މިދިޔަ އާދީއްތަ ދުވަހުގެރޭ އިދިކޮޅުން ޕީޕީއެމް އިން ކުރި އިހްތިޖާޖުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް އިހްތިޖާޖުގެ ބައިވެރިން ހުރަސް އެޅި މައްސަލައިގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އަށް އަމާޒުވަމުން އައި ފާޑުކިޔުންތަކާ މެދު އޭނާ ނުރުހިއްޖެއެވެ.

އާދީއްތަ ދުވަހުގެރޭ އިދިކޮޅުގެ އިހްތިޖާޖު ކުރިއަށް ދަނިކޮށް، ރައީސްގެ މޮޓޯކޭޑު ވަނީ ބޮޑުތަކުރުފާނު މަގުން ޕީޕީއެމް އޮފީހުގެ ދޮރު ކުރިމަތިން ކުރިއަށް ދިއުމަށް މަސައްކަތް ކޮށްފައެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ރައީސްގެ މޮޓޯކޭޑު އެ ސަރަހައްދުގައި 15 ވަރަކަށް މިނެޓު ތާށިވެ، ކާރުކޮޅަށް ކުރިއަށް ދެވޭ ގޮތް ނުވުމުން އަނބުރާލުމަށް ފަހު ވަޑައިގަތީ ބޮޑުތަކުރުފާނުގެ މަގުގެ ދެކުނަށެވެ. އޭރު ވެސް އިހްތިޖާޖުގެ ބައިވެރިން ޕީޕީއެމްގެ ދިދަތަކާއެކު މަގު މައްޗަށް ފެތުރިގެން ގޮސް ރައީސްގެ ކާރުކޮޅަށް ހުރަސް އަޅާ މަންޒަރު ފެނެއެވެ.

އެހެން ވީޑިއޯއަކުން ފެންނަ ގޮތުން، އިހްތިޖާޖުކުރަމުން ދިޔަ އިދިކޮޅުގެ ސަޕޯޓަރުން ރައީސްގެ ކާރުކޮޅު ވަށާލައި، ހިޔާލު ފާޅުކުރަމުން ދިޔައެވެ. އަދި ވަކި ހިސާބަކުން ފުލުހުން އެ ސަރަހައްދަށް އައިސް އިހްތިޖާޖުގެ ބައިވެރިން ދުރަށް ޖައްސާ މަންޒަރު ވެސް ފެނެއެވެ. ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ. އެކަމަކު ވީޑިއޯ އަށް ބަލާލާއިރު، އިހްތިޖާޖުގެ ބައިވެރިން ހުއްޓުވުމަށް ފުލުހުން މާ ބޮޑު މަސައްކަތެއް ކުރި މަންޒަރެއް ނުފެނެއެވެ.

އެ މައްސަލައިގައި 22 މީހަކު ހައްޔަރުކޮށް، ހަތަރު މީހަކު އަދިވެސް ވީ ބަންދުގައެވެ.

އެ މައްސަލައިގައި ވެރިކަންކުރާ އެމްޑީޕީގެ ބައެއް ސަޕޯޓަރުން ވަނީ އިހްތިޖާޖުގެ ބައިވެރިންގެ އަމަލަކީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ސިފަކޮށް، އެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ގޮވާލައިފައެވެ. އޭގެ ތެރެއިން ވެސް ބައެއް މީހުން ވަނީ ފުލުހުންނާއި ސިފައިންގެ ހިދުމަތްތަކާ ހަވާލުވެ ތިއްބެވި ދެ މިނިސްޓަރުންނާއި އެ ދެ މުއައްސަސާގެ އިސްވެރިން އިސްތިއުފާ ދިނުމަށް ގޮވާލައިފައެވެ.

ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގައި އެއްޗެކޭ ވިދާޅުނުވެ ހުންނެވުމަށް ފަހު، އެކަން ހިނގިތާ 24 ގަޑިއިރަށް ވުރެ ފަހުން، މާރިޔާ ވަނީ އޭނާ އަށް މީހުން ފާޑުކިޔަނީ އަންހެނަކަށްވީތީ ކަމަށް ވިދާޅުވާ ފަދަ މޭރުމަކުން ޓްވީޓެއް ކުރައްވައިފައެވެ. އެގޮތުން، އައިޖީއެމްއެޗްގައި ޑޮކްޓަރުން ކުރާ އޮޕަރޭޝަނެއް ފެއިލްވި ނަމަވެސް ހެލްތު މިނިސްޓަރަށް ފާޑުކިއުން އަމާޒުނުވާ ކަމަށާއި، ފުލުހުންގެ އޮޕަރޭޝަނެއް ގޯސްކޮށް ދިޔަ ނަމަވެސް، ހޯމް މިނިސްޓަރަށް ވެސް ފާޑުކިއުން އަމާޒުނުވާ ކަމަށް މާރިޔާގެ ޓްވީޓްގައި ވިދާޅުވިއެވެ.

"އެކަމަކު އޮޕަރޭޝަނަލް ލެވަލެއްގައި އެމްއެންޑީއެފްގެ ތެރޭގައި ކަމެއް ގޯސްކޮށް ހިނގައިފިނަމަ، [މި] އަންހެން ޑިފެންސް މިނިސްޓަރު ވާނީ ގޯސް،" މާރިޔާ ވިދާޅުވިއެވެ.

މޭ 6، 2021 ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން އަމާޒުކޮށް ދިން ހަމަލާގައި ނަޝީދުގެ ފުރާނަފުޅަށް ނުރައްކާވި މައްސަލައިގައި ވެސް މާރިޔާ އަށް އެތައް ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ.

ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައާ ގުޅިގެން، ކޮމާންޑިން އޮފިސަރު ކާނަލް އަބްދުﷲ އިބްރާހީމާއި ސިފައިންގެ އިތުރު ބަޔަކު ސަސްޕެންޑުކޮށް، ރައީސްގެ ސެކިއުރިޓީ ޔުނިޓު ހަވާލުކޮށްފައި ވަނީ ޑެޕިއުޓީ ކޮމާންޑަރު އަހުމަދު ހަލީމަށެވެ. އަބްދުﷲ އިބްރާހީމް ސަސްޕެންޑުކުރީ އެ މައްސަލަ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ވެސް ބަލަން ފަށާފައި ވަނިކޮށެވެ.

އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި، ރައީސްގެ ސެކިއުރިޓީ ބްރީޗްވި މައްސަލައިގައި ފުލުހުންނާއި ސިފައިންގެ އިންސިޑެންޓް ރިޕޯޓު ހޯދުމަށް ފަހު ދެ މުއައްސަސާވެސް ޖަވާބުދާރީ ކުރުވާނެ ކަމަށް، މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ވަނީ ބުނެފައެވެ. ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެންބަރުންވެސް އިއްތިފާގު ވެފައިވަނީ މި މައްސަލަ ވީހާވެސް އަވަހަށް ބެލުމަށްފަހު އިހުމާލުވި ފަރާތްތަކުން މި ކަމުގެ ޒިންމާ ނަގަންޖެހޭނެ ކަމަށެވެ.