ގދ. ފަރެސްމާތޮށާ އެއާޕޯޓު ހުޅުވުމުން ފަރެސްމާތޮޑާ އަދި ކައިރީގެ ރަށްތަކުގައި ތިބި ގެސްޓްހައުސް ވިޔަފާރިއަށް ވަނުމުގެ އުންމީދުގައި ތިބި ފާރަތްތަކަށް ވަރަށް ރަނގަޅު ފުރުސަތެއް ފަހިވެގެން ހިނގައްޖެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދަޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ފަރެސްމާތޮޑާ އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، މި ވައިގެ ބަނދަރުން މި ސަރަހައްދުގެ ރައްޔިތުންނަށް ލިބޭނީ ހަމައެކަނި ދަތުރުފަތުރުގެ ލުއިފަސޭހަކަމެއް ނޫން. ކަމަށާއި އިގްތިސާދީ އެތައް މަންފާއެއް ލިބޭނެ ކަމަށެވެ.
އަދި އެ ރަށްތަކަށް އިޖްތިމާއީ ހަމަޖެހުން އަންނާނެ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މިހާރުވެސް މި ރަށުގެ ޒުވާނުން އެއާޕޯޓްގައި އަދާކުރާ ވަޒީފާތަކާއެކު، އިހްތިސާދީ އެތައް މަންފާއެއް ލިބެމުންދާކަން ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، މި ވައިގެ ބަނދަރާއި މިތަނާ އެކުގައި ދެން ގާއިމުކުރި އެހެން ވަސީލަތްތަކުގެ ސަބަބުން އުފެދިގެން އެދިޔައީ، ކުރިން ނެތް އެތައް ވަޒީފާއެއް ކަމަށެވެ.
މި އުންމީދު ހާސިލުވުމާއެކު، ކުރިއަށް އޮތީ އަދި މާ ފަހި ދުވަސްތަކެއް ކަމަށާއި މި ރަށާއި ކައިރި ރަށްތަކާ ދެމެދު ލޯންޗު ދަތުރުތައް އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަން ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މި ރަށުގައި އެންމެ އަވަހަށް ދެން ފުޅާވާނެ ކަމަށް ފެނިވަޑައިގަންނަވަނީ ޓެކްސީގެ ހިދުމަތް ކަން ފާހަގަކުރައްވާ ހޮޓާ ރެސްޓޯރަންޓުގެ ވިޔަފާރިއާ، އެނޫން ވިޔަފާރިތަކަށް ވެސް ވަރަށް ތަނަވަސް ދޮރެއް ހުޅުވިގެން ދިޔަކަން ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓާއި މި ރަށާ ދެމެދު 1 ގަޑިއިރާއި 15 މިނިޓަށް މިހާރު އޮތީ ކައިރިވެފައި ކަމަށާއި ދެން އޮތީ މި ސަރަހައްދުގެ ރައްޔިތުންގެ ހިތްވަރާއި ޒުވާނުންގެ ފަންވަރު ކަމަށެވެ.
މިގޮތުން ގެސްޓްހައުސް ވިޔަފާރިއަށް ވަނުމުގެ އުންމީދުގައި، މި ސަރަހައްދުގެ ރަށްތަކުގައި ތިބި ރައްޔިތުންނަށް މިހާރު މިއޮތީ ވަރަށް ރަނގަޅު ފުރުސަތެއް ލިބިފައި ކަމަށް ރައީސް ވިދާޅުވިއެވެ.