ޖުމްހޫރީ ޕާޓީގައި ހުންނެވި ރައްޔިތުން މަޖިލީހުގެ އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު އެ ޕާޓީ ދޫކޮށް ވެރިކަން ކުރަމުންދާ މައި ޕާޓީ ކަމަށްވާ އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.

އަލީ ހަމީދު މުލިއާގޭގައި އެމްޑީޕީއަށް ސޮއި ކުރެއްވި އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން އެމްޑީޕީގެ އިސް ލީޑަރުން އެ ތަނުގައި ތިއްބެވިއެވެ. ރައްޔިތުންގެ މަޖިލީހުގެ މަގާމު އަދާކުރައްވަން ފެއްޓެވީއްސުރެެ ޖޭޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވި އަލީ ހަމީދު އެޕާޓީއިން ވަކިވެވަޑައިގެން އެމްޑީޕީއާ ގުޅިވަޑައިގަތުމުން މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މެންބަރުންގެ އަދަދުވަނީ 67 އަށް އަރާފައެެވެ.

ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބަށް ވަގުތު ކުޑަތަން ވެފައިވާ މިދަނޑިވަޅުގައި އަލީ ހަމީދު އެމްޑީޕީއަށް ގުޅިވަޑައިގެންފައި ވާއިރު ޖޭޕީގެ ރައީސް ގާސިމް އިބްރާހިމް ވަނީ ޖޭޕީގެ ފަރާތުން މިހާރު އޮތް ކޯލިޝަނާ ވަކިން އިންތިހާބުގައި ވާދަކުރުމަށް ނިންމާފައެވެ. ގާސިމް ވާދަކުރައްވާނެކަން އިއުލާނު ކުރެއްވި ފަހުން ޖޭޕީގެ ގިނަ މެންބަރުުންތަކެއް ވަނީ އެ ޕާޓީއިން ވަކިވެފައެެވެ.

ސަރުކާރު ވަޒީފާގައި އިއްބެވި އެ ޕާޓީގެ ބޭފުޅުން ވަކިވުމާއި ގުޅިގެން ގާސިމް ވިދާޅުވެފައިވަނީ ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ޖޭޕީގެ ބައެއް ބޭފުޅުން އެ ބޭފުޅުންގެ މަގާމު ދިފާއު ކުރެއްވުމުގެ ނިޔަތުގައި ޕާޓީއާއި ޕާޓީގެ ލީޑާޝިޕް ބަދުނާމު ނުކުރައްވާ، ކަމުގެ ހަގީގަތާ އެއްގޮތަށް ކަންކަން ހާމަކުރެވުން ރަނގަޅުވާނެ ކަމަށެވެ. އެ ގޮތުން ވަޒީފާގެ ބޭނުމަށްޓަކައި ޕާޓީއިން ވަކިވާކަން އިއުލާން ކުރެއްވުން ކިހިނެއް ވާނެ ތޯ އައްސަވާ ގާސިމް ވަނީ ސުވާލު އުފައްދަވާފައެއެވެ.

ޖޭޕީއިން ވަކިވި މެންބަރުންނަށް ބަލާއިރު އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އަދި އެމްޓީސީސީގެ އެމްޑީ އާދަމް އާޒިމް ވެސް ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމްގެ އެޑްވައިޒަރުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. މީގެ ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރާއި އިމިގްރޭޝަން ކޮންޓްރޯލާ އަހްމަދު މުހައްމަދު (ހަނަފީ) ވެސް ވަނީ ރައީސް ސޯލިހަށް ތާއީދުކުރައްވާ ޖޭޕީ ދޫކުރައްވާފައެވެ.