އިންޑިއާއިން ކޮންޓްރޯލް ކުރާ ޖަންމު އެންޑް ކަޝްމީރު ސަރަހައްދުގައި އޮންނަ އާފަލު ދަނޑުތައް ގަންނާނެ ބަޔަކު ބެލުމަށާއި، އެ ސަރަހައްދުގައި ހަދާ ހޮޓަލެއްގެ މަސައްކަތް ބަލަން ދިޔަ މަކަރު ވެރިއަކަށް ސަރުކާރުގެ އޮފިޝަލުންނަށް ދޭ ސެކިއުރިޓީއާއި ހިދުމަތް ދިން މައްސަލަ ބަލައި އެކަކުވެސް ދޫނުކުރާނެ ކަމަށް އެ ސަރަހައްދުގެ ފުލުހުން ބުނެފިއެވެ.
ކިރަން ޖޭ ޕާޓެލް ނަމަކަށް ކިޔާ ގުޖުރާތަށް ނިސްބަތް ވާ އެ މަކަރުވެރިޔާ ކަޝްމީރުގެ ޝްރީނަގަރަށް ދިޔައީ އެއީ، ބީޖޭޕީގެ މެންބަރެއް ކަމަށާއި އަދި ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އެޑިޝަނަލް ސެކްރެޓަރީ ކަމަށް ބުނެ ފޭކް ލިޔެކިޔުން ދައްކައިގެންނެވެ. ސަރުކާރުގެ އޮފިޝަލުން ހެދުން އަޅާގޮތަށް ހެދުން އަޅައިގެން ޕަޓޭލް ހުރި އިރު، އޭނާ އަށް ސެކިއުރިޓީ ދިނީވެސް ޖަންމު އެންޑް ކަޝްމީރުގެ ފުލުހުންނެވެ. އެމީހުން ހަތިޔާރާއެކު އޭނާ އާ އެކު ހަރަކާތްތެރި ވި އިރު އޭނާ ދަތުރު ކޮށްފައި ވަނީ ބްލެޓްޕްރޫފް ކާރުގައެވެ. ނިދާ ކައިބޮއެ ހަދާފައި ވަނީ ސްރީނަގަރުގައި އޮފިޝަލުންނަށް ހާއްސަ 5 ސްޓާ އެކޮމަޑޭޝަނުންނެވެ.
މި މައްސަލައިގައި އިންޑިއާ ސަރުކާރާއި ފުލުހުންނާއި އިންޓެލިޖެންސަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައި ވާއިރު އޭނާއަށް އެތަނަށް ދެވުނު ގޮތާއި ހުއްދަ ލިބުނު ގޮތްތައް ސީރިއަސް މައްސަލަ ތަކެއްގެ ގޮތުގައި ދަނީ ބަލަމުންނެވެ. އެގޮތުން، ސްޑޭންޑަޑް އޮޕަރޭޓިން ޕްރޮސީޖާ (އެސްއޯޕީ) އެއް އޮވެ، ކޮންމެ ދުވަހަކު އެސްއޯޕީ ސަރަހައްދީ ފުލުހުންނަށްވެސް ކިޔައިދީ ހަދަމުން ދަނިކޮށް މިފަދަ ކަމެއް ހިނގުމަކީ ގަބޫލު ކުރަން ދަތި ކަމެއް ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ. އަދި އިންޓެލިޖެންސް ފެއިލްވެފައި ވާ ކަަމަށް ބުނެވެސް ގިނަ ބަަޔަކު ދަނީ ފާޑުކިޔުން އަމާޒު ކުރަމުންނެވެ.
ނަމަވެސް މި މައްސަލައިގައި ފުލުހުންގެ އޮފިޝަލް ވިދާޅުވީ، އެކަން ހިނގާފައި ވަނީ، އަނގަބަހުން ދޭ އޯޑަރު ބަލައިގަންނަ ލެވެލްގައި ކަމަށާއި އެކަމުގައި ޒިންމާވާ އެންމެން ދެނެގަނެ ފިޔަވަޅު އަޅާނެ ކަމަށެވެ.