ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ހެދުމުގެ ދައުވަތު ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ޕާޓީ، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އަށް ޖޭޕީން ފޮނުވައިފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކަކަށް ދައުވަތު ދޭ އުސޫލުން ކޯލިޝަން ހެދުމަށް އެމްޓީޑީއަށް ވެސް ވާނީ ދައުވަތު ދީފައި ކަމަށެވެ.

އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެފައިވާ ފަދައިން އެ ޕާޓީއަކީ ހުރިހާ ޕާޓީތަކާ ވެސް ގުޅިފައިވާ ރޫހެއްގައި ހުރިހާ ފަރާތްތަކަކާ އެކުގައި ވެސް މަސައްކަތް ކުރުމުގެ މަގްސަދުގައި އޮތް ޕާޓީއެއް ކަމަށް އާރިފް ވިދާޅުވިއެވެ. އެ ގޮތުން މިހާރު ރާއްޖޭގައި ހުރި ހުރިހާ ޕާޓީއަކަށް ވެސް ދައުވަތު ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެތެރޭގައި އިދިކޮޅުގައި މިހާރު އޮތް ޕީޕީއެމް، ޕީއެންސީ އާއި މިހާރު ސަރުކާރާއެކު ކޯލިޝަންގައި އޮތް އެމްއާރްއެމް ވެސް ހިމެނެއެވެ. ހަމައެއާއެކު ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި، ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރާއި، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އެމްއެންޕީ އަށް ވެސް އެ ޕާޓީން ވަނީ ދައުވަތު ދީފައެވެ.

އަންނަ އިންތިހާބުގައި ވާދަކުރުމަށް މިހާތަނަށް ނިންމާފައި ވަނީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުންނާއި، އުމަރާއި، މުނައްވަރުގެ އިތުރުން އެމްއެންޕީއެވެ. ނަމަވެސް އޭގެ ތެރެއިން ވެސް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިވަގުތު ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާތީ ވާދަކުރުމުގެ ފުރުސަތު އެމަނިކުފާނަށް މިވަގުތަށް ވަނީ ބަންދުވެފައެވެ.

އެމްއާރުއެމަށް ޖޭޕީން ދައުވަތު ފޮނުވާފައިވީ ނަމަވެސް، އެ ޕާޓީން އަދި އިންތިހާބުގައި ކުރިއަށް ދާނެ ވަކި ގޮތެއް ނުނިންމައެވެ. ޖޭޕީގެ އިތުރުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ އެމްއާރުއެމަށް ކޯލިޝަން ހެދުމުގެ ދައުވަތު ފޮނުއްވައިފައެވެ.

ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހަދަން މިހާތަނަށް އެއްބަސްވެފައި ވަނީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެ ޕާޓީގެ ތެރޭގައި އުފައްދަވާފައިވާ "ފިކުރެއްގެ ދިރުން" ފެކްޝަނުންނެވެ. އެ ފެކްޝަނާ އެކު ޖޭޕީން ވާހަކަތައް ފަށައި، މެނިފެސްޓޯ އެއް އެކުލަވާލުމުގެ މަސައްކަތް ވެސް ވަނީ ފަށައިފައެވެ.