އެޕަލް ބްރޭންޑްގެ ފޯންތައް ހިމެނޭ ގޮތުން ގިނަ އުފެއްދުންތައް އުފައްދާ ފޮކްސްކޮން އިން އިންޑިއާގައި 200 މިލިއަން ޑޮލަރު އިންވެސްޓް ކުރަން ނިންމައިފިއެވެ.

އިންޑިއާގެ ތެލަންގަނާގައި ފެކްޓަރީއެއް ހަދަން ފޮކްސްކޮންއިން ނިންމާފައި ވާ އިރު އެ ފެކްޓަރީ ހާއްސަ ކުރަނީ އެޕަލްގެ އެއާޕޮޑާއި ވަޔަލެސް އިއާފޯން އުފެއްދުމަށެވެ.

މިހާރުވެސް އެޕަލްގެ އުފެއްދުންތަކުގެ 70 ޕަސެންޓް އުފައްދާ އަދި އެސެމްބަލް ކުރާ ފޮކްސްކޮންއަށް އެއާޕޮޑް އުފައްދަން ލިބުނު މިއީ ފުރަތަމަ ފަހަރެވެ. މިހާތަނަށް އެއާޕޮޑްސް އުފައްދަމުން އައީ ޗައިނާގައި ހުންނަ ޗައިނާ ކުންފުނިތަކުންނެވެ.

ފޮކޮސްކޮން އިން އިންޑިއާގައި އިންވެސްތް ކުރަން ނިންމީ އެޕަލްގެ އެދުމުގެ މަތިން ކަމަށް އެ ކުންފުނީގެ އޮފިޝަލަކާ ހަވާލާދީ ރިޕޯޓްކޮށްފައި ވެއެވެ. ނަމަވެސް އެ ކުންފުނިން އުފައްދަނީ ކިހާ އެއާޕޮޑެއް ކަމެއް އަދި ސާފެއް ނުވެއެވެ.

ހަބަރުތައް ބުނާގޮތުން ފޮކްސްކޮން އިން އެއާޕޮޑް ކޮންޓްރެކްޓަށް ދިޔައީ، އެފަދަ އެހެން ކުންފުނިތަކާ ވާދަކޮށް އެޕަލްގެ އިތުރު އުފެއްދުންތައް ހޯދުމުގެ ބޭނުމުގައެވެ.

އެޕަލް އާއި އެފަދަ ޓެކްނޮލޮޖީ ކުންފުނިތަކުން ޗައިނާ ދޫކޮށްލުމަށް ފަހު އިންޑިއާ ފަދަ ގައުމުތަކަށް ބަދަލުވަނީ އިންޑިއާއިން ދޭ ވިޔަފާރީގެ ލުއި ތަކާއި، ކޮވިޑާ ގުޅިގެން ޗައިނާއިން އެޅި ހަރުކަށި ފިޔަވަޅުތަކާއެކު ސަޕްލައި ޗެއިން އަށް ދިމާވި ގޮންޖެހުންތަކުގެ އިތުރުން، އެމެރިކާ އާއި ޗައިނާ އާ ދެމެދު އޮންނަ ކޯޅުންގަނޑުގައި ވިޔަފާރިތަކަށް ބުރުލެއް އެރިޔަ ނުދިނުމަށެވެ.

ފޮކޮސްކޮންގެ އެންމެ ބޮޑު އެއް ފެކްޓަރީ ހުންނަނީ ޗައިނާގައެވެ. ޓައިވާނަށް ނިސްބަތްވާ އެ ކުންފުނިން ޗައިނާއިން ބޭރަށް ވިޔަފާރި ގެންދަން ނިންމާފައިވާކަން މީގެ ކުރިންވެސް އޮތީ އިއުލާން ކޮށްފައެވެ.