ތިލަމާލެ ބްރިޖު މަޝްރޫއު ހަވާލުކޮށްފައިވާ ކުންފުނި އެފްކޯންސް އިން ބްރިޖްގެ މަސައްކަތަށް ގެނައި "ރުމައިލާ" ބޯޓުގެ މަސައްކަތްތައް ނިމުމުން އެ ބޯޓު ފޮނުވާލައިފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ތިލަމާލެ ބްރިޖުގެ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ޖިނާން ވިދާޅުވީ، މާލޭ ކޮޅުން ބްރިޖްގެ މަސައްކަތް ކުރުމަށް ގެނެސް އެ ސަރަހައްދުގައި އަޅާފައި އޮތް ބޯޓު "ރުމައިލާ" މިދިޔަ އާދިއްތަ ދުވަހު ފޮނުވާލާފައިވާ ކަމަށެވެ. އަދި މިހާތަނަށް އެ ބޯޓު ބޭނުން ކޮށްގެން ކުރަން ހުރި މަސައްކަތްތައް ނިމިފައިވާ ކަމަށް ވެސް ޖިނާން ވިދާޅުވިއެވެ.

އެ ބޯޓަކީ ޖިއޯ ޕައިލް ލައިން އެޅުން ފަދަ މަސައްކަތްތަކަށް އެފްކޯންސް ކުންފުނިން ރާއްޖެއަށް ގެނެސްފައިވާ ބޯޓެކެވެ. އެގޮތުން ތިލަމާލެ ބްރިޖްގެ މަސައްކަތުގެ ތެރެއިން ޕައިލްތައް ޖެހުމަށާއި އެ ޕައިލްތަކަށް ކޮންކްރީޓް އެޅުން ފަދަ މަސައްކަތުގައި 'ރުމައިލާ' ބޭނުންކޮށްފައި ވެއެވެ.

މާލޭ ކަނޑުގައި 'ރުމައިލާ' ބޯޓު ބޭނުންކޮށްގެން ޕައިލްތައް އިންސްޓޯލް ކުރަނީ / ފޮޓޯ: އާއިޝަތު ޝާޒްލީން | ދަ ޕްރެސް

ބްރިޖްގެ މަސައްކަތްތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޖިނާން ވިދާޅުވީ، ހުރިހާ މަސައްކަތެއް ވެސް އަދި ދަނީ ހަމަ ޝެޑިއުލާ އެއްގޮތަށް ކަމަށެވެ. މަސައްކަތަށް ބޭނުންވާ ހުރިހާ ވަސީލާތްތަކެއް އެބަ ހުރި ކަމަށާއި އެއްވެސް ހުއްޓުމެއް ނެތި މަސައްކަތް މިހާރުވެސް ކުރިއަށް ދާ ގޮތަށް ޝެޑިއުލަށް ބަދަލެއް ނައިސް ކުރިއަށް ގެންދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

'ރުމައިލާ' ބޯޓު ބޭނުންކޮށްގެން ޓެސްޓް ޕައިލް އަށް ކޮންކްރީޓް އެޅަނީ / ފޮޓޯ: ދަ ޕްރެސް

6.695 ކިލޯ މީޓަރުގެ ބްރިޖާއި ކޯޒްވޭގެ މައްޗަށް އެކުލެވޭ އެ މަޝްރޫއު ވެގެން ދާނީ ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއަށެވެ. އެގޮތުން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ޖުމްލަ 3 ބްރިޖް މި މަޝްރޫއުގެ ދަށުން ހަދާނެއެވެ.

ތިލަމާލެ ބްރިޖަކީ ފުން ހިސާބުތަކުގައި 141 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް އާއި ތިލަ ހިސާބުތަކުގަ އާއި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން ހަތަރު ރަށުގެ މެދުގައި ހަދާ ބުރިޖެކެވެ. ބްރިޖްގެ އުމުރަކީ 120 އަހަރު ކަމަށް އެފްކޯންސް ކުންފުނިން ވަނީ ބުނެފައެވެ.