ހުޅުމާލޭގައި މިރޭވެސް އެކްސިޑެންޓެއް ހިނގާ، މީހަކަށް އަނިޔާވެއްޖެއެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ ހުޅުމާލެ ފިތުރޯނު މަގު ފެރީ ޓާމިނަލް ކައިރިން ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު މިރޭ 9:38 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން 26 އަހަރުގެ ދިވެހި އަންހެންކަށް އަނިޔާވެ ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން ކަމަށާއި އެ އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ރޭ ވެސް އެކްސިޑެންޓެއް ހިނގާފައިވާއިރު އެ އެކްސިޑެންޓަކީ ސިނަމާލެ ބްރިޖްގައި އެމްޓީސީސީގެ އާރުޓީއެލް ބަހަކާއި ކާރެއް ޖެހި ހިނގާފައިވާ އެކްސިޑެންޓަކަށްވާއިރު މީހަކަށް އަނިޔާ ނުވި ނަމަވެސް ޓްރެފިކް ފްލޯއަށް ބުރޫ އެރިއެވެ.

ވޭތު ވެދިޔަ 2 ދުވަސް ތެރޭގައި ދެ އެކްސިޑެންޓެއް ހިނގާފައިވެއެވެ. އޭގެ ތެރެއިން އެއް އެކްސިޑެންޓު ރޭ ދަންވަރު ހިނގާފައިވާއިރު، ދެވަނަ އެކްސިޑެންޓު ހިނގާފައި ވަނީ މިއަދު ހެނދުނު 10 ޖަހާކަން ހާއިރެވެ. އޭގެ ތެރެއިން ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންގެ ތެރެއިން އެކަކުގެ ހާލު ސީރިޔަސްވުމުން އޭނާ އަށް އޭޑީކޭގައި ފަރުވާ ދެމުން ގެންދާއިރު، މިއަދު ހިނގި އެކްސިޑެންޓުގައި މީހަކު ވަނީ މަރުވެފައެވެ.