ވޭތުވެތިޔަ ތިން އަހަރު ޒަކާތު ފަންޑުން ބޭސް ފަރުވާއަށް 35 މިލިއަނަށް ވުރެ ބޮޑު ހަރަދެއް ކޮށްފައިވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ޒަކާތު ފަންޑާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ކުރެއްވި ސުވާލަށް މަޖިލީހަށް ލިޔުމުން ޖަވާބު ފޮނުއްވަމުންނެވެ.

ބޮންޑޭ ސުވާލު ކުރެއްވީ ޒަކާތު ފަންޑުން ބޭސްފަރުވާއަށް އެހީދޭ އުސޫލަކީ ކޮބައިތޯ ސާފުކުރެއްވުމަށާއި ވޭތުވެ ދިޔަ ތިން އަހަރު ޒަކާތު ފަންޑުން ބޭސް ފަރުވާއަށް ކުރި ހަރަދުގެ ތަފްސީލް ހޯދުމަށެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ޒަކާތު ފަންޑުން ބޭސްފަރުވާއަށް އެހީދެނީ ފުދުންތެރިކަން ނެތް މީހުންނަށް ޒަކާތު ފަންޑުން ބޭސްފަރުވާއަށް އެހީ ދިނުމުގެ އުސޫލުގެ ތެރެއިން ކަމަށެވެ.

ފާއިތުވި ތިން އަހަރު (2019، 2020، 2021)މި އުސޫލުގެ ދަށުން 35 މިލިއަނަށް ވުރެ ބޮޑު ހަރަދެއް ކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއީ:

  • 2019 ވަނަ އަހަރު 22.5 މިލިއަން ރުފިޔާ
  • 2020 ވަނަ އަހަރު 6.3 މިލިއަން ރުފިޔާ
  • 2021 ވަނަ އަހަރު 7 މިލިއަން ރުފިޔާ

ޒަކާތުފަންޑުން ބޭސްފަރުވާއަށް އެހީދެނީ ފުދުންތެރިކަން ނުހުންނަ މީހުންނަށެވެ. ޒަކާތު ފަންޑުން ބޭސްފަރުވާއަށް އެހީދެނީ ރާއްޖެއިން ބޭރުގައި އެޑްމިޓު ނުވެ ބޭސްފަރުވާ ކުރުމަށް އެދޭ، އާސަންދައިން އެހީނުލިބޭ ނުވަތަ އާސަންދައިން ލިބޭ އެހީ އިން ނުފުދޭ ބަލި މީހުންނަށެވެ.