ހެރިޓޭޖު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު، އަދި ފިލްމީ ތަރި ވަލީދާ ވަލީދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވައި ޖުމްހޫރީ ޕާޓީއިން ވަކިވެވަޑައިގަތުމަށް ނިންމަވައިފިއެވެ.

ވަލީދާ މިހެން ނިންމަވާފައި ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކޯލިޝަންއާ ވަކިން ވާދަކުރައްވަން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ނިންމަވާފައި ވަނިކޮށެެވެ.

ވަލީދާ ވިދާޅުވީ ދެވަނަ ދައުރަކަށް ރައީސް ސޯލިހު ހޮވުމަށް މި ސަރުކާރާ ގުޅިގެން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދިނުމަށްޓަކައި ޖުމްހޫރީ ޕާޓީ އިން ވަކިވާން ނިންމެވީ ކަމަށެވެ. އަދި ޖޭޕީއިން ވަކިވާން ވަރަށް އަވަހަށް ސިޓީ ފޮނުއްވާނެ ކަމަށް ވިދާޅުވެ ވަލީދާ ވަނީ ޖުމްހުރީ ޕާޓީގެ ސޯޝަލް ގްރޫޕްތަކުން ވެސް ނިކުމެފައެވެ.

ޖޭޕީއިން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއެކު ސިޔާސީ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ އިރު ރައީސް ނަޝީދުގެ ފެކްޝަންގައި ހިމެނޭ ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ގެންދަވަނީ ވަކިކުރަމުންނެވެ. އަދި ރިޔާސީ އިންތިހާބަށް ޖޭޕީއިން ނިންމި ނިންމުމާ ގުޅިގެން ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރާއި އިމިގްރޭޝަން ކޮމާންޑަރު އަހްމަދު މުހައްމަދު (ހަނަފީ) ވެސް ވަނީ ރައީސް ސޯލިހަށް ތާއީދުކުރައްވާ ޖޭޕީ ދޫކުރައްވާފައެވެ.