ސްޓާޕްލަސް އިން ދައްކަމުން އަންނަ އެންމެ މަގްބޫލު ޑްރާމާ ސިލްސިލާ "އަނުޕަމާ" ގެ އެންމެ ފަހުގެ އެޕިސޯޑުތައް ވަރަށް ޝައުގުވެރިއެވެ.

ޑްރާމާގެ ލީޑު ތަރި ރުޕާލީ ގަންގޫލީ (އަނުޕަމާ) ގެ ފުރަތަމަ ކައިވެނި އޭނާގެ ފިރިމީހާ ސުދަންޝޫ ޕާންޑޭ (ވަންރާޖް) ބޭވަފާތެރިވުމުގެ ސަބަބުން އަނުޕަމާ އޭނާގެ ކިބައިން ވަރިވެ މިހާރު އުޅެނީ ގޯރަވް ކަންނާ (އަނުޖް) އާއި ކައިވެނިކޮށްގެންނެވެ. އަނުޕަމާ އާއި އަނުޖްގެ ކައިވެންޏަށް އަނޫ ކިޔާ ކުއްޖަކު ފޮސްޓާ ކުރި ކަން މީގެ ކުރީ އެޕިސޯޑުތަކުގައި ވާނީ ފެނިފައެވެ. ނަމަވެސް އަނުޖް އާއި އަނުޕަމާގެ މުޅި ދިރިއުޅުން އެފުށްމިފުށަށް ޖަހާލަނީ އަނޫ ގެ އަސްލު މަންމަ ޑްރާމާ އަށް އަންނަ ހިސާބުންނެވެ. އަނޫ ވިހެއުމަށްފަހު މާޔާ، އަނޫ ކުދިން ބަލަހައްޓާ ތަނަށް ލާންޖެހުނީ އޭރު މާޔާގެ މަޖުބޫރީ ހާލަތުންނެވެ.

މާޔާ އެކަން އަނުޕަމާ އަށް ވިސްނައިދެއެވެ. އަދި އަނުޕަމާ މެން ގެއަށް މާޔާ ދިރިއުޅުން ބަދަލުކުރީ 15 ދުވަސްތެރޭ އަނޫ ގެ ހިތް މާޔާ އަތުލައިފިނަމަ އުމުރުަށް އަނޫ މާޔާ އަށް ދޭ ގޮތަށް ވައުދުވެފައެވެ. އަދި ހިތް އަތުނުލެވިއްޖެނަމަ އަނުޕަމާ މެންނަށް އަނޫ ލިބޭ ގޮތަށެވެ. ނަމަވެސް އެ ވީ މަދު ދުވަސްކޮޅު ތެރޭގައި މާޔާ ވަަނީ އަނޫ މެނިޕިއުލޭޓްކުރަން އެކި ގޮތްގޮތަށް މަސައްކަތްކޮށްފައެވެ. އަދި އަނުޖް ދެކެ މާޔާ އަށް ލޯބިވެއެވެ. އެންމެފަހުން ގަދަބާރުން މާޔާ އަނޫ ގެންދެއެވެ. އެކަންވީ އަނުޕަމާ އަށާއި އަނުޖް އަށް ބަރުދާސްތުނުކުރެވޭ ފަދަ ބޮޑު ވޭނަކަށެވެ.

އަނޫ ނެތުމުގެ އިހުސާސް ދެމަފިރިންނަށް ވެއެވެ. ނަމަވެސް ދެން ކަންތައް ވެގެން ދިޔައީ އުންމީދުނުކުރާ ގޮތަށެވެ. އަނޫ ނެތުމުން އަނުޖް އާއި އަނުޕަމާގެ ގުޅުމަށް ހީނަރުކަން އައެވެ. މާޔާ އަނޫ ގެންދިޔަ މައްސަލަ އަނުޖް ޖެހީ އަނުޕަމާގެ ބޮލަށެވެ. އަދި އަނުޕަމާ ގާތުން ވަރިވާން ބޭނުންވާ ވާހަކަ އަނުޖް ބުނުމަށްފަހު އަނުޖް ގެއިން އުމުރަށް ނުކުމެވެ. އޭނާ ފަހަތުން އަނުޕަމާ ވެސް ގެއިން ނުކުމެވެ. ރޭގެ އެޕިސޯޑު ނިމުނީ އަނުޕަމާ އޭނާގެ މަންމަގެ ގެއަށް ގޮސް އޭނާގެ ހިތުގައި ހުރި ޝަކުވާތަކެއް ބަންޑުންކޮށްލާ ހިސާބުންނެވެ. އަދި މާޔާ އަށް އަނުޖް ފެންނަ ހިސާބުންނެވެ.

ކުރިއަށް އޮތް އެޕިސޯޑުތަކުގައި އަނުޕަމާ އާއި އަނުޖްގެ ކައިވެނީގެ ވާހަކަ ވަރަށް ބޮޑަށް ދެކެވިގެންދާނެއެވެ. އަދި އެމީހުން ފޮސްޓާކުރި ދަރިފުޅު އަނޫ އާއި އެކު އަނުޖް ދިރިއުޅޭނެ ކަމަށް ގިނަ ބަޔަކު ބުނެއެވެ. އެގޭގައި އަނުޖް ދިރިއުޅޭނީ މާޔާ އާއި އެކުގައި ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. އަނުޕަމާ އޭނާގެ ކުރީގެ ފިރިމީހާ ވަންރާޖް ޝާހް ގާތަށް ދާނެ ކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެއެވެ.