ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރުވެސް ހުންނެވީ ރާއްޖޭގެ ސިޔާސީ ރޭހުގެ އެންމެ ކުރީގައި ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް، އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ސޯލިހު އާއެކީ އިތުރު ދެ ޕާޓީ އޮތް ކަމަށާއި ސިޔާސީ ރޭހުގެ އެންމެ ކުރީގައި މިހާރު ވެސް ހުންނެވީ ރައީސް ކަމަށެވެ. އަދި އެހެން ބޭފުޅުން ކެންޑިޑޭޓަކު ހޯދަން މަޝްވަރާތައް ކުރަނީ ކަމަށް އިމްރާން ވިދާޅުވެ ޖޭޕީއަށް ނުސީދާ ބަހުގެ ރައްދެއް ވަނީ ދެއްވާފައެވެ.
އިމްރާންގެ އިތުރުން އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފުރަތަމަ ބުރުން، ރައީސް ސޯލިހު ދިވެހިރާއްޖޭގެ ވެރިކަމަށް ގެންނާނެ ކަމަށާއި އެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
އިމްރާން އާއި ސިޔާމް މިހެން ވިދާޅުވެފައި ވާއިރު މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ސޯލިހުއާއެކު މިހާތަނަށް ކޯލިޝަން ހަދާފައި ވަނީ ވެސް އެ ދެޕާޓީއެވެ.
ކޯލިޝަންގައި އޮތް ޖޭޕީން ރިޔާސީ ރޭހަށް ވަކިން ނުކުންނަން ނިންމާފައި ވާއިރު ރައީސް ވަނީ ޖޭޕީގެ ތާއީދު ލިބިއްޖެ ނަމަ ރިޔާސީ އިންތިހާބު ވަރަށް ފަސޭހައިން ކާމިޔާބު ކުރެއްވޭނެ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް އަދާލަތު ޕާޓީއާއި އެމްޑީއޭއާއެކު އިންތިހާބު އެއްބުރުން ކާމިޔާބު ކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވެއެވެ. އަދި ރިޔާސީ އިންތިހާބުގައި އެ ތިން ޕާޓީ ގުޅިގެން ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.