ސިނާއީ ދާއިރާގައި މިހާރު ހުރި މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ފަރުމާ ކުރެވިފައިވާ ތިލަފުށި ފޭސް 2 ގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތްތައް ފަށައިފިއެވެ.
އެޗްޑީސީން ބުނީ، ތިލަފުށި ފޭސް 2 ގެ އޭރިއާ ސީ ގެ 20 ހެކްޓަރު ބިން ހިއްކުމުގެ މަސައްކަތް ފަށާ އެ ސަރަހައްދައް ވެލި އެޅުމުގެ މަސައްކަތް އިއްޔެ ވަނީ ފަށާފައި ކަމަށެވެ. އެ ސަރަހައްދު ހިއްކުމަށް ހަވާލު ކުރީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓަޑާ ކަަމށާއި މި މަސައްކަތަކީ 120 ދުވަހުގެ ތެރޭގައި ނިންމަން ހަމަޖެހިފައިވާ މަޝްރޫއެއް ކަމަށް އެޗްޑީސީން ބުނެއެވެ.
ސިނާއީ އެކި މަސައްކަތްތަކަށާއި ވިޔަފާރިތަށް ހިންގުމުގަށް ޖާގައިގެ އެތައް ދަތިތަކެއް ކުރިމަތިވެ، އާންމުން ދިރިއުޅޭ ތަންތަނުގައި ގަރާޖުތަކާއި ވެއާހައުސްތައް ހުރުމުން ދިމާވާ ނުރައްކާތެރި ހާދިސާތައް ވެސް މިހާރު އާއްމުވެފައި ވާ އިރު، މާލެ ސަރަހައްދުގައި ސިނާއީ ކަންކަމަށް ހާއްސަކޮށްފައިވާ ތިލަފުށީގައި ވެސް ގިނަ މައްސަލަތަކެއް ހުރުމުން ޒަމާނީ ވަސީލަތްތަކާ އެކު ސިނާއީ ބޮޑު ސަރަހައްދެއް ތަރައްގީ ކުރުމަކީ މުހިއްމު ކަމެއް ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
އެގޮތުން ވިޔަފާރިއާއި ސިނާއީ ބޭނުންތަކަށް ތިލަފުށީގެ 152 ހެކްޓަރުގެ ބިން ހިއްކާ ތަރައްގީ ކުރުމަށް ނިންމާފައި ވަނީ ހުޅުމާލެ އާއި އެއް ފެންވަރަކަށް ކަމަށް އެޗްޑީސީން ބުނެއެވެ. އެ ތަނުގައި ޕަބްލިކް ޕްލާޒާ، ޕަބްލިކް ގްރީން ސްޕޭސް، އެކްޓިވް ވޯޓާ ފްރަންޓްސް، ފްލެކްސިބަލް ޑިވެލޮޕްމަންޓްގެ އިތުރުން ސަސްޓެއިނަބަލް ސިޓީއެއްގެ ފުރިހަމަ ކުލަ ޖެހިންގެންދާ ގޮތަށް އެ ޕްލޭން ފަރުމާކޮށްފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ. މީގެއިތުރުން އެކަމަށް ހާއްސަކޮށް ބިން ހިއްކޭ އިރު ޒަމާނީ އަދި ފުރިހަމަ ވަސީލަތްތަކުގެ އިތުރުން ތިލަފުށީގެ މަގުތައް އެންމެ ރަނގަޅު ފެންވަރުގައި ތަރައްގީ ކުރުމަށް ޕްލޭން ކޮށްފައިވާ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެފައި ވެއެވެ.
މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ބިނާކުރުމަށް ސަރުކާރާއި ގުޅިގެން އެޗްޑީސީން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. ރާއްޖޭގައި ހުރި ގިނަ ސިނާއަތްތަކަށް ބޭނުންވާނެ އެންމެ ޒަމާނީ އަދި ފުރިހަމަ ވަސީލަތްތަކާއި އެކަމަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ގާއިމު ކުރުމަކީ ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ ކަންކަން ކަމަށް އެޗްޑީސީން ބުނެއެވެ.