އެނދުގައ އޮށޯވެގެން އޮތް އިރު، ޒޫނާގެ ސިކުނޑީގައި އެކި ހިޔާލުތައް ދިޔައީ ފުނި ޖެހެމުންނެވެ. އެ ހިޔާލުތަކުގެ ތެރެއިން ތަކުރާރުވަމުން ދިޔައީ މަންމަގެ ދުލުން ދާދި ދެންމެއަކި ބޭރުވި ބަސްތަކެވެ. "އަނެއްކާ... އެހެން ނުބައި ކަމެއް ކޮށްފާނެ. ކުރިން ވެސް ވަކި ރަނގަޅަށް އުޅުނު މީހެއް ނޫން އެއީކީ.. ރަނގަޅަކަށް އުޅުނު މީހެއް ނޫން އެއީކީ..."
މިއާއެކު ޒޫނާގެ ހަނދާނަށް އައީ މީގެ ހަތް އަހަރު ކުރިން ހިނގި ހާދިސާއެވެ.
*** *** *** *** *** ***
އާދައިގެ މަތިން ރައްޓެހިންނާ އެކު ކޮފީގައި ވަގުތު ހޭދަ ކުރުމަށް ފަހު ރޭގަނޑު ނުވައެއް ޖަހަން ގާތްވެފައި ހުއްޓާ ޒޫނާ ގެއަށް އައިސް ވަނީ އޭނާގެ ކޮއްކޮ ތަނަކަށް ޑްރޮޕްކޮށް ދިނުމަށް އެދުމުންނެވެ. ކާގޭގައި އޭރު ޒުލޭހާ އުޅުނީ ރޭގަނޑުގެ ކެއުން ތައްޔާރު ކުރާށެވެ. ކާމޭޒު ކައިރިއަށް ޒޫނާ ލެފިގަތުމަށް ފަހު، މޭޒުމަތީ އަތުރާފައި ހުރި ކާއެއްޗިއްސަށް ނަޒަރު ހިންގާލިއެވެ. އަދި ތައްޓެއްގެ ތެރޭގައި ކޮށާފައި ހުރި ކެރެޓް ކޮޅެއް ނަގާ އަނގަޔަށް ލައި ހަފާލިއެވެ.
"ދަރިފުޅާ، މިރޭ ވެސް ތި އައީ ކޮފީއަށް ގޮއްސަތަ؟ ތިއުޅުން ދޫކޮށްލަބަލަ. ރަނގަޅު ވަޒީފާއެއް ހޯދަން ވީނު. އަބަދު ރައްޓެހިންނާ އެކީ ބޭރަށް ގޮސް ތިއުޅެވެނީ ރަނގަޅަކަށް ނޫނޭ. ނިކަން ބަލާބަލަ ނޫރާއަށް. މިހާރު ޑިގްރީ ކޯސް އެ ނިންމަނީ... ދަރިފުޅު ވެސް ކޮންމެވެސް ވަޒީފާއެއްގައި ހަރުލައިގެން އުޅެން ވެއްޖެއްނު.."
ކޮންމެ ގޮތަކަށް އުޅުނަސް މަންމައަށް ޒޫނާ ކުރާ ރަނގަޅު ކަމެއް ނުފެންނާނެ ކަން އޭނާއަށް އެނގެއެވެ. މަނަމް އެހެން އޭނާއާ މެދު ކަންތައް ކުރަނީ ޒޫނާއަކީ އަމިއްލަ މިނިވަން ކަމަށް ލޯބިކުރާ އަދި އެހެން މީހުންނަށް ބަރޯސާ ވެގެން އުޅެން ބޭނުން ނުވާ މީހެއްގެ ގޮތުގައި މަންމައަށް ގަބޫލު ކުރެވޭތީ ވާގޮތެއް ކަމަށް ޒޫނާ ގަބޫލު ކުރެއެވެ.
އެކަނިވެރި މައެއްގެ ގޮތުގައި ހުރެ އެއްމާބަނޑު ދެ ދަރިން ޒުލޭހާ އެކަނިމާއެކަނި ބަލާ ބޮޑު ކުރި އިރު، އެނާގެ އުންމީދަކީ ދެ ކުދިންނަކީ ވެސް ކިޔަވައި މޮޅު ކުދިންނަށް ވުމެވެ. އާއިލާ ފަހުރުވެރިވާ ވަރުގެ ވަޒީފާއެއްގައި އުޅޭ ބަސްއަހާ ބަޔަކަށް އެ ދަރިން ހެދުމަށް ޒުލާހާ ބުރަ މަސައްކަތެއް ކުރިއެވެ.
