ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިސްލާމިކް ޕާސަނަލް ފައިނޭންސިންގް ފެސިލިޓީ މެދުވެރިކޮށް 1.2 މިލިއަން ރުފިޔާ ނުވަތަ މުދާ ނެގޭނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި، މި ފެސިލިޓީ މެދުވެރިކޮށް ނަގުދު ފައިސާ ހޯދުމަށާއި، މުދާ ގަތުމަށާއި، ހިދުމަތެއް ފައިނޭންސް ކުރުމަށް ނެގޭނެއެވެ. އަދި ތަނެއް އިމާރާތްކުރުމަށް ނުވަތަ އާބާތުރަ ފިލުވުމަށް ފައިނޭންސް ދޭނެއެވެ.

ފެސިލިޓީ ދޫކުރާއިރު އެ ފެސިލިޓީގެ ލިމިޓް ކަނޑައެޅުމުގައި އަމިއްލަ ފަރުދުންގެ މުސާރައިގެ އިތުރުން އެހެނިހެން އާމްދަނީއަށް ވެސް ބަލާނެ ކަމަށް ބޭންކުން ބުނެއެވެ. އޭގެ ތެރޭގައި މުސާރަ، ކުލިން ލިބޭ އާމްދަނީ، ވިޔަފާރިކޮށްގެން ލިބޭ އާމްދަނީ، ރިޓަޔާމަންޓް ޕެންޝަން (ރިޓަޔާމަންޓް ޕެންޝަން ތެރޭގައި އިސްރަށްވެހިންނަށް ދޫކުރާ ޕެންޝަން ނުހިމެނޭނެ) އަދި ވެރިފައިކުރެވޭ އެހެނިހެން ކޮންމެ އާމްދަނީއެއްވެސް ބަލައިގަންނާނެއެވެ. މީގެ އިތުރުންވެސް ބީއެމްއެލްގެ ކޮންމެ އެކައުންޓަކަށް އާމްދަނީ ދައުރު ކޮށްފައިވާ ނަމަވެސް ފެސިލިޓީއަށް އެދެވޭނެ ކަމަށް ބޭންކުން ބުންޏެވެ.

ފެސިލިޓީއަށް އަނބުރާ ފައިސާ ދެއްކުމަށް މަހުން މަހަށް ބަހާލައިގެން ފައިސާ ދެއްކޭނެ ފަސޭހަ އިންތިޒާމު ހަމަޖައްސާފައިވެއެވެ. އަދި އަވަހަށް ފައިސާ ދެއްކުމުން، ބޭންކުގެ އުސޫލުގެ މަތިން ޑިސްކައުންޓް ލިބުމުގެ ފުރުސަތު އޮވެއެވެ.

އިންޓަނެޓް އަދި މޯބައިލް ބޭންކިންގް އެޕްލިކޭޝަން މެދުވެރިކޮށް މި ފެސިލިޓީއަށް އެދެވޭއިރު، ފަސް ދުވަހުގެ ތެރޭގައި އެޕްލިކޭޝަން ޕްރޮސެސް ކުރާނެ ކަމަށް އެ ބޭންކުން ބުންޏެވެ. އިސްލާމިކް ޕާސަނަލް ފައިނޭންސިންގްއިން ރޭޓަކީ އަހަރަކަށް 15 ޕަސެންޓެވެ. އަދި ފެސިލިޓީ ދޫކުރެވޭނީ ފަސް އަހަރުގެ ތެރޭގައި ފެސިލިޓީ ދައްކާ ހަލާސްކުރާ ގޮތަށެވެ.