ހާރު ކެއުމަކީ ރޯދަމަހުގެ އެންމެ ހާއްސަ އެއްކަމެވެ. ފަތިސް ނަމާދާއި ވީހާވެސް ގާތްކޮށްފައި ކެއުމަށް އޮންނަ މި ކެއުން އިރާކޮޅު ފުރިހަމަ ކުރާ މީހުން ވެސް އަހަރުމެންގެ ތެރޭގައި އުޅެއެވެ. ހާރަކީ އަނެއް ދުވަހު ވަރުބަލިނުވެ ހުރުމަށްޓަކައި މުހިންމު ކެއުމެވެ. އަދި ހާރު ކެއުމަށް ބޭނުންކުރާ އެއްޗެއްގެ ސަބަބުން އަނެއް ދުވަހު ރޯދައަށް ހުންނަން ދަރިވުމަކީ އެއްވެސް މީހަކު ބޭނުންވާނެ ކަމެއް ނޫނެވެ.
އެއްފަހަރާ ނޭވާނުލެވޭ ވަރަށް ކެއުމުގެ ބަދަލުގައި ރޯދަވީއްލުމަށް ވެސް މެދުމިނަކަށް ކައިގެން ހާރުދަމު ނިދާ ތެދުވެ ހަށިގަނޑަށް ފައިދާ ހުރި އެއްޗެއް ކެއުމުން ރޯދަވަރުބަލިވުމާ ދުރުވާނެއެވެ.
އެހެން ކަމުން ވިވަގުތުގައި ބޭނުންކުރާ ކާނާއަކީ ހަށިގަނޑަށް ފައިދާ ހުރި، ރޯދައަށް ހުރެވޭ ވަރަށް ހަކަތަ ލިއްބައިދޭ ކެއުމަށް ވާން ޖެހެއެވެ. ހާރުދަމުގައި ކާން އެންމެ ރަނގަޅީ ކޮންކޮން އެއްޗެއްކަން އެނގުން ވަރަށް މުހިންމެވެ.
ހާރުދަމުގެ ކެއުމުގައި ކާބޯހައިޑްރޭޓް، ޕްރޮޓީން، ފައިބަރު އެކުލެވޭ ބާވަތްތައް އަދި މޭވާގެ ބާވަތްތައް ގިނަ ކުރާށެވެ.
ކާބޯ ހައިޑްރޭޓް އެކުލެވޭ ބާވަތްތައް:
- ބާރުލީ
- ބަތް
- އޯޓުސް
- ތޮޅި
- މުގު
- އާޓާ ފުށް
- ބާސްމަތީ ހަނޑޫ
ކާބޯހައިޑްރޭޓްސް ގިނައިން ހުންނަ ކާނާގެ ބާވަތްތައް ހާރު ދަމުގައި ކެއުން ބުއްދިވެރިއެވެ. މިތަކެތި ހަޖަމު ކުރުމަށް ވެސް ވަގުތު ނަގައެވެ. އެހެންކަމުން، އެއިން ހަށިގަނޑަށް ވަރު ޖައްސާ [ލިބޭ ހަކަތަ] ގިނަ އިރު ހުންނާނެއެވެ.
ފައިބަރު ލިބޭ ކާނާ:
- އާފަލު
- ދޮންކެޔޮ
- އެޕްރިކޮޓް
- އޯޓްސް
- ސަނާމުގު
މިތަކެތި ކެއުމުން، ބަނޑު ފުރިހައި ހުންނަ ކަހަލަ އިހްސާސެއް ކުރެވޭނެއެވެ. އަދި ބަނޑު ހަރުވުމުން ދުރުކޮށްދޭނެއެވެ.
ޕްރޮޓީން ލިބޭ ކާނާ:
- ކިރު
- ބިސް
- ކުކުޅު
- ޔޯގަޓު
- ކަނޑުމަސް
ޕްރޮޓީނުން މުއްސަނދި ކާނާއަކީވެސް މުހިންމު ކެއުމެކެވެ. މިފަދަ ކާނާއިން ހަށިގަނޑުގެ މަސްތައް މަރާމާތުކޮށް އިތުރަށް އުފެދުމަށް ވެސް އެހީތެރިކަން ލިބޭނެއެވެ.
ދެން އެންމެ މުހިއްމު ކަމަކަށް ކުރަން ޖެހޭ ކަމަކީ ގިނައިން ފެން ބުއިމެވެ. އެގޮތުން ކޮންމެ ރެއަކު މަދުވެގެން 8 ތަށި ފެން ބޯން އާދަކުރާށެވެ. ފެނަކީ ރޯދަޔަށް ހުންނައިރު ކުރިމަތިވާ ވަރުބަލިކަމާއި ލޮނޑުކަން ކުޑަކޮށްދީ، ތާޒާކަންމަތީ ހަށިގަނޑު ގިނައިރު ދަމަހައްޓައިދޭނެ އެއްޗެކެވެ.
ހާރު ދަމުގައި ބޭނުންކުރުމުން ދުރުހެލިވާންވީ ބައެއް ކާނާވެސް ހުރެއެވެ. ސަޔާއި ކޮފީގައި ކެފެއިން ހިމެނޭ އިރު، ކެފެއިން އަކީ ތިބާގެ ގައިގައި ހުންނަ ފެން މަދު ކުރުވާ ބާވަތެކެވެ. ހަށިގަނޑުން ފެން މަދުވާ ވަރަކަށް، ކަރު ހިއްކުމުގެ އިހްސާސް އިތުރުވެ، ރޯދައަށް ހުންނައިރު ވަރުބަލިވުން އިހުސާސް ވުމުގެ ފުރުސަތު ބޮޑުވެއެވެ.