މޫން ޕައި އަކީ ތައްޔާރު ކޮށްލަން ފަސޭހަ ރެސިޕީއެކެވެ. މި ރެސިޕީގައި މޫންޕައި ހެދުމަށް ކުކުޅު މަސް ބޭނުން ކުރި ނަމަވެސް އެމީހަކު ބޭނުންވާ މަހެއް އިހްތިޔާރު ކުރެވިދާނެއެވެ. އެގޮތުން ދަޅު މަސް ނޫން ނަމަ ގްރައުންޑް ބީފް ވެސް ބޭނުން ކުރެވިދާނެއެވެ.
މޫން ޕައިގެ ބައްޓަން އޮންނަ ގޮތުން ގޭގައި އުޅޭ ތުއްތު ކުދިންނަށްވެސް ކަމުދާނެއެވެ. ބޭނުން ނަމަ އެކުދިންނާ އެކު ވެސް ތައްޔާރު ކޮށްލެވި ދާނެއެވެ. މި ރެސިޕީގެ ރަހަ އިތުރަށް ރަނގަޅު ކޮށްލުމަށް ސޯސް އާ ޖަހައިގެން ކެއުމަށް އިންސާފު ކުރެވިދާނެއެވެ.
ބޭނުންވާ ތަކެތި
ޗިކަން ފިލިންގް:
- 1 މޭޒުމަތީ ސަމްސާ ތެޔޮ
- 1 ފިޔާ (ކިއުބް ކޮށް ކޮށާފައި)
- 1 ތޮޅި މިރުސް
- 1/2 ޖޯޑު ކެޕްސިކަމް
- 1 މޭޒުމަތީ ސަމްސާ ޗިލީ ފްލޭކްސް
- 1 ސައިސަމްސާ އަސޭމިރުސް
- ލޮނު (ރަހަ ލާ ވަރަށް)
- 1 ޖޯޑު ރޯ ބޯންލެސް ކުކުޅު (ކުދިކުދިކޮށް ކޮށާފައި)
- 1 މޭޒުމަތީ ސަމްސާ ބަޓަރު
- ޗީޒް (ސްލައިސް)
- 1/2 ސައިސަމްސާ އޮރެގާނޯ
- 1 ސައިސަމްސާ ބަޓަރު
- 2 ބިސް
- 1/2 ޖޯޑު ދިޔާ ކިރު
- ފާރޮށި ކުނޑި / ބްރެޑް ކްރަމްބް
ފުށް ގަނޑު ތައްޔާރު ކުރުމަށް:
- 2 ކަޕް ފެން
- 1 ސައިސަމްސާ ލޮނު
- 1 1/2 ސަމްސާ ބަޓަރު
- 2 ޖޯޑު ފުށް
ތައްޔާރު ކުރާނެ ގޮތް
ތެޔޮ ފޮދު ތަވަޔަށް އަޅާ ހޫނު ކޮށްލުމަށް ފަހު މިރުސް އަދި ފިޔާ އަޅާ ހަނާކޮށްލާށެވެ. މަޑު މުށި ކުލަ އެރުމުން އޭގެ ތެރެއަށް ކެޕްސިކަމް، ޗިލީ ފްލޭކްސް އަސޭމިރުސް އަދި ލޮނު އެޅާ އެއްކޮށްލާށެވެ. ހުރިހާ އެއްޗެއް ރަނގަޅަށް އެއްވުމުން އޭގެ ތެރެއަށް ކުކުޅު ކޮޅު އަދި ބަޓަރު އެޅުމަށް ފަހު ރޯފިލަންދެން ކައްކާލާށެވެ. ރޯފިލުމާއެކު ޗީޒް އަދި އޮރެގާނޯ އެޅުމަށް ފަހު ޗީޒް މެލްޓް ވުމުން އުނދުނުން ބާލާށެވެ.
ތެއްޔަކަށް ދެ ޖޯޑު ފެން އަދި ލޮނު އެޅުމަށް ފަހު ކެކިގަތުމުން ބަޓަރު އަޅާ ދެ ޖޯޑު ފުށް އަޅާ އެއްކޮށްލާށެވެ. ހުރިހާ އެއްޗެެއް އެއްކުރުމަށް ފަހު އުނދުނުން ބާލާ އެހެން ތަށްޓަކަށް ލުމަށް ފަހު ފުށްގަނޑު ހިހޫ ވުމުން ފުށް މޮޑޭހެން ރީއްޗަށް މޮޑެލާށެވެ. ފުށްގަނޑު ތައްޔާރު ވުމުން ގުޅަ ވަށާ ރޮށި ދަމާހެން ދެމުމަށް ފަހު ވަށް އެއްޗެއްގެ އެހީގައި ކަފާލާށެވެ. އަދި އޭގެ ތެރެއަށް ކުކުޅު މަސް އެޅުމަށް ފަހު ބައި ހަނދު ބައްޓަމަށް ފެންފޮދެއް ލުމަށްފަހު ތަތް ކޮށްލާށެވެ.
ބިސް، ދިޔާ ކިރު އަދި ލޮނު ކޮޅެއް އެޅުމަށް ފަހު އެއްކޮށްލާށެވެ. އަދި ކުރިން ހެދި ޕައި އެ އަށް ލުމަށް ފަހު ފާރޮށި ކުނޑި އަށް ލާ މަޑު މުށި ކުލަ އަރަންދެން ތެލުލާށެވެ. އެރުން މޫން ޕައި ތައްޔާރުވީއެވެ.