އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ މައްޗަށް އުފުލާފައިވާ، ޖިނާއީ ދައުވާތަކަށް އިންކާރު ކުރައްވައި، އޭނާގެ ކުށަކީ އަދާވާތްތެރިންގެ ކިބައިން ގައުމު ސަލާމަތް ކުރައްވަން އުޅުއްވުން ކަމުގައި ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހު ނިއުޔޯކްގެ މެންހަޓަން ކޯޓަށް ހާޒިރުވެވަޑައިގަތުމަށް ފަހު، ދައުވާތައް އައްސަވާ، އެނބުރި އޭނާގެ ރިސޯޓް، ފްލޮރިޑާގެ މާރް-އޭ-ލާގޯ އަށް ވަޑައިގެން ކޯފާ އިސްކުރައްވާ ސަޕޯޓަރުންނާ މުހާތަބް ކުރައްވާ ވިދާޅުވީ، "އެމެރިކާ އިސް ގޮއިން ޓް ހެލް" (ކަމަކާ ނުވަތަ މީހަކު ދެކެ ރުޅި އައިސްފައި ހުރިކަން ހާމަ ކުރުމަށް ބުނެއުޅޭ ޖުމްލައެއް) ކަމަށެވެ.
އުމުރުން 76 އަހަރުގެ ޓްރަމްޕުގެ މައްޗަށް އުފުލާ މި ދައުވާ ތަކަކީ 2016 ގެ އިންތިހާބުގެ ކުރިން ހިންގަވާފައިވާ ކުށްތަކެއް ކަމަށް ބުނެ އުފުލާފައިވާ ދައުވާތަކެކެވެ. އެ ދައުވާތަކުގެ ތެރޭގައި ބަރަހަނާ ފިލްމް ކުޅޭ، ޕޯންސްޓާރެއްގެ "އަނގަ ބަންދު ކުރުމަށް" 130،000 ޑޮލަރު ދެއްވި މައްސަލައަކާއި ޓްރަމްޕްގެ ނަހަލާލު ދަރިއެއް ހުންނަކަން އެނގޭ، ޓްރަމްޕް ޓަވަރުގެ ދޮރުވާނަށް 30،000 ޑޮލަރު އަދި އަދި ޓްރަމްޕާއެކީ ޖިންސީ ނަހަމަ ގުޅުން ހިންގި ކަމަށް ބުނާ ޕްލޭބޯއީއެއްގެ "އަނގަ ބަންދު ކުރަން" ވެސް 150،000 އެމެރިކާ ޑޮލަރު ދިން ކަމަށް ބުނާ މައްސަލަ ހިމެނެއެވެ.
މި ގޮތަށް ފައިސާގެ މުއާމަލާތް ކުރުމަކީ އެމެރިކާގައި މަނާކަމެއް ނޫން ނަމަވެސް ޓްރަމްޕްގެ މައްޗަށް މި ދައުވާތައް ކުރަނީ، އިންތިހާބުގެ ގާނޫނުގެ ދަށުން އެމުއާމަލާތްތަކުގެ މައުލޫމާތު ހާމަކުރައްވާފައި ނުވާތީއެވެ. އިންތިހާބުތަކާ ބެހޭ ގާނޫނު ބުނާގޮތުން، ޓްރަމްޕް ކުށްވެރިވެއްޖެ ނަމަ 4 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.
އަންގާރަ ދުވަހު ކޯޓަށް ހާޒިރުކޮށް ދައުވާތައް އިއްވާފައި ވާ އިރު، މިދައުވާތަކުގެ ޝަރީއަތް ރަސްމީކޮށް ފެށޭނީ އަންނަ އަހަރުގެ ޖެނުއަރީގައި ކަމަށް ހަބަރުތައް ބުނެއެވެ.
ޓްރަމްޕަކީ އެމެރިކާގެ ތާރީހުގައި ރައީސެއްގެ މައްޗަށް ޖިނާއީ ދައުވާ އުފުލި ފުރަތަމަ ރައީސެވެ.