ނަމަވެސް ޒޫނާ އަކީ ޒަމާނީ ވައްޓަފާޅިއަށް ހެދުން އަޅަން ލޯބި ކުރާ ކުއްޖެކެވެ. ނޫރާއާ އަޅާ ކިޔާނަމަ ޒޫނާ ކިޔެވުމަށް ސަމާލުކަން ދިންވަރު ކުޑަކަމުން ޖީސީއޯލެވެލް އިމްތިހާނުން އެ ކުއްޖާ ފާސްވީ ކިރިޔާއެވެ. އެއަށް ފަހު އިތުރަށް ކިޔަވާކަށް އޭނާ ބޭނުމެއް ނުވިއެވެ.މަދުރަސީ ހަޔާތް ނިންމި ފަހުން ވޭތުވެ ދިޔަ ހަތަރު އަހަރުތެރޭ ހަތަރު ތަނެއްގައި ވަޒީފާ އަދާ ކުރި އިރު އެއްވެސް ތަނެއްގައި އަދާ ކުރި ވަޒީފާގައި ޒޫނާ ހަރުނުލުމުން ޒުލޭހާގެ އުންމީދުތައް ވެއްޔާ މޮޑެވިއްޖެ ކަަމަށް ނިންމިއެވެ.
ޒޫނާއަކީ ހިތުގައި އޮތް އެއްޗެއް އެއްވެސް ފިލްޓަރަކާ ނުލައި ކޮންމެ މީހަކާ ދިމާލަށް ވެސް ބުނެފާނެއެވެ. އެހެންކަމުން އޭނާ އަކީ ބަސްނާހާ ކުއްޖެއްގެ ގޮތުގައި ކުޑަ އިރުއް ސުރު ޒުލޭހާ އައީ ލޭބަލް ކުރަމުންނެވެ.
މަންމަ ދެއްކި ވާހަކައަށް ސަމާލުކަން ދޭކަށް ޒޫނާ ބޭނުމެއް ނުވިއެވެ. ކަމަކާ ބެހޭ ގޮތުން ޒޫނާގެ ހިޔާލެއް ދިނަސް މަންމައަށް އޭނާ ދައްކާ އެއްވެސް ވާހަކައެއް ކަމަކު ނުދާނެއެވެ. އަބަދުވެސް ނޫރާއާ އޭނާ އަޅާ ކިޔާނެއެވެ. ތަކުރާރުކޮށް ކިތަންމެ ވަރަކަށް އޭނާގެ މަންމަ އެ ދެބޭން ތަފާތު ކުރިއަސް ކޮއްކޮ، ނޫރާ ދެކެ ޒޫނާ ވާ ލޯތްބަކަށް ބަދަލެއް ނާދެއެވެ.
އަނގަޔަށް ލީ ކެރެޓްކޮޅު ހަފަމުން މަންމަ ދެއްކި ވާހަކައަށް ޖަވާބެއް ނުދީ ޒޫނާ ކޮޓަރިއާ ދިމާއަށް މިސްރާބު ޖެހުމުން ޒުލޭހާ ދެއަތަށް ބޯ ހޫރާލިއެވެ. ޒޫނާގެ ބޯ ހަރުކަން ހިތަށް އަރާ އެ މަންޖެ އޭނާ ބުނާ ބަހެއް އާހާނެ ދުވަހެއް ދައްކަވާނީ ކޮން ދުވަހަކުން ބާއޭ ޒުލޭހާގެ ހިތަށް އެރިއެވެ.
ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން ހުރެ ކޮޓަރިއަށް ވަދެ ޒޫނާ ގޮސް އެރީ އެނދު މައްޗަށެވެ. އޭރު އެނދުމަތީގައި ހުރި ފޮތްތަކުން ފޮތެއް ބިންމައްޗަށް ވެއްޓުނެވެ. އެ ފޮތް ނަގަން ޒޫނާ ގުދުވި ވަގުތު އެނދު ކައިރީ ކުރި ކުޑަ މޭޒުމަތީ އޮތް ނޫރާގެ ފޯނު ވައިބްރޭޓް ވިއެވެ. އޭރު ނޫރާ ހުރީ ލޯގަނޑު ކުރިމަތީ ރީތި ވާށެވެ.
