ނެޓްފްލިކްސް އިން ސްޓްރީމް ކުރި ޝޯ "ޖޭން ދަ ވާޖިން" ގައި ޖޭން ގެ ރޯލުން ފެނިގެންދިޔަ އެކްޓަރު ޖީނާ ރޮޑްރިގޭޒަށް ފިރިހެން ކުއްޖަކު ލިބިއްޖެއެވެ.
ޖީނާ އާއި ފިރިމީހާ ޖޯ ލޮސިސޭރޯ އަށް ފިރިހެން ކުއްޖެއް ލިބުނުއިރު މި ދަރިފުޅަކީ ދެމަފިރިންނަށް ލިބުނު ފުރަތަމަ ދަރިފުޅުވެސްމެއެވެ. ޖީނާ ގެ އޭޖެންޓު ވަނީ ޖީނާ ވިހެއި ކަން ހާމަކުރުމަށް ފަހު މަންމަ އާއި ދަރިފުޅުގެ ހާލަތުވެސް ރަނގަޅުކަމަށް ބުނެފައެވެ. މިދިޔަ އަހަރު ޖުލައި މަހު އޭނާގެ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން ޖީނާ ހިއްސާކުރި އިންސްޓަގްރާމް ޕޯސްޓުގައި ބުނީ އޭނާ އަލަތު ދަރިފުޅަށް ބަނޑުބޮޑު ކަމެވެ. އަދި މަޔަކަށް ވާތީ އެކަމާ އުފާވާ ކަމަށާއި ދަރިފުޅު ދެކިލުމަށް މިހާރުވެސް ކެތްތެރިކަން ކޮޅުންލައިިފި ކަމަށެވެ.
ނެޓްފްލިކްސް ޝޯ "ޖޭން ދަ ވާޖިން" ގައި ޖީނާ އަދާކުރީ ވެސް މައެއްގެ ރޯލެވެ. ޑޮކްޓަރަކަށް އޮޅިގެން އިންސިމިނޭޝަން ހެދުމުން ޖީނާ އެ ސީރީޒުގައި ބަނޑުބޮޑުވި އިރު އޭރު އޭނާއަށް އޭނާގެ ދަރިފުޅުގެ ބައްޕަ އަކީ ވެސް ކާކުކަމެއް ނޭނގެއެވެ.
2016 ވަނަ އަހަރު ޖީނާ އާއި ޖޯ ދިމާވި ނަމަވެސް ދެމީހުންގެ ދެމެދުގައި ލޯބީގެ ގުޅުމެއް އުފެދުނީ 2017 ވަނަ އަހަރުގައެވެ. އޭގެ ވިދިގެން އައި އަހަރު ދެމީހުން އެންގޭޖް ވި އެވެ. އަދި 2018 ވަނަ އަހަރު ޖީނާ އާއި ޖޯ ކައިވެނި ކުރިއެވެ. މީގެ ކުރިން މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ޖީނާ ބުނީ ޖޯ އަކީ މީހަކަށް ލިބޭނޭ އެންމެ ފުރިހަމަ ބައިވެރިޔާ ކަމަށާއި އޭނާ ބަލިވެއިނީއްސުރެ އޭނާގެ ހިދުމަތުގައި ޖޯ ހުންނަ ކަމަށެވެ. އަދި ޖޯ ވެގެންދާނީ ވަަރަށް ރަނގަޅު ބައްޕަ އަކަށް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.