ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލީޓަށް އޭޓީއާރު މަރުކާގެ ބޯޓެއް އިތުރުކޮށްފިއެވެ.

މިއަދު މެންދުރުފަހު 3:45 ހާއިރު ވެލާނާ އެއާޕޯޓަށް ޖެއްސި 600-42 މަރުކާގެ މި އޭޓީއާރު ބޯޓަކީ މީގެ ކުރިން ގެނައި ދެ ބޯޓަށް ވުރެ ކުޑަ، 48 ފަސިންޖަރުންގެ ބޯޓެކެވެ.

ވެލާނާ އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ވިދާޅުވީ، އޭޓީއާރު ބޯޓުތަކުގެ ސަބަބުން، މެއިންޓަނެންސް ހަރަދުތައް ކުޑަވެގެން ދާނެ ކަމަށެވެ. އޭނާ ވިދާޅުވީ، މި އަހަރާއި އަންނަ އަހަރު ހުރިހާ ފްލައިޓެއް އާ ކޮށް ނިމޭނެ ކަމަށެވެ.

ޖެނިފާ ވިދާޅުވި ގޮތުގައި، މި އަހަރު ގެނައި އޭޓީއާރުގެ ތިން ފްލައިޓުގެ އިތުރަށް އެ މަރުކާގެ ފަސް ފްލައިޓެއް އިތުރުކުރުމަށް ހަމަޖެހިފައިވެއެވެ.

އޭޓީއާރު މަރުކާގެ ފްލައިޓްތައް ގެނައުމާ އެކު ޓިކެޓުތަކުގެ އަގުތައް ދައްވާނެތޯ ސުވާލުކުރުމުން ޖެނިފާ ވިދާޅުވީ، ތެލުގެ އަގަށް ހެޔޮ ބަދަލުތައް އައުމުން ދަތުރުތަކުގެ އަގުހެޔޮވާނެ ކަމަށާއި، ކޮންމެ ދަތުރެއްގެ ގާތްގަނޑަކަށް 40 ޕަސެންޓު ހަރަދަކީ ތެލަށް ކުރާ ހަރަދު ކަމަށެވެ.

މޯލްޑިވިއަނުން ވަނީ އޭޓީއާރު މަރުކާގެ ތިން ފްލައިޓެއް ގެނައުމަށް މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ މެދުތެރޭގައި ފްރާންސްގެ އޭޓީއާރު ކުންފުންޏާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މޯލްޑިވިއަނުން މީގެ ކުރިން ބުނި ގޮތުގައި، އެ ބޯޓުތަކާއެކު ތެލަށް ކުރާ ހޭދަ ތިން ޕަސެންޓު ކުޑަވެ، ބޯޓުތަކުގެ އިންޖީނުގެ މެއިންޓަނެންސަށް ކުރާ ހަރަދު 20 ޕަސެންޓު ކުޑަވެގެން ދާނެއެވެ.

އޭޓީއާރު 600-42 މަރުކާގެ މި ބޯޓުގެ އިތުރުން މޯލްޑިވިއަނުން ވަނީ އޭޓީއާރު 600-72 މަރުކާގެ ދެ ބޯޓެއް ދާދިފަހުން ގެނެސްފައެވެ. އެ ތިން ބޯޓު ގަތުމަށް ޖުމްލަ 925 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.