އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލް ކުރަން ސަރުކާރުން ނިންމި ނިންމުން ތަންފީޒު ކުރުން މަޑުޖައްސާލަން ސިވިލް ކޯޓުން އެންގީ ރަނގަޅަށް ކަމަށް ހައި ކޯޓުން ހުކުމް ކޮށްފިއެވެ.

ގަވާއިދާ ހިލާފަށް ރަޖިސްޓްރީ ކުރިކަމަށް ތުހުމަތުކޮށް 200 އެއްހާ ވެހިކަލްގެ ރަޖިސްޓްރީ ބާތިލްކުރަން ސަރުކާރުން ނިންމާފައި ވަނިކޮށް އޭގެ ތެރެއިން 87 ވެހިކަލްގެ ރަޖިސްޓްރީ ބާތިލްކުރުން މަޑުޖައްސާލަން ސިވިލް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފައެވެ. ސިވިލް ކޯޓުން އެ އަމުރު ނެރެފައިވަނީ ރަޖިސްޓްރީ ބާތިލުކުރި ވެހިކަލްތަކުގެ ވެރިންގެ ތެރެއިން ނުވަ މީހަކު މިނިސްޓްރީގެ އެ ނިންމުމަށް އަމަލުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ކޯޓުގައި އެދުމުންނެވެ.

ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފް ކޮށްފައި ވާއިރު މިއަދު ހައިކޯޓުން ކުރި ހުކުމުގައި ވަނީ އެ ވެހިކަލްތަކުގެ ރަޖިސްޓްރީގެ ސައްހަކަމާ މެދު ގޮތެއް ނިންމޭނީ ސިވިލް ކޯޓުން ބަލާ މައުޟޫއީ މައްސަލައިގެ ތެރެއިން ކަމަށެވެ. އިތުރަށް ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ ކޯޓުން ގޮތެއް ނުނިންމަނީސް އުޅަނދުގެ ރަޖިސްޓްރީ ބާތިލްވެފައި އޮވެއްޖެނަމަ ގެއްލުން ލިބޭނީ އުޅަނދުގެ ވެރިފަރާތަކަށް ކަމަށެވެ. އަދި އެކަމަކު ދައުލަތަށް ލިބޭނެ ގެއްލުމެއް ނެތް ކަމަށް ހައި ކޯޓުގެ ހުކުމުގައި ވަނީ ބުނެފައެވެ.

މީގެ ކުރިން ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލުކުރަން ނިންމީ ރަޖިސްޓްރީ ކުރެވޭ އުމުރު ހަމަވެފައި ވަނިކޮށް އޮޅުވާލައިގެން ރަޖިސްޓްރީ ކޮށްފައިވުމުންކަމަށެވެ. އަދި ގަވާއިދާ ހިލާފަށް މާލޭ ޒޯނަށް ރަޖިސްޓްރީ ބަދަލުކޮށްފައިވާތީ ކަމަށެވެ.