ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރުމާ ގުޅޭގޮތުން ސަރުކާރުން މަޝްވަރާ ކުރަން ފަށައިފިއެވެ.

މި މަޝްވަރާތައް ކުރިއަށް ދާކަމަށް ސަރުކާރުން ބުނެފައި ވަނީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު "ހިޔާ ރައްޔިތުންގެ ގުޅުން" ޖަމިއްޔާއާއެކު ބޭއްވެވި ބައްދަލުވުމުގައެވެ.

މި ބައްދަލުވުމާ ގުޅޭ ގޮތުން އެ ޖަމިއްޔާ އިން ބުނެފައި ވަނީ، ހިިޔާގެ ރައްޔިތުންގެ ކަންބޮޑުވުން ހުރި 3 ކަމެއް ރައީސާ ހިއްސާކުރި ކަމަށެވެ. އޭގެ ތެރެއިން އެންމެ މުހިއްމު ކަމަކީ ފްލެޓްތަކުގެ ކުލި ކުޑަކޮށް ދިނުމެވެ. އަދި އެކަމާ ގުޅޭ މަޝްވަރާތަކެއް ސަރުކާރުން މިހާރު ވެސް ކުރިއަށް ގެންދާ ކަމަށް "ހިޔާ ރައްޔިތުންގެ ގުޅުން" އިން ވަނީ ބުނެފައެވެ.

ކުލި ކުޑަކުރުމުން ސަރުކާރުން ވިސްނާފައި އޮތް ގޮތްތައް އެ ޖަމިއްޔާއާ ސަރުކާރުން ހިއްސާކޮށްފައި ވާއިރު އޭގެ ތެރެއިން އެއް ގޮތަކީ އެޕާޓްމަންޓް ތަކުގެ ފިނިޝިން މަސައްކަތް ތަކަށް ނެގި ލޯނުތައް ފުރިހަމަ ކުރުމަށް، 5 އަހަރުގެ މުއްދަތަކަށް ފްލެޓްތަކުގެ ކުލި ކުޑަކުރުން ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

ދެވަނަ ގޮތަކީ ހިޔާ ފްލެޓަށް ކުލި ނުދެއްކޭ، މާލީ ހާލަތު ދަށް އާއިލާތައް ދެނެގަނެ އެފަދަ އާއިލާތަކަށް ކުލި ކުޑަކޮށް ދިނުން ކަމަށާއި އަދި ތިން ވަނަ ގޮތަކީ މި މަޝްރޫއުގެ ލޯނު ސަރުކާރުން ދެއްކުމަށް މިހާރު ކަނޑައަޅާފައިވާ 25 އަހަރު، 30 އަހަރަށް އިތުރުކޮށް، ފްލެޓްތަކުގެ ކުލި އެންމެންނަށް ކުޑަކޮށް ދިނުން ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

ހިޔާ ފުލެޓުތަކަށް ފައިސާ ދައްކައި ހަލާސްކުރުމަށް މިހާރު ދީފައިވާ އެންމެ ދިގު މުއްދަތަކީ 25 އަހަރެވެ. އިންސްޓޯލްމަންޓުގެ ގޮތުގައި މަހަކު 7،500 ރުފިޔާ ދައްކާ އިރު، ފްލެޓުތަކުގެ މެނޭޖްމަންޓް ފީގެ ގޮތުގައި މަހަކު 1000 ރުފިޔާ އާއެކު ޖުމްލަ 8500 ރުފިޔާ މަހަކު ދައްކަން ޖެހެއެވެ. އަދި މަހުގެ 10 ގެ ކުރިން ފީ ނުދައްކާނަމަ، 85 ރުފިޔާގެ ޖޫރިމަނާއެއް އަރާނެއެވެ.

ހުޅުމާލެ ފޭސް 2 ގައި ހަދާފައި ވާ ހިޔާ ޓަވަރުތަކަކީ 25 ބުރީގެ 16 ޓަވަރު ހިމެނޭ ގޮތަށް ކޮންމ ޓަވަރެއްގެ ކޮންމެ ފްލޯއެއްގައި 20 އެޕާޓަމަންޓް ހަދާފައިވާ ޓަވަރުތަކެކެވެ.