ފުލުހުންގެ ވަޒީފާ އަށް ވަންނަ ފަރާތްތަކުގެ ބެކްގްރައުންޑް ޗެކް ހަދަން ޖެހޭ ކަމަށް އޮންނަ އޮތުން އިހްތިޔާރީ ކަމެއްގެ ގޮތުގައި ހިމަނާ، ފުލުހުންގެ ހިދުމަތުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ތެރެއިން ދެ މާއްދާ އެއް އިސްލާހު ކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް އިސްލާހު ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ. ސަރުކާރުން ހުށަހެޅީ ފުލުހުންގެ ގާނޫނުގެ 17 ވަނަ މާއްދާ އާއި 100 ވަނަ މާއްދާ އިސްލާހުކުރުމަށެވެ.

ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ 17 ވަނަ މާއްދާއަކީ ރެކްރޫޓް ކުރުމުގެ ކުރިން އިތުރު ބެކްގްރައުންޑް ޗެކްކުރުމާ ގުޅޭ މާއްދާއެވެ. އަދި އެ މާއްދާއަށް ހުށަހަޅައިފައި އިސްލާހަކީ ފުލުހުންގެ ހިދުމަތާ އަލަށް ގުޅޭ ފަރާތްތަކަކީ މިފަދަ ވަޒީފާއެއް އަދާކުރަން އެކަށީގެންވާ ފަރާތެއްތޯ ބެލުމަށް ޓަކައި ލާޒިމުކުރާ ބެކްގްރައުންޑް ޗެކް ހެދުމުގެ ގޮތުން ކޮންމެހެން ފުރިހަމަ ކުރަންޖެހޭ ކަންތައްތަކެއްވާއިރު އެފަދަ ބެކްގްރައުންޑް ޗެކެއް ހަދާ ކޮންމެ ހާލަތެއްގައި އެ ހުރިހާ ކަމެއް އެކުގައި ފުރިހަމަކުރުމަކީ އެކަށީގެންވާ ކަމެއްކަމަށް ނުވެދާނެތީ، ހުށަހެޅި އިސްލާހެކެވެ.

އެގޮތުން ބެކްގްރައުންޑް ޗެކްކުރުމުގެ ގޮތުން ހަދާ ބެކްގުރައުންޑް އެނަލިސިސްއަކަށްފަހު ޕޮލިގްރާފް ނުވަތަ އެނޫންވެސް ވަޞީލަތެއް މެދުވެރިކޮށް އިތުރު އެނަލިސިސް އެއް ހެދުމަށް ހުރަހެއް ނެތްކަން އެ އިސްލާހުގައި ބަޔާންކޮށްފައި ވެއެވެ. އަދި ފުލުހުންގެ ހިދުމަތާ އަލަށް ގުޅޭ ފަރާތްތަކުގެ ބެކްގްރައުންޑް ޗެކްކުރުމުގެ ގޮތުން އަމަލުކުރާނެ އުސޫލުތަކާއި ބޭނުން ކުރެވިދާނެ އިތުރު ވަސީލަތްތައް އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަން ވާނެ ކަމުގައި ވެސް އެ އިސްލާހުގައި ވެއެވެ.

އެ ގާނޫނުގެ 100 ވަނަ މާއްދާގެ (ކ) އަށް ހުށަހަޅައިފައިވާ އިސްލާހަކީ ތަހުގީގުކުރާ ފުލުހުން ފުރިހަމަ ކުރުމަށް ލާޒިމް ކުރާ ސަނަދު ހާސިލުކުރުމަށް މިހާރު ގާނޫނުގައި ބަޔާންކޮށްފައިވާ 2 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ތަހުގީގުކުރާ ހުރިހާ ފުލުހުންނަށް އެ ފެންވަރުގެ ސަނަދެއް ހާސިލުކޮށް ނިންމިދާނެ ކަމަށް ނުފެންނާތީ މިހާތަނަށް އެފަދަ ސަނަދެއް ހާސިލުކޮށްފައި ނުވާ ތަހުގީގުކުރާ ފުލުހުންނަށް އެ ފުރުސަތު ދިނުމުގެ ބޭނުމުގައި ގާނޫނުގައި ބަޔާންކޮށްފައިވާ 2 އަހަރު ދުވަހުގެ މުއްދަތު، މާރިޗު 27، 2024 ގެ ނިޔަލަށް އިތުރުކުރުމުގެ އިހުތިޔާރު ސީޕީއަށް ލިބިދޭ ގޮތަށް ކަނޑައަޅައިފައިވާ އިސްލާހެކެވެ.