ކޮންމެ ކަމެއްވެސް ކުރުމަށް ބޭނުންވަނީ ޝައުގުވެރިކަމެވެ. އެކަމަކުން ކުރިއަށް ދިއުމަށް ބޭނުންވަނީ ހިތްވަރާއި ކެރުމެވެ. އައްޑޫ ސިޓީ މީދޫ އޮމާން ލުބްނާ މަޖީދު މުހްތާރު (ލުބު) އަކީ އެންމެ ކުޑައިރުއްސުރެ ފޮޓޯނެގުމަށް އުފެދުނު ޝައުގުވެރިކަމާއެކު އަމިއްލަ ހިތްވަރާއި މަސައްކަތުން އޭނާގެ ހުވަފެންތަކުގައި ކުލަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަނބަލެކެވެ.
ފޮޓޯނެގުމަކީ ލުބު ކުޑައިރުއްސުރެ ކުރާހިތްވި މަސައްކަތެވެ. ވަޒީފާއަކަށް ގޮސް އާމްދަނީ ލިބެން ފެށުމާއެކު ލުބު އެންމެ ބޮޑު އިސްކަމެއް ދިނީ ކެމެރާއެއް ގަތުމަށެވެ. އަމިއްލަ މަސައްކަތުން ކެމެރާއެއް ގަނެ ފޮޓޯ ނަގަން ދަސްކުރީ މިކަމަށް އޮތް ޝައުގެއްގެ ބޮޑުކަމުންނެވެ. ފޮޓޯގްރަފީގެ ދާއިރާއިން އެއްވެސް ތަމްރީނެއް ހަދާފައި ނުވިނަމަވެސް އަބަދުވެސް ޔޫޓިއުބް ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ފޮޓޯ ނެގުމަށް ބޭނުންވާ އިތުރު ހުނަރުތައް ދަސްކުރުމަށް ލުބު ހާއްސަ އިސްކަމެއްދިނެވެ.
ލުބު ބޭނުންވީ ޕްރޮފެޝަނަލް ލެވެލްގައި ކުރިއަށް ނުދެވުނަސް ހޮބީއެއްގެ ގޮތުގައި ވިޔަސް މި މަސައްކަތްކުރާށެވެ.
މާލޭގައި ދިރުއުޅުމަށްފަހު، މިހާރު އުފަން ރަށަށް ދިރިއުޅުން ބަދަލުކޮށްފައިވާ ލުބު ހޮބީއެއްގެ ގޮތުގައި ފެށި މަސައްކަތް މުޅިން އެހެން 'ލެވެލް' އަކަށް ދިޔައީ އުފަން ރަށުން މިކަމަށް ލިބުނު ތަރްހީބުންނެވެ. އައްޑޫ ސިޓީ ހުޅުދޫ މީދޫ ގައި ބާއްވާ ގިނަ ހަފްލާތައް ޝޫޓްކުރުމުގެ ފުރުސަތު ލުބު އަށް ލިބިގެން ދިޔައީ އޭނާއަށް މި ދާއިރާއިން ކުރިއަށް ދިއުމަށް ހުޅުވިގެން ދިޔަ ދޮރެކެވެ. ކާވެނި ހަފްލާތަކާ، އުފަންދުވަހުގެ ހަފްލާތަކުގެ އިތުރުން ރަށުގައި ބާއްވާ ޖަލްސާތަކާ އެކިއެކު އިޖްތިމާއީ ހަރަކާތްތަކުގެ ފޮޓޯ ނަގަމުން އަންނަ ލުބު އަށް މަދުމަދުން ރިސޯޓް ފޮޓޯގްރަފީއަށް ވެސް ފުރުސަތު ލިބެއެވެ.
ލުބު އަކީ މުޅި އައްޑޫ ސިޓީގައިވެސް ފާހަގަކޮށްލެވޭ މަދު އަންހެން ފޮޓޯގްރާފަރުންގެ ތެރޭގައި ހިމެނޭ ނަމޫނާއެކެވެ. އައްޑޫ ސިޓީ އަށް ބަދަލުވެ ހޮބީއެއްގެ ގޮތުގައި ފޮޓޯނަގަން ފެށި ލުބުއަށް އެ ސިޓީއިން ބޮޑު ތަރުހީބެއް ލިބިގެން ދިޔައެވެ. އުފަން ރަށުގައި ބާއްވާ ގިނަ ހަފްލާތަކުގައި ފޮޓޯ ނެގުމުގެ ފުރުސަތު ލިބިގެން ދިއުމަކީ ލުބުއަށް މި ދާއިރާއިން ކުރިއަށް ދިއުމަށް ލިބިގެން ދިޔަ ވަރަށް ބޮޑު ހިތްވަރަކެވެ.
