ގދ. ފަރެސްމާތޮޑާ އެއާޕޯޓަކީ، އެ އަތޮޅުގެ ވާދޫ، ފިޔޯރީގެ އިތުރުން ރަތަފަންދޫގެ ރައްޔިތުންނަށް ލުއިފަސޭހަތަކެއް ލިބި މުޅި ހުވަދު އަތޮޅަށްވެސް ދިރުން ގެނުވަދޭނެ އެއާޕޯޓެއް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
136 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްގެން މި މަޝްރޫއު ކުރިއަށް ގެންދިޔައީ އެމްޓީސީސީންނެވެ. މި އެއާޕޯޓުގައި 3.7 އަކަ މީޓަރުގެ ޝޯލްޑާ ރަންވޭއަކާއި، އޭޕްރަންއަކާއި، ޓެކްސީވޭއަކާއި، އަލިފާން ނިއްވާ ހިދުމަތް ގާއިމުކުރުމާއި، ނެރު ބައްތި ހަރުކުރުކުރުން ހިމެނެއެވެ. މީގެ އިތުރުންވެސް 0.3 ކިލޯ މީޓަރުގެ ބައުންޑަރީ އެންޑް ސެކިއުރިޓީ ފެންސެއް ޖެހުމާއި، އަލިފާން ނިއްވާ އިމާރާތެއް ހެދުމާއި، ޕަސެންޖަ ޓާމިނަލްއެއް ހެދުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން ބުނީ، މި އެއާޕޯޓަކީ ހަތަރު ރަށުގައި ދިރިއުޅޭ 6000 އަށްވުރެ ގިނަ ރައްޔިތުންނަށް ދަތުރުފަތުރުގައި ދިމާވަމުންދާ ގޮންޖެހުންތައް ކުޑަކޮށްދޭނެ އެއާޕޯޓެކެވެ. އަދި ވައިގެ ދަތުރުފަތުރު ކުރުމަށް ކާޑެއްދުއަށް ކުރަންޖެހޭ އަގުބޮޑު ދަތުރުތައް ނިމުމަކަށް އަންނާނެ ކަމަށް އެމްޓީސީސީއިން ބުނެއެވެ. މީގެއިތުރުންވެސް މި ސަރަހައްދުގެ އިޖްތިމާއީ، އިގްތިސާދީ އަދި އިންސާނީ ތަރައްގީ ކުރިއަރާ ފުޅާވުމުގެ އިތުރުން، ރަށްތަކަށް ދިރުން ގެނުވާނެ އެއާޕޯޓެއްގެ ގޮތުގައި އެމްޓީސީސީން ސިފަ ކުރިއެވެ.
މި އެއާޕޯޓު ރަސްމީކޮށް ހުޅުއްވައި ދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ސޯލިހްއެވެ. މިކަމަށް ހާއްސަ ރަސްމިއްޔާތެއް ރޭ އެ ރަށުގައި ބާއްވާފައި ވާ އިރު އެރަސްމިއްޔާތުގައި، ޕްލޭނިންގް މިނިސްޓަރު މުހައްމަދު އަސްލަމްއާއި، ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއާއި، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީއާއި، ކައުންސިލް ރައީސް އަހުމަދު އިމްތިޔާޒާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްގެ އިތުރުން ދައުލަތުގެ އިއްޒަތްތެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއާއެކު ހެދި މި އެއާޕޯޓުގައި ރޭގަނޑުވެސް މަތިންދާބޯޓު ޖެއްސޭ ގޮތަށް ލައިޓް ހަރުކޮށްފައި ވެއެވެ. އަދި ތިމާވެއްޓާ ރައްޓެހި ގޮތަށް ބަލައިގެން ފަރުމާކޮށްފައިވާ މި އެއާޕޯޓަކީ މީހުން ފުރުވަންދާ ފަރާތްތަކަށް، މަތިންދާބޯޓަށް މީހުން އަރާ މަންޒަރު ފެންނާނެ ތަފާތު އެއާޕޯޓެކެވެ. މި އެއާޕޯޓުގެ ފަސިންޖަ ޓާމިނަލް އަކީ ރަށްތަކުގެ މަލަމަތިން ފެންނަ އޮޑިހަރުގެ ދައްކުވައި ދޭގޮތަށް ފަރުމާ ކޮށްފައިވާ އެއާޕޯޓެކެވެ.