ފޯން ވައިބްރޭޓްވީ އަޑަށް އެ ފޯނު ދިއްކޮށްލުމަށް ނޫރާ ދައްތަ ގާތު އެދުނެވެ. އެވަގުތު މިރޭ ނޫރާ ބޭރަށް ދަނީ ކޮންތާކަށް ތޯ އަހާލަމުން ޗާޖަށް ޖަހާފައި އޮތް ފޯން ޒޫނާ ވާގަނޑުން ވަކިކޮށްލިއެވެ. ޖަވާބުގައި ގްރޫޕް ސްޓަޑީއެއް ހަދަން އެކުވެރިއެއްގެ ގެއަށް ދަނީ ކަަމަށް ނޫރާ ބުނެލީ ތުންފަތުގައި މަޑު ފިޔާތޮށި ކުލައިގެ ލިޕް ބާމެއް ޖައްސާލަމުންނެވެ.
ކޮއްކޮގެ ފޯން ނެގި ޒޫނާގެ ލޮލުގައި އަޅައިގަތީ އެ ފޯނުގެ ސްކްރީނަށް އަރާފައިވާ ނަމެވެ. "އަޖޫ" އެ ފޯނަށް އޭރު ގުޅަމުން ދިޔަ މީހާގެ ނަން ޒޫނާގެ ދުލުން ބޭރުވި އިރު، ދެ ބުމަ ގޮށްޖަހާލުމަށް ފަހު ވާހަކަ ދެއްކީ ނުރުހުމުގެ ރާގަކަށެވެ. "އަޖޫ.... ޔޫ ސެއިޑް ޔޫ ގާއިސް ބްރޯކް އަޕް. ދެން ކީއްކުރަން މިހާރު އެ ގުޅަނީ..."
ޒޫނާ ވާހަކަ ދައްކަދައްކަ ހުއްޓާ އިޝާރާތުން ބަހެއް ނުބުނުމަށް ނޫރާ އެދެމުން ތުންފަތުގައި ސަހާދަތް އިނގިލި ޖައްސާލިއެވެ. އަދި އެ ކޯލު ނަގައި ފޯނު ކަންފަތުގައި ޖަހާލިއެވެ. ނޫރާ މާ ބޮޑު ވާހަކައެއް ނުދައްކައެވެ. އެކޮޅުން ކިޔަމުން ދިޔަ އެއްޗަކަށް "އާން.. ހޫން.." ކިޔުން ނޫން ކަމެއް ނުކުރެއެވެ. ނޫރާގެ ވާހަކަ ދެއްކުން ހުރި ގޮތުން ޒޫނާއަށް ކަމެއް ސިއްރު ކުރާހެން ހީވުމުން ކޮޓަރިން ބޭރަށް ނުކުތުމަށް އޭނާ ހިނގައިގަތީ، އެ ފޯނަށް މިނިވަން ކަމާއެކު ވާހަކަ ދެއްކުމަށް ނޫރާއަށް ފުރުސަތު ދެމުންނެވެ.
ސިޓިން ރޫމުގައި ފޯނާ ކުޅެން އިން ޒޫނާއަށް ނޫރާ ކޮޓަރިން ނިކުތް ތަން ފެނުމުން އޭނާގެ ކޮއްކޮއާ ދިމާއަށް ބަލާލިއެވެ. ގިނަ ފަހަރު ބޭރަށް ދާން ޖެހިއްޖިއްޔާ އޭނާ ދާ ތަނަކަށް ޑްރޮޕްކޮށް ދެނީ ޒޫނާ ކަމުން ކޮއްކޮގެ ހިދުމަތުގައި އެބަ ހުރިން ކަަމަށް ބުނާ ފަދައަކުން ޒޫނާ ހިނިތުން ވެލިއެވެ. ބަދިގެ ތެރޭ ހުރި ޒުލޭހާގެ މޫނަށް ނޫރާ ބަލާލުމަށް ފަހު އޭނާ ހިފަހައްޓައިގެން ހުރި ފޮތްތައް މެއާލާ ބޮނޑިކޮށްލަމުން ކުރިއަށް ހިނގައިގަތެވެ.
"މަންމާ.. މި ދަނީ ގްރޫޕް ސްޓަޑީއެއް ހަދަން މިޒޫމެން ގެއަށް... އަންނަ ހަފްތާގަ ފަށާ އެކްޒާމަށް ތައްޔާރުވާން ޖެހޭ. ވަރަށް ބައިވަރު އެއްޗިސް ކަވާ ކުރަން ވެސް ޖެހޭ. އަދި އެހާ ބޮޑަށް ފިލާވަޅުތައް ދަހެއް ވެސް ނުވޭ...."
