ސްޓޭޓް ޓްރޭޑް އޮގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހުސައިން އަމްރު މުހައްމަދު ރަޝާދު އެމަގާމުން ވަކިކުރުމާ ގުޅިގެން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑަށް އަމާޒުވި ފާޑުކިޔުންތަަކަށް އެ ބޯޑުން ރައްދު ދީފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް ސަރުކާރުން އައްޔަންކުރާ ފަރާތްތައް އައްޔަން ކުރުމާ ގުޅޭގޮތުން މީޑިއާގައި ދެކެވޭ ވާހަކަތަކުގެ ހަގީގަތް ހާމަކުރުމަށް ނޫސްވަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ، ގާނޫނު ނަންބަރު 3/2013 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓްކުރުމުގެ ގާނޫނު) ގެ 12 ވަނަ މާއްދާގެ (ޒ) ގެ 1 އަދި 2 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ސަރުކާރު ހިއްސާވާ ކުންފުނިތަކު ބޯޑްތަކަށް ސަރުކާރުން އއްޔަންކުރާ ފަރާތްތައް އައްޔަންކޮށް ވަކިކުރަނީ އެ ގާނޫނުގެ ދަށުން އެކުލަވާލާ ޑިސެމްބަރު 22، 2019 ގައި ފާސްކޮށްފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އަދި އެ އުސޫލަކީ 2013 ވަނަ އަހަރު އެ ބޯޑު ފުރަތަމަ އެކުލަވާލެވުނު ދުވަހުން ފެށިގެން ވެސް އަމަލުކުރަމުން އައި މައިގަނޑު އުސޫލުގެ އަސާސްތަކަށް ބިނާކޮށް، އިތުރަށް ހަރުދަނާކުރުމަށް ފަހު، މިހާރު އަމަު ކުރަމުން އަންނަ އުސުޅު ކަމުގައި ވެސް ޕީސީބީން ބުނެއެވެ.

ގާނޫނުން އެ ބޯޑަށް މަތިކޮށްފައިވާ އެންމެހާ މަސައްކަތްތައް އަބަދުވެސް ކުރަމުން ދަނީ، ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާއ އެއްގޮތަށް ކަމަށް ޕީސީބީން ބުނެއެވެ. އެގޮތުން އެ ބޯޑުން ނިންމާ ކޮންމެ ނިންމުމެއް ވެސް ނިންމަނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެންމެހާ ހިއްސާދާރުދައުލާތާއި ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރެވޭނެ ކަން ކަށަވަރު ކުރެވޭނެހެން މިނިވަން ކަމާއި މުސްތަގިއްލު ަކމާ އެކީގައި ކަމަށް ޕީސީބީން ބުނެއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އަމަލު ކުރަމުންދާނީ ވެސް ގާނޫނާއި ގަވާއިދާ އެއްގޮތުގެ މަތިން ކަމުގެ ޔަގީންކަން އަރުވާ ކަމަށް އެ ބޯޑުން ބުނެއެވެ.

ސަރުކާރުގެ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް މެންބަރުން އައްޔަން ކުރުމާއި ވަކިކުރުމުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމށް ގަވާއިދާއި އުސޫލުތަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަންމުންދާ ކަމަސް ވެސް ޕީބީސީން ވަނީ ބުނެފައެވެ. ވީމާ އާންމު މަސްލަހަތު ހިމެނޭ މި ފަދަ ކަންކަމުގައި ހަގީގަތާ ހިލާފް މައުލޫމާތުތައް ނުފެތުރުމަށް އިލްތިމާސް ކުރާކަމަށް ޕީސީބީން ބުނެއެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު މަގާމުން ވަކިކޮށްފައި ވާއިރު، އެ ކުންފުނި ހިންގުމަށް ވަނީ ޗީފް ފައިނޭޝަލް އޮފިސަރު (ސީއެފްއޯ) މުހައްމަދު ނިޒާމްއާ ވަގުތީ ގޮތުން ހަވާލުކޮށްފައެވެ. އަމްރު އެ މަގާމުން ވަކިކޮށްފައި ވަނީ ސަރިކާރުން އެދިގެން ޕީސީބީއަށް ސިޓީއެއް ފޮނުވުމުންނެވެ. އަމްރު ވަކިކޮށްފައިވާ އިރު ރައީސް އޮފީހުން ބުނެފައި ވަނީ، ކުންފުނީގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް މަގާމުތަކަށް ބަދަލު ގެންނަ ކަމަށާއި އެގޮތުގެ މަތިން އަމްރު ވަކި ކުރަން ނިންމީ ކަމަށެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ރައީސް މުހައްމަދު ނަޝީދަށް ނާކާމިޔާބު ވުމުން އެމްޑީޕީގެ އެތެރޭގެ ހިޔާލު ތަފާތުވުންތައް ގިނަވެ ޕާޓީ ދެ ފެކްޝަނަކަށް ބެހިފައިވާ މިދަނޑިވަޅުގައި އަމްރު ތާއިދު ކުރައްވަނީ އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނަށެވެ. އެގޮތުން ފިކުރެއްގެ ދިރުމުގެ ބޭފުޅުން ޖޭޕީއާ ބައްދަލު ކުރެއްވި އިރު ނަޝީދުގެ މަންދޫބެއްގެ ގޮތުން އަމްރު ވަނީ ޖޭޕީގެ ބޭފުޅުންނާ އެކު ބޭއްވި ބައްދަލުވުމުގައި ވެސް ބައިވެރިވެވަޑައިގެންފައެވެ.