މޯލްޑިވްސް ޕޯޓު ލިމިޓެޑް (އެމްޕީއެލް)ގެ މުވައްޒަފުންގެ ދަރިންނަށް ހާއްސަކޮށް ހެދި ޑޭ ކެއާ ސެންޓަރު ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.

"ކިޑްސް ކެއާ"ގެ ނަމުގައި ހެދި ޑޭ ކެއާ ސެންޓަރު މިއަދު ރަސްމީކޮށް ހުޅުއްވާދެއްވީ ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަޒްނާ އަހުމަދެވެ. ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 7:00 އިން ރޭގަނޑު 19:00 އަށް ހުޅުވާފައި ހުންނަ މި ޑޭ ކެއާ ސެންޓަރުގައި މިހާރުވެސް 12 ކުދިން ރަޖިސްޓްރީ ކޮށްފައިވެއެވެ.

އުނގެނުމާއި މުނިފޫހި ފިލުވުމުގެ އެކި ޕްރޮގްރާމްތައް ހިމަނައިގެން ހިންގުމަށް ހަމަޖެހިފައިވާ ޑޭ ކެއާ ސެންޓަރުގެ ހިދުމަތްތަކަށް މުވައްޒަފުންގެ އަތުން އެއްވެސް ފީ އެއް ނުނަގާނެ ކަމަށް އެމްޕީއެލްއިން ބުންޏެވެ. މީގެ އިތުރުންވެސް، ޑޭ ކެއާ ސެންޓަރުގައި ރަޖިސްޓްރީ ކުރުމަށް ވަކި އުމުރުފުރައެއް އަދި ކަނޑައަޅާފައި ނުވެއެވެ.

އެމްޕީއެލްގެ "ކިޑްސް ކެއާ"ގ ެކުދިންނާ އެކު މެޑަމް ފަޒްނާ ވަގުތު ހޭދަ ކުރައްވަނީ

މި ޑޭ ކެއާ ސެންޓަރު ހުޅުވުމުގެ އެންމެ ބޮޑު އެއް މަގްސަދަކީ އިޖްތިމާއީ ހަމަޖެހުމާއި، އަންހެނުން ބާރުވެރިކުރުމަށާއި ދުޅަހެޔޮ އާއިލާއެއް ބިނާކުރުމަށް އެމްޕީއެލްގެ މުވައްޒަފުންނަށް ވެސް ލުއި ފަސޭހަ ގޮތް ތަކެއް ހޯދައިދިނުން ކަމަށް އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވިއެވެ. އަދި މި ޑޭ ކެއާ ސެންޓަރަކީ އޮފީހާ ކައިރީގައި ބިނާ ކުރެވުނު ސެންޓަރެއްކަމުން، ކުދިންގެ ކަންކަން ގާތުން ބަލުމަށް މަގުފަހިވެ ބްރޭކް ގަޑީގައި ވެސް ކުދިންނާއެކު ވަގުތު ހޭދަ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ސެންޓަރުގައި ކުދިން ބެލެހެއްޓުމުގެ މަސައްކަތް ކުރަމުންދާނީ އެ ދާއިރާގެ ފަންނީ ގާބިލްކަން ލިބިފައިވާ ތަޖުރިބާ ހުރި މުވައްޒަފުން ކަމަށް އެމްޕީއެލްއިން ބުންޏެވެ.