މާލޭ ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ހިދުމަތް ރަސްމީކޮށް ފަށައިފި އެވެ.
ވިލިމާލޭގައި ބަގީގެ ހިދުމަތް ފެށުމަށްޓަކައި މިދިޔަ ޖެނުއަރީ މަހު 10 ބަގީ މާލޭ ސިޓީ ކައުންސިލުން ގެނެސްފައި ވާއިރު 12 މީހުންގެ ޖާގައިގެ ބަގީއަކާއި ހަ މީހުންގެ ޖާގައިގެ ތިން ބަގީގެ އިތުރުން ހަތަރު މީހުންގެ ޖާގައިގެ ތިން ބަގީ ހިމެނެއެވެ. އަދި އިމަޖެންސީކޮށް ބަލިމީހުންނަށް ދަތުރުކުރެވޭ ބަގީ އަކާއި ފޮށި ފަދަ ތަކެތި ލެވޭ ދެ ބަގީ ވެސް ވަނީ ގެނެސްފައެވެ.
މީގެ ކުރިން ބަގީގެ ހިދުމަތް ފެށުމަށް އެކި ތާރީހުތައް ކަނޑައެޅި ނަމަވެސް އެކި ސަބަބު ތަކާ ހުރެ ހިދުމަތް ރަސްމީކޮށް ފެށުން މަޑުޖައްސާލިއެވެ. އެއަށްފަހު ހާއްސަ ރަސްމިއްޔާތަކާއެކު ރޭ ފެށި މި ހިދުމަތް ރަސްމީކޮށް ފައްޓަވާ ދެއްވީ ކައުންސިލްގެ މޭޔަރު، ޑރ. މުހައްމަދު މުއިއްޒު އެވެ.
ރަސްމިއްޔާތުގެ ބައިވެރިންނާ ވާހަކަ ދައްކަމުން މުއިއްޒު ވިދާޅުވީ، ބަގީގެ ހިދުމަތް އެންމެ ރަނގަޅަށް ފޯރުކޮށްދެވޭނީ ރައްޔިތުންގެ އެއްބާރުލުން އެކަމުގައި ލިބިގެން ކަމަށެވެ. އަދި ބަގީ އެންބިއުލާންސްގެ ހިދުމަތް ރަނގަޅު ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ޕެރެމެޑިކް އަށް ހާއްސަ ފަރާތެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
ބަގީގެ ހިދުމަތް ދިނުމަށް ކައުންސިލުން ވަނީ އަގުތައް ވެސް ކަނޑައަޅާފައެވެ. އާންމު ދަތުރުތަކަށް ދެ ރުފިޔާގެ ރޭޓުން އަގު ކަނޑައަޅާފައި ވާއިރު، ޕްރައިވެޓް ދަތުރުތަކުގެ އަގުތައް ތަފާތުވާނެ ކަމަށް ކައުންސިލުން ބުނެއެވެ. އެގޮތުން،
- ހަތަރު ސީޓުގެ ބަގީއަކަށް ހަ ރުފިޔާ
- ހަ ސީޓުގެ ބަގީއަކަށް 10 ރުފިޔާ
- 12 ސީޓުގެ ބަގީއަކަށް 15 ރުފިޔާ
މީގެ އިތުރުންވެސް ހަ އަހަރުން ދަށުގެ ކުޑަކުދިންނާއި 65 އަހަރުން މަތީގެ މީހުންނާއި ސްކޫލް ޔުނިފޯމުގައި ތިބޭ ދަރިވަރުންގެ އިތުރުން އެންސްޕާގައި ރަޖިސްޓްރީ ވެފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިލޭ ދަތުރުކުރެވޭނެ ކަމަށް ކައުންސިލުން ބުންޏެވެ. އަދި ރޯދަ މަސް ނިމެންދެން އާންމު ދަތުރުތައް ހިލޭ ކުރެވޭނެ އެވެ.
މީގެ އިތުރުންވެސް އޮންލައިންކޮށް ބަގީގެ ހިދުމަތް ހޯދުމަށް ވެބްސައިޓް މެދުވެރިކޮށް އެ ހިދުމަތައް އެދެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
އަމިއްލަ ކުންފުންޏެއް ކަމަށްވާ "ނައިންޓީ ނައިން ހޯލްޑިން" އިން ވަނީ ބަގީގެ ހިދުމަތް ވިލިމާލޭގައި މީގެ ކުރިން ދީފައެވެ. ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް ބަޔަކާ އެންމެ ފުރަތަމަ ހަވާލުކުރީ ޖޫން 17، 2013 ގައެވެ. "އިމް ޕްރިންޓް" ނަމަކަށް ކިޔާ ކުންފުންޏަކަށް އެ މަސައްކަތް ހަވާލުކުރި ނަމަވެސް އެ ކުންފުނިން ވަނީ ހަ މަސް ފަހުން ނައިންޓީ ނައިން ހޯލްޑިން އަށް މަސައްކަތްތައް ބަދަލުކޮށްފައެވެ.
އޭގެ ފަހުން ވިލިމާލޭގައި ބަގީގެ ހިދުމަތްތައް ނުދޭތާ ދުވަސްތަކެއް ވަނީ ވެފައެވެ. ބަގީގެ ހިދުމަތް ފެށުނު އިރު ވިލިމާލޭގައި މިހާރު ދަނީ އެމްޓީސީސީގެ ފަރާތުން ދަތުރަކަށް 5 ރުފިޔާގެ މަގުން ބަހުގެ ހިދުމަތްވެސް ފޯރުކޮށް ދެމުންނެވެ.