ފޮޓޯ ޝޫޓުތަކަށް ދާއިރު އަބަދުވެސް ކަސްޓަމަރުން އެންމެ ބޭނުންވާ ގޮތަށް ފޮޓޯ ނެގުަމަށް ހާއްސަ އިސްކަމެއް ދޭ ލުބު ބުނީ އަބަދުވެސް ޝޫޓަށް ދިއުމުގެ ކުރިން ވަަރަށް ބޮޑަށް ތައްޔާރުވާކަމަށެވެ. މި ގޮތުން ޝޫޓަށް ދިއުމުގެ ކުރިން އެއީ ކޮންކަހަލަ ހަފްލާއެއް ނުވަތަ ޝޫޓެއްތޯ ބެލުމަށްފަހު އެ ޝޫޓަކާ ގުޅޭ 'އައިޑިއާ' ތައް ހޯދާ ކަސްޓަމަރުންނާ ހިއްސާކޮށް އެމީހުން ބޭނުންވާ ގޮތްވެސް ބަލާކަމަށް ލުބު ބުންޏެވެ. ނޯމަލް ޕޯޓްރޭޓް ފޮޓޯ ނެގުމަކީ ވަރަށް ފަސޭހަކަމެއްކަން ފާހަގަކޮށް ލުބު ބުނީ ފޮޓޯ ނަގާއިރު އެންމެ ބޮޑު އިސްކަމެއް ދެނީ ކަސްޓަމަރު ބޭނުންވާ ގޮތަށް ޝޫޓް ނިންމާލުމަށްކަމަށެވެ. އަދި ޝޫޓް ނިންމާލުމަށްފަހު ކަސްޓަމަރުން ބޭނުންވާ ގޮތަށް ފޮޓޯތައް ނެގުނުކަމުގެ ޔަގީންކަން ލިބޭ ވަގުތަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ ވަގުތެއްކަމަށް ލުބު ބުންޏެވެ.
ފޮޓޯ ނެގުމުގެ މަސައްކަތްކުރާއިރު ފޮޓޯ ޝޫޓަށް ބޭނުންވާ ބައެއް ސާމާންތައް އަދި ހަމަވެފައި ނެތުމުން ބޭނުންވާ ލެވެލްގައި އެކަންކުރުމުގައި ދަތިތައް ހުރިކަމަށް ލުބު ވަނީ ބުނެފައެވެ. އަދި މި ދާއިރާގައި ހުރި ގިނަ ގޮންޖެހުންތަކުގެ ސަބަބުން އެކަށީގެންވާ ގޮތެއްގައި ދާއިރާ ކުރިއަށް ނުދާކަން ލުބު ފާހަގަކުރިއެވެ. ފޮޓޯނެގުމުގެ މަސައްކަތަކީ ވަރަށް ބުރަ މަސައްކަތެއްކަން ފާހަގަކޮށް ލުބު ބުނީ ބައެއް ފަހަރު މިއީ ވަރަށް ފަސޭހަކަމެއްކަމުގައި ބައެއް ފަރާތްތަކުން ގަބޫލުކުރާކަަަމަށެވެ.
އަމިއްލަ ސްޓޫޑިއޯއެއް ހެދުމުގެ ހުވަފެންތައް ދެމުން އަންނަ ލުބު ބުނީ ވަރަށް އަވަސް މުސްތަގުބަލެއްގައި އެ ހުވަފެނުގައިވެސް ހަގީގީ ކުލަޖެހިގެންދާނެކަމަށެވެ. "އުއްމީދަކީ އަމިއްލަ ސްޓޫޑިއޯއެއް ހުޅުވި މަސައްކަތަށް ބޭނުންވާ ހުރިހާ ސާމާންތައް ހަމަކޮށް މި މަސައްކަތް އެހެން ލެވެލްއަކަށް ގެންދިއުން" ލުބު ބުޏްޏެވެ. މި މަސައްކަތަކީ ޕްރޮފެޝަނަލްކޮށް ކުރާނަމަ ރަގަޅު އާމްދަނީއެއްވެސް ލިބޭނެ މަސައްކަތެއްކަން ފާހަގަކޮށް ލުބު ބުނީ އައްޑޫ ސިޓީގައިވެސް މިއީ ކުރިއަށް ދެވިދާނެ ދާއިރާއެއްކަން ގަބޫލުކުރާކަމަށެވެ.
ކުޑަ ދެކުދިން ގޮވައިގެން އުޅެމުން މި މަސައްކަތަށް އެކަށީގެންވާ ވަގުތު ލިބެނީ އާއިލާގެ އެހީތެރިކަމާއެކު ކަމަށް ލުބުވަނީ ބުނެފައެވެ. މި މަސައްކަތުގައި ލުބު އަށް ކުރިއަށް ދިއުމަށް އާއިލާގެ ބޮޑު ހިތްވަރެއް ލިބެއެވެ. ކޮންމެ ކަމެއްގައިވެސް ކުރިއަށް ދިއުމަށް އެންމެ ބޮޑު ހިތްވަރެއް ލިބެނީ އާއިލާގެ ފަރާތުންކަން ލުބު ވަނީ ފާހަގަކޮށްފައެވެ. ލުބު ދެކޭ ގޮތުގައި ދިރިއުޅުމުގައި ކޮންމެ ކަމެއްވެސް ހާސިލްކުރެވޭނީ އެކަމަށްޓަކައި އުއްމީދުތަކެއްކޮށް، އެކަމަށް މަސައްކަތްކޮށްގެންނެވެ.