ދެކުނު އިރުމަތީ އޭޝިއާގައި އަސްކަރީ ގޮތުން ބާރުވެރިވާން އިންޑޮނީޝިއާ އިން ކުރަމުން ގެންދާ މަސައްކަތަށް ރަޝިއާ އާއި އިންޑިއާ ގުޅިގެން އުފައްދާފައި އޮންނަ ކުންފުންޏަކުން ކްރޫޒް މިސައިލް ވިއްކަން ތައްޔާރު ވެއްޖެއެވެ.

ގާތްގަނޑަކަށް 200 މިލިއަން ޑޮލަރުގެ މި ޑީލަކީ، ބްރާމޮސް (އިންޑިއާ އާއި ރަޝިއާ ކުންފުނި) އިން ދެގައުމުގެ ސަރަހައްދުން ބޭރުގައި ކުރާ މިފަދަ ބޮޑު ދެވަނަ ވިޔަފާރިއެވެ. މީގެ ކުރިން މިކުންފުނިން ވަނީ އެއްގަމުގައި ބޭނުން ކުރާ ޒާތުގެ އެންޓި ޝިޕް މިސައިލް ސިސްޓަމް ޕިލިޕީންސަށް ވިއްކާފައެވެ. އެއީ 375 މިލިއަން ޑޮލަރުގެ ޑީލެކެވެ.

ހަބަރުތައް ބުނާގޮތުން، އިންޑޮނީޝިއާގެ ޑީލް އަދި މުޅިން ފައިނަލް ނުވިނަމަވެސް މިހާރު މަޝްވަރާތަކުގެ ބޮޑުބައި ވަނީ ނިންމާފައެވެ. އަދި މިހާރު ކުރިއަށް ދަނީ އެތަކެތި ފޯރުކޮށްދޭނެ ޓައިމްލައިން (މުއްދަތު) ތަކާ ބެހޭ މަޝްވަރާތައް ކަމަށް ބުނެއެވެ. މީގެ އިތުރުން ހަނގުރާމަ މަތީ ކަނޑު ބޯޓުތަކުގައިވެސް ހަރުކުރެވޭ ގޮތަށް ފަރުމާ ކުރާ މި މިސައިލް ވިއްކަން ނިންމާފައި ވާ އިރު، އެ ޑީލް 350 މިލިއަނަށް މަތި ކުރެވޭތޯ މަޝްވަރާ ކުރަމުން ދާ ކަމަށް ބްރަމޮސް ގެ ސީއީއޯ އަތުލް ރަނޭ ވިދާޅުވެފައި ވެއެވެ.

މިކަމާ ގުޅިގެން އިންޑޮނީޝިއާގެ ޑިފެންސް މިނިސްޓްރީން އެއްވެސް ކޮމެންޓެއް ކުރުމަށް ދެކޮޅު ހަދާފައި ވާ ކަމަށް ބައެއް ނޫސްތަކުން ބުނެއެވެ.

އިންޑޮނީޝިއާ އާއި ޕިޕިލީންސް އިން އަސްކަރީ ދާއިރާ އިތުރަށް ތަރައްގީ ކޮށް ވަރުގަދަ ކުރަމުން މިދަނީ، ދެކުނު ޗައިނާ ކަނޑުގައި ޗައިނާގެ ނުފޫޒާއި ބާރު ގަދަވެ އެކަމުގެ ކަންބޮޑުވުން އެމެރިކާ އާއި އިންޑިއާ އަަދި ސަރަހައްދުގެ ގައުމުތަކުން ކުރަމުން ދާ ދުވަސްވަރެއްގައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން، ފާއިތުވި ދެއަހަރުގެ ތެރޭގައި އަސްކަރީ ކަންކަމަށް އިންޑޮނީޝިއާ އިން ހަރަދު ކުރާ މިންވަރު ވަނީ ތިންގުނަ ބޮޑުކޮށްފައެވެ. އެގޮތުން 2021 ގައި ބަޖެޓުގެ 28 ޕަސެންޓް އަސްކަރީ ކަންކަމަށް ކަނޑައަޅާފައި އޮތް އިރު ހުސްވި އަހަރު ވަނީ އެ އަދަދު 69 ޕަސެންޓަށް ބޮޑުކޮށްފައެވެ. ޕިލިޕީންސްގައި 2021 ވަނަ އަހަރު 29 ޕަސެންޓް ކަނޑައެޅި އިރު 2022 ވަނަ އަހަރު ވަނީ 40 ޕަސެންޓް ކަނޑައަޅާފައެވެ.

މި ގައުމުތަކުން އަސްކަރީ ބަޖެޓް ބޮޑުކޮށް ޒަމާނީ ހަތިޔާރު ހޯދުމުގެ ރޭހަށް ނިކުމެފައި ވާ އިރު، އިންޑިއާ، ރަޝިއާގެ އިތުރުން، އެމެރިކާ އާއި ފްރާންސުންވެސް ހަތިޔާރު ގަނެއެވެ.

ބްރާމޮސް އަކީ ރަޝިއާ ހިއްސާވާ ކުންފުންޏެއް ނަމަވެސް ރަޝިއާއިން ޔޫކްރައިނަށް އެރުމަކުން އެ ކުންފުންޏާ މެދު ދަތިކުރުމުގެ ފިޔަވަޅެއް ނާޅައެވެ. ނަމަވެސް މިސައިލްގެ ރޯ މެޓީރިއަލް ފޯރުކޮށް ދެނީ ރަޝިއާއިން ކަމަށް ވުމުން އިންޑިއާގައި މިސައިލް އުފެއްދި ނަމަވެސް އަގުގެ ގޮތުން މިހާރު 15 ޕަސެންޓް އުފުލިފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.