ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި ކުރަމުން އަންނަ ދިވެހި ބޭސްވެރިކަން ފަނޑުވަމުން އަންނަ ކަމީ ހިތާމަ ކުރަންޖެހޭ ކަމެކެވެ. ނަމަވެސް އަދިވެސް ޑޮކްޓަރީ ފަރުވާއިން އެދެވޭ ނަތީޖާ ހާސިލް ނުވާ ނަމަ ގިނަ ބަޔަކު އިހްތިޔާރު ކުރަނީ ދިވެހި ބޭސްވެރިކަމެވެ. އެގޮތުން ވާގިނެތޭ ބައްޔާއި، ހުޅުހުުޅުގައި ރިއްސުމާއި، ރާއްޖެ ބައްޔާއި، ހުޅު ބިންދައިގެން ދިއުމާއި، ވައިގެ މައްސަލައާއި ނާރުގެ އެކި މައްސަލަތަކަށް ދިވެހި ބޭސްވެރިކަން މާ ރަނގަޅު ކަމަށް ބުނާ ދިވެހިން މަދެއް ނޫނެވެ.

ރޯދަ މަހަށް ހާއްސަކޮށްގެން 'ދަ ޕްރެސް' އިން ގެނެސްދޭ "މީހުން" ސިލްސިލާގައި މިއަދު މި ގެނެސްދެނީ ދިވެހި ބޭސްވެރިކަން ކުރުމުގައި ބައި ގަރުނަށް ވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ އއ. މަތިވެރިއަށް އުފަން އީސަ ހަސަންގެ ވާހަކައެވެ. އުމުރުން 66 އަހަރުގެ އީސައަކީ ދިވެހި ބޭސްވެރިކަމުގައި ގިނަ އަހަރުތަކެއް ވަންދެން މި މަސައްކަތް ކޮށް އެކަމުގެ ތަޖުރިބާ ލިބިފައިވާ މީހެކެވެ. މިހާރުވެސް އެ މަސައްކަތް ކުރަމުން އަންނަ އިރު އޭނާ އަކީ ބޭސްވެރިކަމުގެ ކަންކަން މޮޅަށް ދަންނަ މީހެއް ކަމަށް އެ ރަށު މީހުން ބުނެއެވެ.

"ކިރިޔާ ހަނދާން ހުންނަ ހިސާބުގައި ވެސް މި މަސައްކަތުގައި އުޅޭ ހަނދާން ވޭ. އަބަދުވެސް މަންމަ އާއި ބައްޕަ އަކީ މި މަސައްކަތް ކޮށް އުޅުނު ބައެއް. އޭރު މަޑު އަވީގައި ފަން އަޅައިގެން ބައްޕަ މެން މި މަސައްކަތް ކުރި އިރު، އަތް ގާތް ދިނުމާއި، ތެޔޮ ދެމުން ފަދަ ކަންކަން ކޮށް އުޅުނިން. ހިޖާމާ ޖަހާ އިރު ފުޅި ތަތް ކުރަން އުޅުނީ. ދެން ބައްޕަ ނިޔާވި ފަހުން އަޅުގަނޑު އަމިއްލައަށް މި މަސައްކަތް ކުރަން ފެށީ."
އީސާ ހަސަން

އީސަ ބުނި ގޮތުގައި މި މަސައްކަތަށް އޭނާގެ ޝައުގުވެރިކަން އުފެދުނީ ކޮން ހިސާބަކުން ކަން ސީދާ ބުނެދޭން ނޭނގޭ ކަމަށެވެ. އޭނާގެ މަންމަ އާއި ބައްޕައަކީ ވެސް ދިވެހި ބޭސްވެރިކަން ކުރި މީހުން ކަމަށާއި އެންމެ ދުރު ހަނދާނަކަށް ވެސް ހުރީ އެމީހުންނާ އެކު ބޭސްވެރިކަމުގެ މަސައްކަތުގައި އަތް ގާތް ކޮށްދިނުމުގައި އުޅުނު ދުވަސްތައް ކަމަށް އީސަ ބުނެއެވެ.

