ގދ. ފަރެސްމާތޮޑާގައި ތަރައްގީ ކޮށްފައިވާ ފަރެސްމާތޮޑާ އެއާޕޯޓް ރަސްމީކޮށް ހުޅުވައިފިއެވެ.

މި އެއާޕޯޓް ހުޅުވައިދެއްވީ އެކަމަށްޓަވައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ރައީސް ސޯލިހުގައި އަރިހުގައި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އަދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަލްސަލް ހުންނެވިއެވެ.

ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން / ރައީސް އޮފީސް

ފަރެސްމާތޮޑާ އެއާޕޯޓު މިރޭ ހުޅުވާފައި ވާއިރު މިމަހު 13 ވަނަ ދުވަހުގެ މެންދުރުފަހު 3:45 ގައި ވަނީ ޓެސްޓް ފްލައިޓް ޖައްސާފައެވެ. ޓެސްޓު ފްލައިޓުގެ ގޮތުގައި ޖައްސާފައި ވަނީ މޯލްޑިވިއަންގެ ފުލައިޓް ނަންބަރު Q2-6482 އެވެ. އެއީ ޑޭޝް 8-300 މަރުކާގެ ބޯޓެކެވެ.

ފަރެސްމާތޮޑާ އެއާޕޯޓަށް މި މަހުގެ 16 އިން 19 އަށް ޕްރޮމޯޝަނަލް ފެއާއެއް ކުރިއަށް ގެންދަން ނިންމައި ޓިކެޓް ބުކްކުރުމުގެ ފުރުސަތު މޯލްޑިވިއަނުން ވަނީ ހުޅުވާލައިފައެވެ. އެގޮތުން ވަންވޭ ޓިކެޓު 1,574 ރުފިޔާއަށް ވިއްކަމުން ދާއިރު ރިޓާން ޓިކެޓެއްގެ އަގަކީ 3،148 ރުފިޔާއެވެ.

ފަރެސްމާއެ މަޝްރޫއުގެ ދަށުން ރަންވޭގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތާއި ޓެކްސީވޭއަކާއި އޭޕްރަންއަކާއި ފަޔާ ޕެޑް އަދި ފަޔާ ރޯޑެއް ގާއިމުކޮށްފައި ވާއިރު ފަޔާ ބިލްޑިންއަކާއި ޓާމިނަލް ބިލްޑިންއެއް ވަނީ ގާއިމް ކޮށްފަައެވެ.

މި މަޝްރޫއަކީ 144.8 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީން ބުނެއެވެ.

ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ނޮވެމްބަރު 10، 2020 ގައެވެ.