ޖުމްހޫރީ ޕާޓީ އިސްވެ އުފައްދާ ކޯލިޝަނަކުން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމުމާ ގުޅިގެން، ދެން ކުރިއަށް ދާންވީ ގޮތަކާ މެދު މަޝްވަރާ ކުރެއްވުމަށް އެމްޑީޕީގެ މެންބަރުންނާ އެކު ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

ހުޅުމާލޭ ދާއިރާގެ މެންބަރު، އަދި ރައީސް ސޯލިހްގެ ކޮއްކޯފުޅު އަލީ ނިޔާޒް 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރައީސް އެމްޑިޕީގެ މެންބަރުންނާ ބައްދަލުކުރައްވައިފި ކަމަށާއި އެކެނަ ހިނގީ މިދިޔަ ބުދަދުވަހު ކަމަށެވެ. ނަމަވެސް އެ ބައްދަލުވުމުގައި މަޝްވަރާ ކުރި ކަންކަމާ ގުޅޭ ގޮތުން އިތުުރު ތަފްސީލެއް ނިޔާޒް ނުދެއްވައެވެ.

މި ސަރުކާރާ އެކު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓާ އެކު އަދާލާތު ޕާޓީ އޮތް އިރު، އެމްއާރްއެމުން އަދި ކޯލިޝަންގައި ދެމި އޮތުމާ ގުޅޭ ގޮތުން ވަކި ގޮތެއް ނުނިންމައެވެ. މިހާތަނަށް އެމްޑީޕީއާއެކު އަދާލަތުގެ އިތުރުން އެމްޑީއޭ ވަނީ ކޯލިޝަން ހަދާފައެވެ. އެމްއާރްއެމުން ރައީސް ސޯލިހާ މަޝްވަރާ ކުރަން ނިންމާފައިވާ އިރު، ޖޭޕީން ވަނީ އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ނިންމައި ރިޔާސީ ކެންޑިޑޭޓަކު ހޮވުމަށް ޕްރައިމަރީއަށް އިއުލާން ކޮށްފައެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ އިންތިހާބުގައި ސަރުކާރު ކޯލިޝަނާ ވަކިން ވާދަކުރުމަށް ނިންމުމާ ގުޅިގެން ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ތެރެއިން ސަރުކާރަށް ތާއީދުކުރާ ބައެއް މެންބަރުން ވަނީ ޖުމްހޫރީ ޕާޓީގެ ސްލޮޓުގައި ތިއްބެވި ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިން އިސްތިއުފާ ދެއްވުމަށް ގޮވާލައްވާފައެވެ. އެހެން ނޫނީ ޖުމްހޫރީ ޕާޓީ ތަމްސީލު ކުރައްވާ ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިން ވަކިކުރާނެ ކަމުގެ އިންޒާރު ވެސް ބައެއް މެންބަރުން ވަނީ ދެއްވާފައެވެ.

މިކަމާ ގުޅިގެން ގާސިމް ވަނީ، ކޯލިޝަނެއް އެކުލަވާލައި، ސަރުކާރު ގެންނަން ކުރި މަސައްކަތުގެ ތެރެއިން ޖުމްހޫރީ ޕާޓީ އަށް ދިނުމަށް ކަނޑައަޅާފައިވާ މިންވަރަށް މަގާމުތައް ދެއްވުނުތޯ އައްސަވާ ސުވާލު އުފައްދަވާފައެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ޖުމްހޫރީ ޕާޓީން ނިންމި ނިންމުމާ ގުޅިގެން ސަރުކާރު ކޯލިޝަން ރޫޅާލަން ޖެހޭ ނަމަ، ރައީސް ސޯލިހު ވެސް އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ގާސިމް ވިދާޅުވެފައި ވެއެވެ.

މީގެ ކުރިން ވެސް ސަރުކާރުން ވަނީ، ޖުމްހޫރީ ޕާޓީން ވަކި ގޮތެއް ނިންމައިފި ނަމަ ކޯލިޝަންގެ މުސްތަގްބަލާ މެދު މަޝްވަރާކޮށް ގޮތެއް ކަނޑައަޅަން ރައީސް ސޯލިހު ނިންމަވާފައިވާ ކަމަށް ބުނެފައެވެ.

ޖުމްހޫރީ ޕާޓީން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ޕްރައިމަރީއަށް އިއުލާން ކުރުމުން ރައީސްގެ ނިންމެވުން ސާފު ކުރުމަށް ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެފައި ވަނީ، އަދި ޖޭޕީން ރިޔާސީ ކެންޑިޑޭޓަކު ނުހޮވާ ކަމަށާއި، ކެންޑިޑޭޓަކު ހޮވައި އެ ކެންޑިޑޭޓަކު ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރަން ފެށުމުން އެކަމާ ގުޅޭ ގޮތުން ވަކި ގޮތެއް ނިންމާނެ ކަމަށެވެ.