ކުޑަ އިރު ބައްޕައާއެކު ބޭސް ހެދުމުގައި އަތް ގާތް ކޮށް ދިނުމާއި، އަދި ތެޔޮ އުނގުޅުމާއި، ބޭސް އަޅައި ދިނުމުގައި އާއި ހިޖާމާ ޖަހަން ފުޅި ހިއްޕައިދިނުމަށް ވެސް އެހީތެރިވި ކަމަށް އޭނާ ބުނެއެވެ. އެހެންކަމުން ޝައުގު އުފެދިފައި މި ވަނީ އެހިސާބުން ކަމަށް އޭނާ ބުނެއެވެ. އެ ގޮތުން އަމިއްލައަށް މި މަސައްކަތް ކުރަން ފެށީ ބައްޕަ ނިޔާވި ހިސާބުން ކަމަށާއި މިއަދާ ހަމައަށް 50 އަށް ވުރެ ގިނަ އަހަރު ވެދާނެ ކަމަށް އޭނާ ބުނެއެވެ.

އީސަ ހަސަން

ދިވެހި ބޭސް ކުރުމުގައި އޭނާ އަކީ ރަށްރަށަށް ވެސް ގޮސް މީހުންނަށް ބޭސްކޮށް ދީފައި ވާ މީހެކެވެ. އެ ގޮތުން ހއ. އިހަވަންދޫ އާއި. ކ. ގުޅިއާއި، ކ. މާފުއްތާއި، އއ. ތޮއްޑޫ، ހިމާންދޫ އަށް ވެސް އޭނާ ވަނީ ގޮސް މީހުންނަށް ބޭސްކޮށް ދީފައެވެ.

"ބައެއް ފަހަރު މިހާރު ވެސް ރަށްރަށުން ބޭސްކުރަން އައުމަށް އެދި ގުޅާ، އެކަމަކު ރަށުގައި ބޭސް ކުރަންޖެހޭ ބަޔަކު އައިސ ްތިއްބާ އެހެން ނުދެވޭނެ ނޫންތޯ؟ މިހާރު ވެސް 5 ވަރަކަށް މީހުން އެބަ ތިބި. އެކަމަކު އެހެން ބޭސް ކުޔރާ ބަޔަކު ނެތިއްޔާ ރަށްރަށަށް ވެސް ދަން. މީގެ ކުރިން ވަރަށް ގިނަ ރަށްރަށަށް ވެސް ގޮސްފަ ހުންނާނެ. ހއ. އިހަވަންދޫގައި ބޭސްވެރިކަމަށް ގޮސް 2 މަހާއި 15 ދުވަހު ހުރިން. އެއީ ވަރަށް ކާމިޔާބު ދަތުރެއް. ވަރަށް ގިނަ މީހުންގެ މައިބަނދައިގެ ކަންކަމަށް ފަރުވާ ކުރިން"
އީސާ ހަސަން

އެންމެ ކާމިޔާބުކޮށް ކުރާ ބޭސްވެރިކަމަކީ ހުޅުގައި ރިހުމާއި، މައިބަނދައިގެ މައްސަލަ އާއި ކަށި ބިންދައިގެން ދިއުމުން ކުރާ ބޭހާއި ހުޅުހުޅު ނެއްޓިގެން ދިއުމުން ކުރާ ބޭސްތައް ކަމަށް އޭނާ ބުނެއެވެ. މީގެ އިތުރުން ވެސް ވާގި ނެތުމާއި، އައްސިވުމާއި ނޭވާ ހިއްލުން ފަދަ ކަންކަމަށް ވެސް އޭނާ ބޭސްކުރާ ކަމަށާއި އެއީ ވެސް ވަރަށް ކާމިޔާބު ކަމާ އެކު ކުރެވޭ ބޭސްވެރިކަން ކަމެވެ.

އާމްދަނީ ހޯދުމުގެ ގޮތުން މާވަޑިއަކާއެކު ވަޑާން ކުރުމުގެ މަސައްކަތް ކުރި ދުވަސްތަކުގެ ވާހަކަތައް ހިއްސާ ކުރަމުން އޭނާ ބުނީ، އޭރު އެކި ރަށްރަށަށް ވަޑާން ކުރުމުގެ މަސައްކަތުގައި ދާ ކަމަށެވެ. އެ ގޮތަށް ރަށްރަށަށް ގޮސް އުޅުނު އިރު ވެސް، ކުއްޖެއްގެ އަތެއް ފައެއް ބިނދިގެން ނުވަތަ ތަނަކަށް ތަދެއް އަރައިގެން ބުނުމުން އޭނާއަށް އެމީހަކަށް ބޭސްގަނޑު އަޅައިދޭން ނުގޮސް ނުހުރެވޭ ކަމަށެވެ. އެމީހަކަށް އެހީވުމަށްޓަކައި ވެސް އަވަހަށް ބޭސް ތައްޔާރުކޮށް ބޭސްގަނޑު އަޅައި ދިނުމަށް އޭނާ އަށް ވަގުތު ހުސްކުރެވޭތީ، ވަޑާމުގެ މަސައްކަތުން އޭނާ ދުރަށް ޖެހުނީ ކަމަށް އީސަ ބުންޏެވެ.

