނިތަކެއްގައި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ އެ ސަރަހައްދުގައި އަލިފާން ރޯވެގެން ރިޕޯޓް ކޮށްފައި ވަނީ މިއަދު އިރުއޮއްސި 6:45 ހާއިރު ކަމަށެވެ. އަދި އެ ސަރަހައްދުގައި މިހާރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ހިތަދޫ ފަޔާ ސްޓޭޝަނުން ދަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

އެއީ ހުސްކޮށް އޮތް ބިމެއް ކަމުގައި ވިޔަސް ވިނައާއި ގަސްތައް އެ ސަރަހައްދުގައި ހުރުމުން އަލިފާންގަނޑު ވަނީ ކޮންމެވެސް ވަރަކަށް ފެތުރިފައެވެ. އަދި އެ ސަރަހައްދުގައި އަލިފާން ރޯވެ ދުމުގެ އަސަރުވެސް ވަރަށް ބޮޑަށް ފެންނަން އެބަ ހުރި ކަމަށް އެމްއެންޑީޢެފުން އާންމުކުރި ފޮޓޯތަކުން ފެނެއެވެ.

މި އަލިފާނުގެ ހާދިސާއިން އެއްވެސް މީހަކަށް އަނިޔާވި ކަމެއް އަދި ސާފުވާ ގޮތެއް ނުވެއެވެ. އަދި މި އަލިފާން ހިނގަން މެދުވެރިވި ސަބަބު ވެސް ދެނެގަނެވިފައެއް ނުވެއެވެ.