މި އަހަރަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު އަހަރެވެ. ފެބްރުއަރީ މަހު މި އަހަރުގެ ޖަލްސާތައް ފަށައި މިހާރު ކުރިއަށް ދަނީ މި އަހަރުގެ ފުރަތަމަ ދައުރުގެ މަސައްކަތްތަކެވެ. ނަމަވެސް އޭގެ ކުރީ އަހަރު މަޖިލީހަށް ހުށަހެޅުނު ބައެއް މައްސަލަތަކާއި ގަރާރުތަކާއި ބިލުތަކުގެ މަސައްކަތްތައް އަދިވެސް ނުނިމެއެވެ. ބައެއް ބިލުތައް އަދިވެސް ވީ ކޮމިޓީ މަރުހަލާގައެވެ.
މިދިޔަ އަހަރުގެ ރައްޔިތުންގެ މަޖިލީހަށް ބަލާލާއިރު، މިދިޔަ ދައުރު ނިމުނުއިރު މަޖިލީހުގެ ޖުމްލަ 45.3 ޕަސެންޓު މަސައްކަތްތައް އޮތީ ނުނިމިއެވެ. އޭގެ ތެރޭގައި މަޖިލީހަށް ހުށަހެޅުނު ބިލުތައް ހިމެނޭއިރު، މިދިޔަ އަހަރު ހުށަހެޅުނު ޖުމްލަ 42 ބިލުގެ ތެރެއިން 17 ބިލުގެ މަސައްކަތްތައް ނުނިމެއެވެ.
މި އަހަރުގެ ޖަލްސާތަކަށް މަސްދުވަސްވީ ތަނާ، މި މަހުގެ ފުރަތަމަ ދުވަހު ބޭއްވި ޖަލްސާ ފެއްޓެވުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ބިލުތަކުގެ މަސައްކަތްތައް އަވަސްކޮށްދެއްވުމަށް މެންބަރުންގެ އަރިހުން އެދިވަޑައިގެންފައެވެ. އެމަނިކުފާނު އެދިވަޑައިގަތީ މަޖިލީހުގެ ކޮމިޓީތަކަށް އިތުރު ވަގުތު ހަމަޖައްސަވައި، މި ދައުރު ނިމުމުގެ ކުރިން ބިލުތަކުގެ މަސައްކަތްތައް ނިންމާލުމަށެވެ.
"މީގެ ތެރެއިން ވަރަށް ގިނަ މަސައްކަތަކީ އެކި އެކި ސަބަބުތަކަށްޓަކައި މަޖިލިހުގައި މަޑުޖެހިފައި ހުރި މަސައްކަތް،" ނަޝީދު ވިދާޅުވިއެވެ.
18 ބިލެއް އަދިވެސް ކޮމިޓީ މަރުހަލާގައި
ނަޝީދު ވިދާޅުވީ، ބިލުތަކުގެ މަސައްކަތްތައް މަޑުޖެހިފައި ވަނީ ބައެއް ބިލުތައް އެއްގޮތްކުރުމަށް ބޭނުންވާތީ އާއި، އަނެއްބައި ބިލުތަކާ ބެހޭގޮތުން ސަރުކާރާ ވާހަކަ ދައްކަން ޖެހުމުގެ ސަބަބުން ކަމަށެވެ. އެފަދައިން ވިދާޅުވެ، ކޮމިޓީ މަރުހަލާގައި މިހާރު އޮތް 18 ބިލެއްގެ ތަފްސީލް އެމަނިކުފާނު ވަނީ މެންބަރުންނަށް އަރުވައިފައެވެ.
އެއާއެކު ދެން ސުވާލު އުފެދެނީ މެންބަރުންގެ ހާޒިރީ އާ މެދުގައެވެ. ޖަލްސާ ފެށޭއިރު ގިނަ ދުވަހު ދެބައިކުޅަ އެއްބައި މެންބަރުން ހަމަނުވެއެވެ. ބައެއް ދުވަސްދުވަހު މެންބަރުން ހާޒިރުވެވަޑައިގަތް ނަމަވެސް، ޖަލްސާ ފެށޭއިރު، ގިނަ ދުވަހު ގޮނޑިތައް ހުންނަނީ ހުސްކޮށެވެ. އަދި ބައެއް މެންބަރުން ކޮމިޓީ ބައްދަލުވުންތަކުގެ ގިނަ ބައްދަލުވުންތަކަށް ހާޒިރުވެވަޑައިނުގަންނަވާތީ ބައެއް މަސައްކަތްތައް ކުރިއަށް ނުގެންދެވޭ ކަމަށް، ބައެއް މެންބަރުން ވިދާޅުވެފައި ވެއެވެ.
ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ޕާލިމެންޓް ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވާ ގޮތުގައި، ކޮމިޓީ މަރުހަލާގައި ބިލުތައް ލަސްވެގެން ދަނީ އެއް ކޮމިޓީއަކުން އަނެއް ކޮމިޓީއަކަށް ބައެއް ބިލުތައް ބަދަލުވެގެން ދިއުމާއި، ބައެއް ބިލުތަކުގެ ދިރާސާތައް ގިނަވުމުގެ ސަބަބުންނެވެ. ހަމަ އެއާއެކު، ބައެއް ބިލުތަކުގެ ދިރާސާތައް ހަދައި މައުލޫމާތު އެއްކުރުމުގެ ގޮތުން ކޮމިޓީ ބައްދަލުވުން ބާއްވައި، އެކި ފަރާތްތައް ގެނެސްގެން ނިންމަން ޖެހޭ ބައެއް ނިންމުންތަކުގެ ސަބަބުން ވެސް ބިލުތައް ލަސްވާ ކަމަށް އޭނާ ވިދާޅުވެއެވެ.
އަސްލަމް ވިދާޅުވީ، ކޮމިޓީތަކަށް މެންބަރުން ހާޒިރުވެވަޑައި ނުގަންނަވާ ކަމުގެ ޝަކުވާ އެއް މިހާތަނަށް ލިބިފައިނުވާ ކަމަށެވެ. އޭނާ ވިދާޅުވީ، ޖުމްލަކޮށް ކޮމިޓީތަކުގެ ހާޒިރީ އަށް މައްސަލަ ދިމާވެ، ކޯރަމް ހަމަނުވުމުގެ ސަބަބުން ކޮމިޓީތަކުގެ ބައްދަލުވުންތައް ނުބޭއްވި ދިޔަކަން ފާހަގަކުރެވިފައިނުވާ ކަމަށެވެ. ނަމަވެސް، ގިނަ މެންބަރުން އެއް ކޮމިޓީ އަށް ވުރެ ގިނަ ކޮމިޓީތަކުގައި ތިއްބަވާތީ ގަޑި ފުށޫއެރުން ފަދަ ކަންކަން ދިމާވާކަމަށް އަސްލަމް ވިދާޅުވިއެވެ.
"ގިނަ މެންބަރުން ދެ ކޮމިޓީގައި، ހަމަ ކޮންމެ މެންބަރަކުވެސް ގާތްގަނޑަކަށް ދެ ކޮމިޓީގައި އިންނަވާނެ، އޭގެ އިތުރަށް ތިން ކޮމިޓީގައި ތިއްބަވާ ބޭފުޅުން ވެސް އުޅުއްވާ، ބައެއް ފަހަރު ގަޑި ފުށޫއެރުމުގަ މެންބަރުންނަށް ހާޒިރުވެވަޑައިނުގެންނެވިގެން، އެހެންނޫނީ ހަމަ ކޮމިޓީތަކަށް މެންބަރުން ހާޒިރުވެ ވަޑައިގަންނަވާ،"
އިދިކޮޅު މެންބަރުން ވިދާޅުވަނީ ބައެއް ކޮމިޓީތަކުގެ ކޯރަމް ހަމަނުވާ ކަމަށް
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 139 ވަނަ މާއްދާގައިވާ ގޮތުން، ކޮމިޓީތަކުގެ މަސައްކަތްތައް ކުރުމަށްޓަކައި ކޮންމެ ކޮމިޓީއެއްގައި ވެސް އެ ކޮމިޓީއެއްގައި ތިއްބެވި މެންބަރުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މެންބަރުން މަދުވެގެން ތިބެން ވާނެއެވެ. ހަމަ އެއާއެކު، އެ މާއްދާގެ (ނ) ގައިވާ ގޮތުން، ކޮމިޓީތަކުގައި މެންބަރުން ތިބި އަދަދަށް ބަލައި، ގިނަ މެންބަރުންނަށް ބައިވެރިވެވޭ ގޮތް ހެދުން އެއީ ރަނގަޅު ގޮތެއް ކަމަށް މުގައްރިރުންނަށް ފެނިވަޑައިގަންނަވާ ހިނދެއްގައި ކޮމިޓީތަކުގައި ވޯޓު ނެގުން ފަސްކުރެވިދާނެ ކަމަށް ވެސް، ގަވައިދުގައި ވެއެވެ.
ކޮމިޓީތަކަށް މެންބަރުން ހާޒިރުވެވަޑައިގަންނަވާ ކަމަށް އަސްލަމް ވިދާޅުވި ނަމަވެސް، އިދިކޮޅު ދެ ޕާޓީގެ ނައިބު ރައީސުން އަދި މަޖިލިސް މެންބަރުން ކަމަށްވާ އަހްމަދު ޝިޔާމާއި އަހްމަދު އުޝާމް، މި ވާހަކައާ ދެކޮޅެވެ.
ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ 75 ޕަސެންޓު މެންބަރުން ތަމްސީލުކުރައްވާއިރު، އޭގެ ތެރެއިން 60 ޕަސެންޓު މެންބަރުން އެއީ ސަރުކާރު ދިފާއުކުރާ މެންބަރުން ކަމަށާއި، ކޮމިޓީތަކަށް ގިނަ މެންބަރުން ހާޒިރުނުވެ، ކޯރަމް ގެއްލޭތީ ރައްޔިތުންނާ ގުޅުންހުރި ގިނަ ބިލުތަކެއް ވަނީ ތާށިވެފައި ކަމަށް، ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް ވިދާޅުވިއެވެ.
އޭގެ ތެރެއިން ވެސް ގިނަ ބިލުތަކަކީ ރައްޔިތުންގެ ކަންކަމާ ގުޅުންހުރި ބިލުތައް ކަމަށް ޝިޔާމް ވިދާޅުވިއެވެ. އޭނާ ވިދާޅުވާ ގޮތުގައި، ސަރުކާރަށް ތާއީދުކުރައްވާ އެމްޑީޕީގެ ގިނަ މެންބަރުން މުހިންމު ވޯޓެއް އޮތިއްޔާ ނޫނީ ތަޅުމުން ފެނިވަޑައިނުގަންނަވައެވެ.
"ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރަން ޖެހޭ ކަންތައްތައް މިހުރީ ވަރަށް ބޮޑަށް ކޮމިޓީތަކުގެ ތެރޭގަ، ވަކިން ހާއްސަކޮށް ސަރުކާރުން ރައްޔިތުންނަށް ކޮށްދޭނެ ކަމަށް ވިދާޅުވާ ކަންކަމާ ގުޅުންހުރި އިސްލާހުތަކާއި ބިލުތަކާ އެބަހުރި،" ޝިޔާމް ވިދާޅުވިއެވެ.
ކޮމިޓީތަކުގެ މަސައްކަތްތައް ލަސްވެގެން ދިޔުމާއި އެމްޑީޕީ ދެބައިވުމާ ގުޅުމެއް؟
ފަހަކަށް އައިސް ރައްޔިތުންގެ މަޖިލީހުގެ ބައެއް ޖަލްސާތަކުން އެމްޑީޕީގެ އެއް މެންބަރަކު އަނެއް މެންބަރަކަށް ފާޑުވިދާޅުވާ މަންޒަރު ބައެއް ފަހަރު ފެނެއެވެ. ޕާޓީގެ އެތެރޭގެ ކަންކަމުގައި ދެބަސްވެ، ކޯޅޭ މަންޒަރު ވެސް ފެނެއެވެ. ބައެއް މެންބަރުން ގެންދަވަނީ ސޯޝަލް މީޑިއާގައި ވެސް ބަހުގެ ހޫނު ހަމަލާތައް ރައްދުކުރައްވަމުންނެވެ. އެންމެ ފަހުން އެމްޑީޕީގެ މެންބަރުންގެ މެދުގައި އޮތް ދެބަސްވުމުގެ ސަބަބުން ކޮމިޓީތަކުގެ މަސައްކަތްތަކަށް ހުރަސް އެޅިގެން ގޮސްފައިވާ ކަމަށް ބައެއް މެންބަރުން ވިދާޅުވެއެވެ.
ވިލިމާލެ ދާއިރާގެ މެންބަރު އުޝާމް ގަބޫލުކުރައްވާ ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތައް ލަސްވެގެން ދިއުމާއި އެމްޑީޕީގެ ދެ ފެކްޝަންގެ ދެމެދުގައި ދިމާވެފައިވާ މައްސަލައާ ގުޅުމެއް އެބައޮތެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މަސައްކަތްތައް ބާރަށް ކުރިއަށް ދިޔަ ނަމަވެސް، މަސައްކަތްތައް މަޑުޖެހިގެން ހިނގައްޖެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑަށް ފާހަގަކުރެވޭ ބައެއް ކޮމިޓީތަކުގަ ދެ ފެކްޝަނެއްގެ މެޖޯރިޓީ އޮންނަ ކޮމިޓީތަކަށް އަނެއް ފެކްޝަންގެ މެންބަރުން ހާޒިރެއް ނުވޭ، ކޮމިޓީތަކުގަ ކުރާ މަސައްކަތްތަކުގަ އިންޕުޓެއް ދެއްވާ ތަން ވެސް ފެނިގެން ނުދޭ، 65 މެންބަރުން އެ ޕާޓީގަ ތިބެފަ ވާގޮތަކީ އެހެން ޕާޓީއެއްގެ އެއްވެސް އިންވޯލްވްމެންޓެއް ނެތި ކޮމިޓީތަކުގެ މަސައްކަތް ކޮށްލައްވާ އެ ބޭފުޅުން، އެކަމަކު މިހާރު ވާގޮތަކީ ގިނަ ފަހަރަށް ކޮމިޓީތަކުގެ ކޯރަމް ވެސް ހަމަވަނީ ވަރަށް މަސައްކަތުން، އެހެންވީމަ އެ ކޮމިޓީތަކުގެ މަސައްކަތްތައް ވަރަށް ލަސްވެގެން އެބަދޭ،" އުޝާމް ވިދާޅުވިއެވެ.