އީސާ ހަސަން ކުއްޖަކަށް ބޭސް ކުރަނީ

މީގެ އިތުރުން އޭނާ އަކީ އެ ރަށުގައި މުދިންކަން 27 އަހަރު ވަންދެން ކުރި މީހެއް ވެސް މެއެވެ. 65 އަހަރުން މައްޗަށް ދިއުމުން މަސައްކަތުން ރިޓަޔާ ވުމާ ހަމައަށް އއ. މަތިވެރީގައި މިސްކިތުގައި އިމާމްވެ ނަމާދުކޮށްފައިވާ ކަމަށް އެނާ ބުނެއެވެ. ވަޒީފާގެ ގޮތުން ރަށުގައި މަޑު ކުރަން ޖެހުނު ހިސާބުން ރަށްރަށަށް މީހުންނަށް ބޭސްގަނޑު ހަދައިދޭން ދިއުމުގައި ދަތިތަކަކާ ކުރިމަތިލާން ޖެހުނެވެ. އެހެންކަމުން އެ ދުވަސްވަރު ދިވެހި ބޭސްކުރަން ބޭނުންވާ މީހަކު ވެއްޖިއްޔާ އޭނާ ކައިރިއަށް އަންނަނީއެވެ. އެގޮތުން މިހާރު ވެސް އެ ރަށުގައި 5 ވަރަކަށް މީހުން ދިވެހި ބޭސް ކުރަން އައިސް އެބަ ތިބި ކަމަށް އޭނާ ބުނެއެެވެ.

އާންމުކޮށް ބޭސް ކުރާ އިރު އެއްފަހަރާ ބޭސްކޮށް ދެނީ 5 ވަރަކަށް މީހުންނަށް ކަމަށް އޭނާ ބުނެއެވެ. އެއީ ހެނދުނު 6:30 އިން ފެށިގެން ރޭގަނޑާ އެކު ބޭސް ކުރެވޭނީ 5 މީހުންނަށް ކަމަށް އޭނާ ބުނެއެވެ. އެއަށް ވުރެ ގިނައިން މީޙުން ނަގައިގެން އެކަން ކުރަން އުނދަގޫ ވާނެ ކަމަށް އޭނާ ބުނެއެވެ.

9 ދަރިން ތިބި އީސަގެ 6 އަންހެން ދަރިންގެ ތެރެއިން އެއް އަންހެން ދަރިއަކީ އޭނާގެ މި މަސައްކަތަށް ވަރަށް ޝައުގުވެރިކަން ހުންނަ ދަރިއެއް ކަމަށް އޭނާ ބުނެއެވެ. ހަމައެއާއެކު އެއް ފިރިހެން ދަރިފުޅު އިނދެގެން އުޅޭ ޅީ ދަރިއަކު ވެސް މި މަސައްކަތުގައި އެހީތެރިވެ ދިނުމަށް އުޅޭ ކަމަށް އޭނާ ބުނެއެވެ. މީގެ އިތުރުން އޭނާއަށް ބޮޑުބޭބެ ކިޔާ ފިރިހެނަކު ވެސް ބޭސްގަނޑު ތައްޔާރުކޮށް ބޭސް އަޅައިދިނުމުގެ މަސައްކަތް އޭނާ ކައިރިން ދަސްކޮށްގެން ކުރާ ކަމަށް އީސަ ބުނެއެވެ.

އީސާ ހަސަން އާއި އަންހެނުން ހަބީބާ ބޭސް ތައްޔާރު ކުރަނީ

އީސަގެ މަންމަ އާ ބައްޕަ އަކީ ބޭސްވެރިކަން ކުރުމުގައި އެކުގައި އެޅުނު ދެމަފިރިންކަން ފާހަގަ ކުރާ އިރު، އީސަގެ ދެމަފިރިންނަކީ ވެސް މިހާރު މި މަސައްކަތުގައި އެކުގައި މަސައްކަތް ކުރާ ދެމަފިރިންނެވެ. މިއީ މައިންބަފައިންގެ ފަރާތުން ވާރުތަ ކުރި ކަމެއް ބާއޭ ބައެއް މީހުން ސުވާލު އުފެދިދާނެއެވެ. ނަމަވެސް އީސަ ބުނާ ގޮތުގައި މިއީ އޭނާ އިންސާނިއްޔަތުކަން ހިތުގައި އޮވެ ކުރާ ހިތުން ފެށި މަސައްކަތެކެވެ.

"ވަރަށް ފަހުން ރަށެއްގެ މުދިމަކަށް ބޭސް ކުރިން، ވާގި ނެތިފަ ހުރި މީހެއް އެއީ. މީގެ ކުރިން ދެ ރަށަކަށް ގޮސް ބޭސްކޮށްގެން ރަނގަޅު ނުވެގެން އަޅުގަނޑު ކައިރިއަށް އައި މީހެއް އެއީ. ރޯދަ މަސް ފެށެން ގާތްވެފައި ހުއްޓާ މި ރަށަށް އައީވެސް. 18 ވަރަކަށް ދުވަހު އޭނާއަށް މަޑުކުރެވުނީ. އެ ދުވަކޮޅުތެރޭ ބޭސްކޮށްގެން އޭނާ ފުރައިގެން ދިޔަ އިރު، ވާގި ނެތުނު އަތުން އެއްޗިހީގައި ހިފާ ސޮއި ކުރެވޭ ވަރުވި."
އީސާ ހަސަން

އީސަގެ އަންހެނުން ހަބީބާ ބުނީ، އީސައާއެކު މި މަސައްކަތުގައި ހަބީބާ މަސައްކަތް ކުރާތާ މިހާރު 20 އަހަރު ވެދާނެ ކަމަށެވެ. އީސަ ކައިރިއަށް ދިވެހި ބޭސް ކުރަން އަންނަ އަންހެނުންގެ ގައިގައި ތެޔޮ ދަމައިދީ، ބޭސްގަނޑު އަޅައި ދެނީ ހަބީބާ ކަމަށް އޭނާ ބުނެއެވެ. ޒަވާޖީ ހަޔާތް ފެށުނު އިރު ވެސް އީސައަކީ ދިވެހިބޭސް ކުރާ މީހެއް ކަމުން އެ މަސައްކަތުގައި އޭނާ ހޭދަ ކުރި ގިނަ ދުވަސްތައް އެންމެ ގާތުން ފެނިފައި ވާނީ ހަބީބާއަށެވެ.

ހަބީބާ ބުނާ ގޮތުގައި އޭނާގެ ފިރިމީހާއަކީ ދިވެހި ބޭސްވެރިކަމަށް ވަރަށް މޮޅު މީހެކެވެ. ފިރިމީހާ ކައިރިއަށް ބޭސްކުރަން އަންނަ ގިނަ މީހުން ދާނީ އެމީހަކު ތަހައްމަލު ކުރަމުންދާ ބައްޔެއް ނުވަތަ ތަކުލީފަކުން ފަސޭހަ ވެގެން ކަމަށް ހަބީބާ ބުނެއެވެ. އަދި މި މަސައްކަތް އީސާ ކޮށް އުޅޭނީ އެއްވެސް އުޖޫރައަކަށް ނޫން ކަމަށާއި އެމީހަކަށް ދެވެން އޮންނަ އެއްޗެއް ދިއްކޮށްލަނީ ކަމަށް ހަބީބާ ފާހަގަ ކުރެއެވެ. ބޭސް ހެދުމަށް ކުރާ ހަރަދު ނޫނީ ބޭސް ތައްޔާރު ކުރަން ހޯދަން ޖެހޭ އެއްޗެއް ހޯދުމަށް ނޫނީ އީސަ ކައިރިއަށް ބޭސްކުރަން އަންނަ މީހެއްގެ އަތުން އޭނާ ނުހޯދާނެ ކަމަށް ހަބީބާ ބުނެއެވެ.

