ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ޕީޕަލްސް ޗޮއިސް ހައިޕާ މާކެޓް ކޮންސެޕްޓަށް 1 އަހަރު ފުރުމާ ގުޅިގެން ހާއްސަ ޕްރޮމޯޝަންތަކެއް އެ ކުންފުނިން ކުރިއަށް ގެންދަން ފަށައިފިއެވެ.

ހައިޕާ މާކެޓް ކޮންސެޕްޓްގެ އަހަރީ ދުވަހާ ގުޅިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާއިރު މިއަދު 500 ރުފިޔާއަށް ވުރެ މަތިން ވިޔަފާރި ކުރާ ކޮންމެ ފަރާތަކަށް ކޫޕަނެއް ލިބޭނެއެވެ. އަދި ގުރުއަތުން ހޮވޭ ހަތަރު ބޭފުޅަކަށް ފަސް ހާސް ރުފިޔާގެ ގިފްޓް ވޮއުޗާއެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދުގެ އެކި ގަޑިތަކުގައި އެސްޓީއޯގެ ބްރޭންޑްތަކުގެ ރަހަ ދައްކާލުން އަދި ހަދިޔާ ބެހުން ވެސް އެސްޓިއޯއިން އެބަ ކުރިއަށް ގެންދެއެވެ. އަދި ޕީޕަލްސް ޗޮއިސް އިން ވިޔަފާރިކުރައްވާ ފަރާތްތަކުގެ ތެރެއިން ރެންޑަމްކޮށް، ސަޕްރައިސްއެއްގެ ގޮތުގައި 10 ފަރާތަކަށް އަގުހުރި އިނާމްތަކެއް ދިނުމަށް ވެސް އެސްޓީއޯއިން ވަނީ ނިންމާފައެވެ.

އެސްޓީއޯގެ ބްރޭންޑުތަކުގެ ރަހަ ދައްކާލުމުގެ ތެރެއިން / ފޮޓޯ : އެސްޓީއޯ

މީގެ އިތުރަށް ސޯޝަލް މީޑިއާ ޕްލެޓްފޯމް އިންސްޓަގްރާމް އަދި ފޭސްބުކްގައި ޝެއާ އެންޑް ވިން ޕްރޮމޯޝަނެއް އަގުހުރި އިނާމުތަކާއެކު މިއަދު ކުރިޔަށް ގެންދާއިރު މިހާރު ކުރިޔަށްދާ ރަމަޒާން ބާޒާރުގެ އިތުރަށް މާދަމާއިން ފެށިގެން މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ޑިސްކައުންޓްތަކާއެކު ޕްރޮމޯޝަނެއް ކުރިޔަށް ގެންދާނެއެވެ.

އެސްޓީއޯގެ މި ކޮންސެޕްޓްއަށް އާންމު ފަރާތްތަކުން ވިޔަފާރި ކުރުމުގެ ޝައުގުވެރިކަން ފާޅުކޮށް ރެކް ހޯދުމުގެ ވާދަވެރިކަން ބޮޑުވެފައިވާކަން ފާހަގަކޮށް އެސްޓީއޯއިން ބުނީ ޓްރޭޑް ސެންޓަރުގެ ފުރަތަމަ ފަންގިފިލާވެސް އާންމު ވިޔަފާރިތަކަށް ހުޅުވާލުމަށްޓަކައި މަރާމާތުކުރުމުގެ މަސައްކަތްކުރަމުން ގެންދާ ކަމަށެވެ. އަދި ކެއުންބުއިމަށް ބޭނުންކުރާ ދިވެހި އުފެއްދުންތަކަށް ހާއްސަ ރެކްއެއް ކުއްޔައް ދޫކުރުމަށްޓަކައި ތައްޔާރުކޮށް އާންމުންނަށް ހުޅުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރަށް އަމިއްލަ އުފެއްދުންތައް ޕްރޮމޯޓް ކުރުމަށް ޕީޕަލްސް ޗޮއިސްގެ ތެރޭގައި ހިލޭ ފުރުސަތު ދިނުމަށް ވާންޖެހޭ ތައްޔާރީތަށް ވަމުންދާ ކަމަށާއި އެސްޓީއޯގެ އުންމީދަކީ ދިވެހި އަމިއްލަ އުފެއްދުތެރިކަމަށްވެސް ކާމިޔާބު ފުރުސަތުތަކެއް ތަނަވަސް ކޮއްދިނުން ކަމަށް އެ ކުންފުނިންވަނީ ބުނެފައެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްއަށް އެއް އަހަރު ފުރުމާ ގުޅިގެން އަޅާފައިވާ ކޭކެއް / ފޮޓޯ : އެސްޓީއޯ

އެސްޓީއޯގެ ޓްރޭޑް ސެންