އިންޑިއާގެ ބޮޑުވަޒީރު ނަރެންދަރު މޯދީއަށް ވަގަށް ގޮވިކަން ސާބިތުވެ، އިންޑިއާގެ އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީއަށް ގާނޫނު ހަދާ މަޖިލީހުގެ ގޮޑިގެއްލިއެޖެއެވެ.

އިންޑިއާގައި 2019 ވަނަ އަހަރު ބޭއްވި އިންތިހާބުގެ ކެމްޕެއިންގައި ވަގުންގެ 'ސާނޭމް' އަކަށް މޯދީ ކިޔަނީ ކީއްވެގެންތޯ ރާހުލް ވަނީ ސުވާލު ކުރައްވާފައެވެ. މި ވާހަކަތަކާ ގުޅިގެން ބީޖޭޕީގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ޕުނޭޝް މޯދީ ހުށަހެޅި މައްސަލައިގައި ވަނީ ރާހުލް ގާންދީގެ އެ ވަހަކަތަކާ ގުޅިގެން ނަރެންދްރަ މޯދީ ހިމެނޭހެން ގިނަ ބައެއްގެ އަބުރަށް އަރައިގަނެފައިވާކަމަށެވެ.

މި ކެމްޕެއިންގައި ރާހުލް ދެއްކެވި ވާހަކަތަކާ ގުޅިގެން އޭނާއަށް ދެ އަހަރު ދުވަހުގެ ހުކުމެއް އިއްވާފައި ވާއިރު ގާނޫނު ހަދާ މަޖިލީހުގެ ގޮޑި ގެއްލިފައި ވާކަން ރާހުލް އަށް އަންގާފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ. ރާހުލް ގާންދީއަށް ހުކުމް އިއްވި ނަމަވެސް މިވަގުތު އޭނާ ހުންނެވީ ކަފާލާތުގެ ދަށުން 30 ދުވަހަށް ދޫކޮށްލާފައެވެ. އަދި އެ މުއްދަތު ހަމަވުމުން އަނެއްކާވެސް ކަފާލާތަށް އެދި ހުށަހެޅޭނެއެވެ.

ގުޖުރާތުގެ ކޯޓުން ރާހުލް އާ ދެކޮޅަށް މި މައްސަލަ ނިންމަފައި ވާއިރު ކޮންގްރެސް ޕާޓީން ވަނީ މި ހުކުން ގަބޫލު ނުކުރާކަމަށް ބުނެފައެވެ. އަދި މި މައްސަލަ މަތީ ކޯޓުގައި އިސްތިއުނާފުކޮށް ގާނޫނީ ގޮތުން ކުރަންޖެހޭ ހުރިހާކަމެއް ކުރާނެކަމަށް ކޮންގްރެސް ޕާޓީން ވަނީ ބުނެފައެވެ.

މީގެ އިތުރުން ކޮންގްރެސް ޕާޓީގެ ރައީސް ވަނީ މޯދީ ސަރުކާރުން، ރާހުލް ގާންދީ އާއި ކޮންގްރެސް ޕާޓީ ދެކެ ބިރު ގަންނަކަމަށް ބުނެ ގޮންޖައްސަވާފައެވެ. އަދި ރާހުލް ގާންދީއަށް އިއްވި ހުކުމަކީ ޑިމޮކްރަސީ 'ކަތިލުން' ކަމުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ. އަދި މޯދީ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ހަގީގަތަށް ވާހަކަދައްކާ މީހުންގެ އަނގަ ބަންދުކޮށްލަން ކަމުގައިވެސް ކޮންގްރެސް ޕާޓީގެ ރައީސް ވަނީ ވިދާޅުވެފައެވެ. އިތުރަށް ކޮންގްރެސް ޕާޓީން ބުނީ މިފަދަ އަނިޔާވެރިކަން އެމީހުން ތަހައްމަލު ނުކުރާނެ ކަމަށާއި މަޑުން ނުތިބޭނެ ކަމަށެވެ.