ބޭރަށް ދާ ބޭނުން ހާމަ ކުރަމުން އެތައް ވާހަކައެއް ނޫރާ ދެއްކީ މަންމަ ހަމަޖައްސާލަން ކަން ޒޫނާއަށް އެނގެއެވެ. ނޫރާ ކަމަކު ބުނާކަށް އެހާ ހާސަރު ދަމާކަށް ނުޖެހޭނެއެވެ. ކޮންމެ ކަމަކު ބުންޏަސް ލޯ މަރާލާފައި މަންމަ އާއެކޭ ބުނާނެ ކަން ޒޫނާއަށް އެނގެއެވެ. އެކަމަކު ނޫރާއަކީ އަބަަދުވެސް ކޮންމެވެސް ވަރެއްގެ "ޑްރާމާއެއް" ދައްކާ ނުލައި ހިތަށް ހަމަޖެހުމެއް ލިބޭނެ މީހެއް ނޫން ކަން ޒޫނާއަށް އެނގެއެވެ. އަދި އޭނާ މަންމަ ކައިރީ އެގޮތަށް މާ ހާސަރު ދަމަން ފަށައިފިއްޔާ ކޮންމެވެސް ދޮގެއް ހަދާފާނެ ކަމަކީ ދުރުގައި އޮތް ކަމެއް ނޫން ކަން ވެސް ޒޫނާއަށް އެނގެއެވެ.
ޒުލޭހާއަށް ޖަވާބެއް ނުދެވެނީސް ޒޫނާ އިން ތަނުން ތެދުވެ، ލައިގެން ހުރި ޖިންސުގެ ޖީބަށް އަތުގައި އޮތް ފޯނު ޖަހާލިއެވެ. އަދި މޭޒުމަތީ އޮތް ސައިކަލު ތަޅުދަނޑިއާއި ހެލްމެޓް ނަގައިގެން ގެއިން ބޭރަށް ނިކުންނަން އޭނާ ހިނގައިގަތީ، މަންމައާ ނޫރާ ދައްކަމުން ދިޔަ ވާހަކައަށް ސަމާލުކަން ދޭން ބޭނުން ނުވާތީއެވެ.
ނޫރާއަށް ވުރެ ކުރިން އެ އިމާރާތުގެ ތިރީ ބަޔަށް ޒޫނާ ލިފްޓުން ފޭބިއެވެ. އަދި ގެއިން ބޭރަށް ނިކުތުމަށް އެގޭގެ މައިދޮރު ހުޅުވާލީ ގޭގެ ކުރިމައްޗަށް ވާ ގޮތަށް ޕާކްކޮށްފައި ހުރި އޭނާގެ ސައިކަަލަށް ބަލާލަމުންނެވެ. ގެއިން ބޭރަށް ނިކުތް ވަގުތު އޭނާގެ ފަހަތުން ދޮރު ނުލެއްޕެނީސް މީހަކު އޭނާގެ ގައިގާ ޖެހިގެންފައި އެތެރެއަށް ދެމިގަތެވެ. ދެބުމަ ގޮށް ޖަހާލަމުން އެއީ ކާކުތޯ ބަލާލަން ޒޫނާ އެނބުރިލީ އެމީހާ ޖެހިގަތުމުން އައިސްފައި ރުޅިއާވެސް އެކީއެވެ. ކަޅު ކުލައިގެ ހުޑީއަކާއި އައިސް ބްލޫ ޖީންސެއް ލައިގެން ހުރި ޒުވާނާއަކީ ކާކުކަން ދެނެގަންނާކަށް އޭނާއަކަށް ނޭނގުނެވެ.
އެގޭގެ މައި ދޮރަކީ އަބަދުވެސް ތަޅުލާފައި ހުންނަ ދޮރެކެވެ. އެގޭގެ އެޕާޓްމަންޓަށް ދީފައިވާ ނަންބަރަކަށް ފިތައިގެން ބެލް ޖެހޭ އެޕާޓްމަންޓުން ތަޅު ހުޅުވައި ދިނިއްޔާ ނޫނީ އެގެއަށް ގެއިން ބޭރުން އަންނަ ކޮންމެ ކޮންމެ މީހަކަށް ނުވަދެވޭނެއެވެ. ވީ އިރު އެއީ އެގޭގައި އުޅޭ މީހެއް ހެއްޔެވެ؟ ނޫނީ އެއީ ބޭރުން އައި ނުދަންނަ ބީރައްޓެއްސަކީ ހެއްޔެވެ؟
ވިސްނުމެއްގައި މަޑުޖެހިފައި ހުރި ޒޫނާއަށް އެއްޗެކޭ ނުބުނެވެނީސް، އެ ޒުވާނާ ހުޅުވުނު ލިފްޓްގެ ތެރެއަށް ވަދެއްޖެއެވެ.
- ނުނިމޭ -