ދިވެހި ފިލްމީ އިންޑަސްޓްރީގެ ކާމިޔާބު ބަތަލާ އާމިނަތު ރިޝްފާ ދެވަނަ ކައިވެންޏެއް ކޮށްފިއެވެ.

މިއަހަރުގެ އެންމެ ރީތި އެއް ތާރީހު ކަމަށްވާ 23/03/23 ގައި ރިޝްފާ ކައިވެނި ކުރުމަށް ފަހު ވަނީ ކައިވެނި ޕާޓީއެއްވެސް ބާއްވާފައެވެ. ކައިވެނި ހަފްލާގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު އޭނާއަށް ސަޕޯޓްކުރާ ގިނަ ފަންނާނުން އަންނަނީ ތަހުނިޔާ ކިޔަމުންނެވެ. އެނގިފައިވާ ގޮތުގައި ރިޝްފާ ކައިވެނި ކުރީ ޔާން އަހުމަދު ކިޔާ މީހަކާ އެވެ. މީގެ ކުރިން ކައިވެންޏެއް ކުރި ރިޝްފާ އަށް ވަނީ އެ ކައިވެނިން އަންހެން ކުއްޖަކު ވެސް ލިބިފައެވެ.

"ހީލާ ބެލީމާ" ލަވައިން ދިވެހި ފިލްމީ އިންޑަސްޓްރީ އަށް ތައާރަފްވި ރިޝްފާ ވަނީ ގިނަ އަދަދެއްގެ ފިލްމާއި ޓީވީ ޑްރާމާތަކާއި ވެބް ސީރީޒްތަކުން ވެސް ފެނިފައެވެ. އަދި ރިޝްފާ ވަނީ ގިނަ އަދަދެއްގެ ވީޑިއޯ ލަވަތައް ވެސް ކުޅެފައެވެ. އެކްޓަރު މުހައްމަދު މަނިކު އާއެކު "ހީލާ ބެލީމާ" އިން ފިލްމީ ދާއިރާއަށް ތައާރަފްވި ރިޝްފާ އެ ލަވައިން ވެސް އާންމުންގެ ސަމާލުކަން ދަމައިގަތެވެ.

އޭނާ ކުޅުނު ބައެއް މަގްބޫލު ފިލްމު ތަކުގެ ތެރޭގައި "ދިލަކަނި"، "ހައްދު"، "އަހުޝަމް" އަދި "ނިވައިރޯޅި" ހިމެނެއެވެ. އޭނާ ކުޅުނު ޓީވީ ޑްރާމާތަކުގެ ތެރޭގައި ނަހުލާގެ "ވަކިވުމުގެ ކުރިން"، "އުމުރަށް ސަލާމް"، "ބައިވެރިޔާ"، "އަދިވެސް އެ ލޯތްބަށް ގަދަރު ކުރަން" ހިމެނެއެވެ. އޭނާ ކުޅުނު ވެބް ސީރީޒަކީ ބައިސްކޯފުން ދެއްކި ނަހުލާގެ "ހުވާ" އެވެ. އެ ސީރީޒުގައި ރިޝްފާގެ ކެރެކްޓާއަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނެވެ. އޭނާ ވަނީ 2014 ވަނަ އަހަރު ބޭއްވި ތިން ވަނަ މޯލްޑިވްސް ފިލްމު އެވޯޑްސްގައި އެންމެ މޮޅު އަންހެން ޑެބިއު އަދި އެންމެ މޮޅު ސަޕޯޓިން ބަތަލާގެ ރޯލު ހޯދާފައެވެ.

އޭނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ އެކްޓަރު އަލީ ސީޒަން އާއެކު ފިލްމު "ލޯބިވެވިއްޖެ" އިންނެވެ. މި ފިލްމު އަންނަ މެއި މަހު އޮލިމްޕަސް ސިނަމާގައި އަޅުވަން ވަނީ ހަމަޖެހިފައެވެ.