އީސާ ހަސަން އާއި އޭނާގެ އަންހެނުން ހަބީބާ

މި މަސައްކަތުގައި ދިމާވާ އެންމެ ބޮޑު އެއް ގޮން ޖެހުމަކީ ބޭހަށް ބޭނުން ކުރާ ބައެއް ފަތްޕިލާވެލި ހޯދުމަށް ހުރި ދަތި ކަމެވެ. މީގެ އެތައް އަހަރެއް ކުރިން މަތިވެރީގައި ދަނޑުވެރިކަން ފުޅާ ދާއިރާއެއްގައި ކުރި އިރު އެއީ އުނދަގޫ ކަމެއް ނޫނެވެ. ނަމަވެސް މިހާރު ދަނޑުވެރިކަން ކުރުން މަދުވެފައި އެ ރަށުގައި ހައްދާ ބައެއް ފަތްތައް ކުދި ކަމުން ބޭސްވެރިކަމަށް ގިނައިން ފަތް ހޯދަނީ ތޮއްޑޫން ކަމަށް އޭނާ ބުނެއެވެ.

އީސާ ބޭނުން ވަނީ އޭނާއަށް ލިބިފައިވާ ބޭސްވެރިކަމުގެ ހުނަރާއި ތަޖުރިބާ އަންނަން އޮތް ޖީލަށް ފޯރުކޮށް ދޭށެވެ. މި ކަން މިހާރު ދަސްކުރަން ބޭނުންވެގެން އުޅޭ އާއިލާ މެންބަރުންނަށް މިހާރު މަސައްކަތް ދަސްކޮށްދެމުން އަންނަ އިރު، އޭނާ ކުރި ބޭސްވެރިކަން ދަމަހައްޓަން އޭނާ ބޭނުންވާ ކަމަށް ބުނެއެވެ.

އީސަ ބޭސް ތައްޔާޜު ކުރަނީ

މި މަސައްކަތަކީ އާމްދަނީއެއް ހޯދުމުގެ ނިޔަތުގައި ކުރުމަށް ވުރެ އިންސާނިއްޔަތުކަމަށްޓަކައި ކުރަން ރަނގަޅު ކަމެއް ކަމަށް އޭނާ ބުނެއެވެ. އޭނާ ވެސް މި މަސައްކަތް ކުރަނީ މީހުންނަށް އެހީވުމުން އޭނާއަށް ލިބޭ ހިތްހަމަޖެހުމާއި އުފާވެރިކަމުން ކަމަށް އީސަ ބުނެއެވެ. މި މަސައްކަތަކީ އަގު އަދާ ކުރެވޭނެ މަސައްކަތެއް ނޫން ކަމަށް ވެސް އޭނާ ބުނެއެވެ.

މި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކުން ވެސް މި މަސައްކަތް ކުރަން ވާނީ ކަމަށް ކަމޭ ހީކޮށްގެން ވަރަށް ފަރުވާތެރިކަމާ އެކީގައި ކަމަށް އީސަ ބުނެއެވެ. ކޮންމެ މީހަކު އެހީއަށް އެދި ގޮވާލިއަސް، ކޮންމެ ކަމަކު ގޮވާލިއަސް، އެމީހަކު އެބުނި ކަމެއް ކޮށް ދިނުމަށް ތެދުވެގެން ހިތްވަރާއެކު ކުރިއަށް ދިއުމުގެ އަޒުމަކާ އެކު ކުރިއަށް ދާން ވެއްޖިއްޔާ މިއީ ކާމިޔާބީ އަތުގައި ހިފާނެ ކަމެއް ކަމަށް އޭނާ ބުނެއެވެ.

އީސާ ހަސަން ބޭސް ތައްޔާރު ކުރަން ގެންގުޅޭ ސާމާނުތައް ރައްކާ ކޮށްފައި ހުންނަ ހަރު

އީސަ ކައިރިއަށް ބޭސްކުރަން ދާން ބޭނުންވާ ފަރާތްތަކަށް އޭނާ ހިންގާ ފޭސްބުކް ޕޭޖުން ގުޅޭނެ ކަމަށް އޭނާ ބުނެއެވެ. އެ ޕޭޖުގައި އޭނާއަށް ގުޅޭނެ ނަންބަރާއި އިތުރު މައުލޫމާތު ލިބެން ހުންނާނެއެވެ.