އިންޑިއާގައި ވަގުންގެ ގޮތުގައި ލޭބަލްވާ މީހުންގެ އާއިލީ ނަމަލަށް 'މޯދީ' ކިޔަނީ ކީއްވެތޯ އައްސަވާ ރާހޫލް ގާަންދީ ވާހަކަ ދެއްކެވި މައްސަލައެއްގައި ކުށްވެރި ވެ 2 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

އިންޑިއާގެ މަޝްރަހް މިވަގުތު ހޫނުވެފައި ވާ އިރު، ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އުފަންރަށް ގުޖުރާތުގެ ސޫރަތް ކޯޓަކަށް ރާހޫލް ހާޒިރުކޮށް ހުކުން ކުރީ، އޭނާ މޯދީގެ ނަން ބޭނުން ކުރެއްވުމުގެ ކުށުގައެވެ.

ހުކުމަށް ފަހު ބެއިލް އަށް އެދިވަޑައިގަތުމުން 30 ދުވަހުގެ ބެއިލް އެއްގެ ދަށުން ރާހޫލް ދާދި ދެންމެ ވެރިރަށް ދިއްލީއަށް ވަޑައިގެންފައި ވާ އިރު، އޭނާ ނިސްބަތްވާ ކޮންގްރެސް ޕާޓީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ މަގުތަކަށް ނުކުމެފައެވެ. ބީޖޭޕީއާ ދެކޮޅަށް އެމީހުން އަޑުއުފުލަމުން ދާއިރު، ދިއްލީގެ މެޖޯރިޓީ އޮންނަ އާމް އާދަމި ޕާޓީ ވެސް މިހާރު ވަނީ ރާހޫލް އާ ގުޅިފައެވެ.

ދިއްލީ އާއި އެކި ސިޓީތަކުގައި ކޮންގްރެސްގެ މެންބަރުން މުޒާހަރާތައް ފަށާފައި ވާ އިރު، ގިނަ އަދަދެއްގެ ފުލުހުން ވަނީ މަގުތަކަށް ނިކުމެވައެވެ.

ރާހޫލް އަށް ހުކުމް ކުރި މައްސަލަ އަކީ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބަކާ ދިމާކޮށް ކަރްނާޓަކާގައި 2019 ވަނަ އަހަރު އޮތް ރެލީއެއްގައި އޭނާ ދެއްކެވި ވާހަކަ އަކާ ގުޅިގެން ވެރިކަން ކުރާ ބީޖެޕީން ފެންމަތި ކުރި މައްސަލައެކެވެ. އެ މައްސަލަގައި މޯދީ އަކީ ވަގެއް ކަމަށް ސިފަވާގޮތަށް ރާހޫލް ވާހަކަ ދެއްކެވި ކަމަށާއި އިންޑިއާގެ އަބުރާއި އިއްޒަތަށް އުނިކަން ލިބިއްޖެ ކަމަށް ބުނެފައި ވެއެވެ.

މި މައްސަލައިގައި ރާހޫލް ވިދާޅުވީ މޯދީ އަކީ އިންޑިއާ ނޫން ކަމަށާއި، މިވަގުތު ބޮޑުވަޒީރު ކަމަށާއި، އެހެން ކަމުން ފާޑުކިޔުންވެސް އަދި އަބަދުވެސް ތެދުބަސް ވިދާޅުވުމުގައި ދެމިހުންނަވާނެ ކަމަަށެވެ.

ރާހޫލް އަށް ގުޅި ހުކުމާ ގުޅިގެން އޭނާއަށް އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ 'ލޮކް ޝަބާ" އަދި މަތިގެ "ރަޖްޔާ ޝަބާ" ގެ ގޮނޑި ގެއްލުމުގެ ފުރުސަތު އެބައޮތެވެ. އިންޑިއާގެ ގާނޫނުތައް ބުނާގޮތުން، ރާހޫލްގެ މައްޗަށް އިއްވި ހުކުމަށް ޗެނެލްޖް ކުރުމަށް އޭނާއަށް 30 ދުވަހުގެ މުއްދަތެއް ލިބިވަޑައިގަންނަވާނެއެވެ. އެ މުއްދަތުގައި ސޫރަތް ކޯޓުން ކުރި ހުކުމަކީ ބާތިލް ހުކުމެއް ކަމަށް މަތީ ކޯޓަކުން ނުނިންމައިފި ނަމަ ގޮނޑި ގެއްލޭނެއެވެ. އަދި ކުރިއަށް އޮތް 6 އަހަރު ދުވަހުގެ ތެރޭގައި އެއްވެސް އިންތިހާބަކަށް ވެސް އޭނާއަށް ކުރިމައްޗެއް ނުލެއްވޭނެއެވެ. ހަމައެއާއެކު ރާހޫލް ބޭނުން ނަމަ އެ މައްސަލަ ހައިކޯޓު ނުވަތަ ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް 'ޕީޕަލް އެކްޓް 1951' ދަށުން 90 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ.