ހަނގުރާމައިގެ ޖަރީމާތައް ބެލުމަށް ހާއްސަ ކޮށްގެން އުފައްދާފައި ހުންނަ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިން ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ހައްޔަރު ކުރަން އަމުރު ނެރުނަސް އެކަން ކުރެވޭނެ ގޮތެއް ނެތެވެ.

އެމެރިކާ ފަދައިން ރަޝިއާ އަކީ އެ ކޯޓު ބަލައިގަންނަ ގައުމެއް ނޫނެވެ. އެ ކޯޓުގައި މީހުން ހައްޔަރު ކުރުމުގެ ބާރު ލިބިދޭ ފޯސް އެއްސްވެސް ނޯވެއެވެ. ނަމަވެސް އެ ކޯޓުގެ މެންބަރުންގެ ގޮތުގައި ތިބި 120 ގައުމަކުން ކުރެ ގައުމަކަށް ޕުޓިން ވަޑައިގަންނަވާ ތަނުން އެއިން ގައުމަކުން ޕުޓިން ހައްޔަރު ކުރުމަށް ފަހު އެ ކޯޓާ ހަވާލު ކުރެވިދާނެއެވެ.

މުރާސިލުން ވިދާޅުވާ ގޮތުން އެއީވެސް ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ. މީގެ ކުރިން މިފަދަ އަމުރެއް ނެރުނު ބޯލްކަންގެ ރައީސަކުވެސް އެކޯޓަށް ހައްޔަރު ކުރެވުނީ އަމުރު ނެރުނުތާ 16 އަހަރު ފަހުންނެވެ.

ޔޫކްރައިން އަށް އަރާ ރަޝިއާއިން ހިންގާ ހނަގުރާމައިގައި ކުޑަކުދިން މަރުމާއި ހަނގުރާމައިގެ ޖަރީމާ ހިންގާ ކަމުގެ ހެކި ހުރި ކަމަށް ބުނެ، އައިސީސީން ޕުޓިން ހައްޔަރު ކުރަން އަމުރު ނެރުނު އިރު މިއީ މީގެ ކުރިން ހަނގުރާމަތަކާ ގުޅިގެން ވެރިއަކު ހައްޔަރު ކުރަން އަމުރު ނުނެރޭހާ އަވަސް މިނެއްގައި ނެރުނު އަމުރެކެވެ.

އައިސީސީން ޕުޓިން ހައްޔަރު ކުރަން އަމުުރު ނެރެފައި ވަނިކޮށް ރޭ ޕުޓިން ވަނީ، ކްރިމިއާ ދަތުރެއް ނިންމަވާލެއްވުމަށް ފަހު، މިފަހުން ހިފި މަރިއުޕޮލް އަށް ޒިޔާރަތް ކުރައްވާފައެވެ. މިއީ ކްރިމިއާ ހިފިތާ 9 އަހަރު ފާހަގަ ކުރުމަށް ކްރިމިއާ އަށް ވަޑައިގަތުމަށް ފަހު، މިދިޔަ އަހަރު ފެށި ހަނގުރާމައިގައި ހިފި ސަރަހައްދަކަށް ޕުޓިން ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

މަރިއުޕޮލް އަށް ވަޑައިގެން ޕުޓިން ވަނީ، އެތާގައި މިހާރު ދިރިއުޅޭ އާއިލާތަކާ ބައްްދަލު ކުރައްވައި އެތާނގައި ކަންކަން ހުރި ގޮތާބެހޭ ގޮތުން ސުވާލު ކުރައްވައިި "އެތާ ދިރިއުޅޭ ހިތްވާތޯ" އައްސަވާ ސުވާލު ކޮށް ހައްދަވާފައެވެ. ޖަވާބުގައި އެމީހުން ބުނެފައި ވަނީ، އެއީ ސުވަރުގެއެއް ފަދަ ތަނެއް ކަމަށާއި ވަރަށް އުޅޭ ހިތްވާ ކަމަށެވެ.

ޕުޓިންގެ ދަތުރާ ގުޅިގެން ޔޫކްރައިން އިން ބުނީ، "ވަގުން އަރާހެން ރޭގަނޑު މަރިއަޕޮލް އަށް އެރީ"، ހަގީގަތް އެނގިދާނެތީ ކަމަށާއި ޕުޓިން ބޭނުންވާ ކަންކަން ކުރައްވައި "ފިލަން ވެގެން" ކަމަށެވެ.