ޕާޓީ އޮފީހަށް ވަދެވަޑައިނުގެންނެވުނު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ އެމްޑީޕީއަށް ޗޮއިސްއެއް ނޫން ކަމަށް އުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ވައްޑެ މިފަދައިން ފާޑުވިދާޅުވެފައި ވަނީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވާދަކުރައްވަން ނިންމެވުމާ ގުޅިގެން ގިނަ ބަޔަކު ޖޭޕީ ދޫކޮށް ރައީސް ސޯލިހަށް ތާއީދުކުރައްވަން ނިންމަވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.

އެގޮތުން ވައްޑެ ރައީސް ސޯލިހަށް ފާޑުވިދާޅުވެ ވަނީ ކޯލިޝަން ނުހިފެހެއްޓެވުނު ތާނގައި އެމްޑީޕީވެސް އެކުވެރިކޮށް ބަދަހިކޮށް ނުހިފެހެއްޓެވުނު ކަމަށް ވެސް ވިދާޅުވެފައެވެ. އަދި ގައުމީ މަޖިލިސް ޖަލްސާއެއްގައި ބައިވެރިވެވަޑައި ނުގަންނަވާ ކަމަށާއި އެމްޑީޕީގެ އާއްމު މެމްބަރުން ވިއްސިވިހާލިވާން ދޫކޮށްލެެއްވި ކަމަށްވެސް ވައްޑެ ވަނީ ތުހުމަތު ކުރައްވާފައެވެ.

މިދިޔަ ޖެނުއަރީ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ނާކާމިޔާބުވެ ވަޑައިގެންނެވުމުން އެ ޕާޓީގެ ތެރޭގައި އުފެދިފައިވާ ބައިވައިވުން ވަނީ އިތުރުވެފައެވެ. އަދި ބަހުގެ ހަމަލާތައް ވެސް އިތުރުވެފައި ވާއިރު ގާސިމް ވާދަކުރައްވަން ނިންމެވުމާއެކު ރައީސް ނަޝީދު ވަނީ ގާސިމާ ކޯލިޝަން ހައްދަވައި، ނަޝީދުގެ ޒަމާންވީ ރަހުމަތްތެރިޔާ، ރައީސް ސޯލިހު ދޫކޮށްލައްވާފައެވެ.

އެއާއެކު ރައީސް ނަޝީދުގެ ފެކްޝަންގައި ހިމެނޭ ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ގެންދަވަނީ ވަކިކުރަމުންނެވެ.