ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ މި ޒަމާނުގައި އަހަރެމެންގެ ތެރެއިން ގިނަ މީހުންގެ އަތުގައި ފަހުގެ ސްމާޓްފޯނެއް ނުވަތަ ސްމާޓްވޮޗެއް, ނުވަތަ އެނޫންވެސް ކޮންމެވެސް ވަސީލަތެއް އޮވެއެވެ. އެފަދަ ވަސީލަތްތައް ބޭނުންކޮށްގެން މިއަދު ފޮޓޯ އެއް ނުވަތަ ވީޑިއޯ އެއް އަޕްލޯޑްކުރުމާއި, އެ މީހަކަށް ފެންނަ ހިޔާލެއް ނުވަތަ ޝުއޫރެއް ފާޅުކުރުމަކީ ވަރަށް ފަސޭހަ ކަމަކަށް ވެގެން ހިނގައްޖެއެވެ. ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުން މިއަދު ދުނިޔެ ވަނީ ވަރަށް ބޮޑަށް ގުޅިލާމެހިފައެވެ.
ރައްޓެހިންނާއި ގާތްތިމާގެ މީހުން, ނުވަތަ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މީހުންނަށް އެއްޗެހި ޝެއާކޮށް, ނުވަތަ އެ މީހުން އަޕްލޯޑުކުރާ ޕޯސްޓުތަކަށް ރިއެކްޓު ކުރުމާއި, އާއިލާ އާ އޮންނަ ގުޅުން ބަދަހިކޮށްލައި އެންމެން އެކި ތަންތަނުގައި ތިބެ މަޖާކޮށްލުމަށްޓަކައި އެންމެ މުހިންމު ދައުރެއް މިއަދު އަދާކުރަނީ ފޭސްބުކާއި ޓްވިޓާ, އަދި އިންސްޓަގްރާމް ފަދަ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކެވެ. ކަމަކާ ހިތްހަމަނުޖެހި ހިޔާލު ފާޅުކުރުމުން އެކި ގައުމުތަކުގެ އިސްވެރިން ވެސް އެފަދަ ޕޯސްޓުތަކަށް އަވަހަށް ސޯޝަލް މީޑިއާ އިން އިޖާބަދޭކަން ފާހަގަކުރެވެއެވެ.
މިއަދު އަހަރެމެން މި ތިބީ ފާޑެއްގެ އަޅުވެތިކަމެއްގެ ތެރޭގައެވެ. ސޯޝަލް މީޑިއާ އިން ބޭރުވާން ނޭނގި, ފާޑަކަށް ބަނދެވިފައެވެ. މަތީގައި ބަޔާންކުރި ސަބަބުތަކާ ހެދި ސޯޝަލް މީޑިއާ އަކީ ފައިދާހުރި އެއްޗަކަށްވީ ނަމަވެސް, އޭގެ ސަބަބުން ގެއްލުންވާ ކަންކަން ވެސް ހަނދާނުގައި ބަހައްޓަން ޖެހެއެވެ. އެގޮތުން ބޭކާރު ގޮތުގައި ވަގުތުތައް ހޭދަކުރެވުމާއި, ސޯޝަލް މީޑިއާ އަށް ދެވިހިފުމުގެ ސަބަބުން ފޭސްބުކް ފަދަ ކޮންމެވެސް ޕްލެޓްފޯމެއް އަބަދު ބަލަން ޖެހުމުގެ ސަބަބުން އަހަރެމެންގެ ދިރިއުޅުމަށް އެކަމުގެ ނޭދެވޭ އަސަރު ކުރެއެވެ.
ވުމާއެކު, ބައެއް ހާލަތްތަކުގައި ސޯޝަލް މީޑިއާ އާއި ދުރުވެލައި, އަމިއްލަ އެހެން ކަންކަމަށް ވަގުތު ހުސްކޮށް, ސޯޝަލް މީޑިއާ އިން ބްރޭކެއް ނަގާލުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. ތިރީގައި މި ބަޔާންކޮށްލަނީ އެގޮތުން ކުރެވިދާނެ ބައެއް ކަންކަމެވެ.
1. ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ވަކި ލިމިޓެއް ކަނޑައެޅުން
ސޯޝަލް މީޑިއާ އިން ބްރޭކެއް ނެގޭނެ އެއް ގޮތަކީ ކޮންމެ ދުވަހަކު ވެސް ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ހޭދަކުރާ ވަގުތުތައް މަދުކުރުމެވެ. ޒަމާނީ ސްމާޓްފޯންތަކުގައި ސްކްރީން ބޭނުންކުރާ މިންވަރު މިހާރު ބެލެން ހުންނައިރު, ބައެއް ކަހަލަ އެޕްލިކޭޝަންތައް ބޭނުންކޮށްގެން ސްކްރީންގައި ހޭދަކުރާ ވަގުތުތައް ލިމިޓްކުރެވޭނެއެވެ. މިކަމުގެ ސަބަބުން ސޯޝަލް މީޑިއާގައި ހޭދަކުރެވޭ ވަގުތުތައް މަދުކުރެވިގެން ދާނެއެވެ.
2. ސޯޝަލް އެޕްތައް ޑިލީޓްކުރުން
ސްކްރީން ޓައިމަރާއި ލިމިޓްތައް ކަނޑައެޅުމަކީ އެންމެ ފައިދާހުރި ގޮތް ކަމަށް ނުފެންނަ ނަމަ, ދެން އޮތް ގޮތަކީ ސޯޝަލް މީޑިއާ އެޕްތައް ފޯނުން ފޮހެލުމެވެ. އެއީ ލިމިޓް ކަނޑައެޅުމަށް ވުރެ ހަރުކަށި ފިޔަވަޅަކަށްވީ ނަމަވެސް, ސޯޝަލް މީޑިއާ އިން ބްރޭކެއް ނަގައި މަސައްކަތްތަކަށް ވަގުތުތައް ހުސްކުރުމަށް މަގުފަހިވެގެން ދާނެއެވެ.
3. އެންމެ ގިނައިން ބޭނުންކުރެވޭ ޕްލެޓްފޯމްތަކުން ބްރޭކެއް ނެގުން
ހުރިހާ ސޯޝަލް މީޑިއާ އެޕްތަކެއް ޑިލީޓްކުރަން ބޭނުން ނޫން ނަމަ, ނުވަތަ އެކަމުގެ ސަބަބުން އުނދަގޫވާނެ ހެން ހީވާ ނަމަ, ދެން އޮތް ގޮތަކީ އެންމެ ގިނައިން ބޭނުންކުރާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ބްރޭކެއް ނެގުމެވެ. މިސާލަކަށް ފޭސްބުކް, އިންސްޓަގްރާމް, ނުވަތަ ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުގައި ގިނަ ވަގުތު ހޭދަކުރެވޭ ނަމަ, އެ ޕްލެޓްފޯމްތަކުން ބްރޭކެއް ނަގަން މަސައްކަތްކުރާށެވެ.
4. ސޯޝަލް މީޑިއާ އިން ބްރޭކެއް ނަގައި އެހެނިހެން ކަންކަން ކުރުން
ސޯޝަލް މީޑިއާގައި ގިނަ ވަގުތު ހޭދަކުރެވި, އެއަށް ދެވިހިފާފައިވާ ކަމަށް އަމިއްލަ އަށް އިހުސާސްކުރެވޭ ނަމަ, ސޯޝަލް މީޑިއާގައި ވަގުތުތައް ހޭދަކުރުމުގެ ބަދަލުގައި ވަގުތު ހުސްކުރާނެ އެހެން ކަންކަން ހޯދާށެވެ. މިސާލަކަށް ބޭރަށް ހިނގާލަން ދިޔުން, ފޮތެއް ކިޔާލުން, ނުވަތަ ރަހުމަތްތެރިޔަކާ އެކު ވަގުތު ހޭދަކޮށްލުން ފަދަ ކޮންމެވެސް ކަމެއް ކުރުމަށް ވަގުތު ހުސްކުރުމުން ވެސް ސޯޝަލް މީޑިއާ އިން ބްރޭކެއް ނަގަން މަގުފަހިވެގެން ދާނެއެވެ.
ސޯޝަލް މީޑިއާ އާ ދުރުގައި ތިބުމަށް ހާއްސަކޮށް ސްކްރީނާ ދުރުވެ ބްރޭކެއް ނެތުމަށް މި ރޯދަމަހަކީވެސް އިހުތިޔާރު ކުރެވިދާނެ އެއް ފުރުސަތެކެވެ. ރޯދަމަހަށްޓަކައި ތިމާ ތައްޔާރުވާހެން ސޯޝަލްމީޑިއާއިން ބްރޭކް ނަގަން ތައްޔާރުވެ އެގޮތް އިހުތިޔާރު ކުރާށެވެ. ގިނަ ވަގުތު ޤްރުއާން ކިޔެވުމާއި، ތަރާވީހާއި ވިތުރު ކުރުމާއި، ކަސްރަތާއެކު ދުވަސް ހޭދަ ކޮށްލުމަށް އިސްކަން ދީފި ނަމަ ސޯޝަލްމީޑިއާ އާ ދުވަސްކޮޅަކަށް ނަމަވެސް ވަކިވެވިދާނެއެވެ.