ޕާޓީ ހަރަކާތްތަކުގައި އުޅެން ޖެހުމުން ވެސް ބައެއް މެންބަރުން ކޮމިޓީތަކަށް ހާޒިރުވެފައެއްނުވޭ!
މިދިޔަ ދެ އަހަރު އެކި ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ހަރަކާތްތައް ކުރިއަށް ގޮސްފައިވާކަން އުޝާމް ފާހަގަ ކުރައްވާފައިވެއެވެ. ވަކިން ހާއްސަކޮށް، އެމްޑީޕީން ބޭއްވި އެތެރޭގެ އިންތިހާބުގެ ދުވަސްވަރުގައި ވެސް ގިނަ މެންބަރުން ކޮމިޓީތަކަށް ހާޒިރުވެވަޑައި ނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 132 ވަނަ މާއްދާގައިވާ ގޮތުން، ކޮމިޓީތަކުގެ މުގައްރިރުންނަށް ހާޒިރުވެ ވަޑައިގެންނެވެން ނެތް ހާލަތެއްގައި މުގައްރިރުންގެ މަސްއޫލިއްޔަތު އަދާކުރައްވާނީ ކޮމިޓީތަކުގެ މުގައްރިރުންގެ ނައިބުންނެވެ. އެއާ ޖެހިގެން އޮންނަ މާއްދާގައިވާ ގޮތުން، ކޮމިޓީތަކުގެ ބައްދަލުވުންތައް ބޭއްވުމާއި، ކޮމިޓީތަކުގެ މަސައްކަތްތަކުގެ މިސްރާބު ހިފަހައްޓައި އިސްވެ މަސައްކަތްތައް ކުރުމާއި، ވަގުތު ބޭކާރު ނުވާނެ ހެން މަސައްކަތްތައް ނިންމުމަކީ މުގައްރިރުންނަށް ލާޒިމް ކަންތައްތަކެވެ.
މަތީގައިވާ މާއްދާ އަށް އަލިއަޅުވާލައްވައި، ކޮމިޓީތަކުގެ މުގައްރިރުންގެ ގޮތުގައި ތިއްބަވަނީ އެމްޑީޕީގެ އިސް ސަފުގައި މަސައްކަތްކުރައްވާ މެންބަރުން ކަން އުޝާމް ވަނީ ފާހަގަ ކުރައްވައިފައެވެ.
"އެހެންވީމަ އެއީ ވެސް ސަބަބެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ ކޮމިޓީތަކުގެ މަސައްކަތް ނުހިންގާ، އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭނެ މިދާ ގޮތަށް ދާ ކަމަށް ވަންޏާ މި އަހަރު [މަޖިލީހުގެ ކޮމިޓީތަކުގެ] ހުރިހާ މަސައްކަތެއް ނިމިގެން ދާނެ ކަމަކަށް، ޕާޓީގެ އިންޓާނަލް އެކިއެކި އިންތިހާބުތަކާއި އެކި ހަރަކާތްތަކާ ގުޅިގެން ވަރަށް ގިނަ ފަހަރަށް އަޅުގަނޑުމެންނަށް ދެވިގެން ދިޔަ ކޮމިޓީތައް ނުބޭއްވި،"
"ކުރިއަށް އޮތީ ރިޔާސީ އިންތިހާބުކަމުން، އެކިއެކި ދާއިރާތަކުން އެ ދާއިރާތަކުގެ މެންބަރުން ވަޑައިގެން ކެމްޕެއިން ހަރަކާތްތަކުގައި އުޅުއްވާއިރު، މަޖިލީހުގެ މަސައްކަތްތަކަށް އަހައްމިއްޔަތުކަން ދެއްވޭނެއެކޭ އަޅުގަނޑު ނުދަންނަވާނަން، އެ ފޯކަސް ނުދެއްވޭ ކަމަށް ވަންޏާ ވަރަށް ބޮޑަށް މަޖިލިހުގެ މަސައްކަތްތައް ލަސްވެގެން ދާނެ ކަމަށް [އަޅުގަނޑަށް ގަބޫލުކުރެވެނީ]،" އުޝާމް ވިދާޅުވިއެވެ.