ރ.ވާދޫ ފެންފިޔާޒުގެ މުހައްމަދު އަނަސްގެ މަރާލި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ސިއްރު ހެކިވެރިންނަށް ބިރު ދައްކާފައި ވާކަމަށް މިއަދު ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމުގެ ދައުލަތުން ބުނެފިއެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ހެއްކާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ހުށަހަޅާފައިވާ ބައެއް ސިއްރު ހެކިވެރިން ކޯޓަށް ހާޒިރުވެފައި ނުވާތީ އެމީހުންގެ ހެކި ބަސް ނެގިފައެއް ނުވެއެވެ. ޝަރީއަތުގެ މަޖިލީހަށް ހެކިވެރިން ހާޒިރުނުވި ސީދާ ސަބަބު ހާމަކޮށްފައި ނުވި ނަމަވެސް އެމީހުންނަށް ބިރުދައްކާ ހެއްކަށް ނުފޫޒު ފޯރުވަން މަސައްކަތް ކޮށްފައި ވާކަމަށް ދައުލަތުން ވަނީ ބުނެފަައެވެ.
މި މައްސަލައިގެ އަޑުއެހުމެއް އަންނަ މަހު 13 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި ވާއިރު އެ ދުވަހު އޮންނާނީ ހުލާސާ ބަޔާން އިއްވުމެވެ. ހުލާސާ ބަޔާން އިއްވުމަށް ފަހު ދެން އޮންނާނީ މި މައްސަލައިގެ ހުކުމް ކުރުމެވެ.
މި މައްސަލައިގައި މީގެ ކުރިން ފުލުހުން ބުނީ 2017 ވަނަ އަހަރުގެ ޖުލައި މަހު 31 ވަނަ ދުވަހުގެ ރޭ ލިޓެސް ގަރާޖް ތެރޭގައި އަނަސް މަރާލީ އެހެން މީހެއްކަމަށް ހީކޮށް ކަމަށެވެ.
މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ؛
- - އަފްރާހު އަބްދުއްރައްޒާގު، މ.ލޮނުމެދުގެ / މާލެ
- - ސިމާހު މޫސާ، ދަފްތަރު ނަންބަރު1746 / މާލެ
- - އުސްމާން ޝަރީފް، މ.ދިމިޝްގު / މާލެ
- - މުހައްމަދު ޝާޒް، ގުލްފާމުގެ / ތ.ކިނިބިދޫ
- - ޖުނައިހު އަބްދުﷲ، ނަންނާރިގެ / ލ.ގަންތުނޑީ
- - ހަސަން މަހްފޫޒް، ވެސްޓަންވިލާ / ސ.ފޭދޫ
- - އަހްމަދު ޒަޔާން، އަސުރުމާގެ / ޅ.ކުރެންދޫ
މި މައްސަލައިގައި ދައުވާ އުފުލި 18 އަހަރުގެ ކުއްޖާގެ މައްޗަށް ކުށް ސާބިތުވެ 2022 ވަނަ އަހަރު އޮކްޓޮބަރު މަހު ވަނީ ހުކުމްކޮށްފައެވެ.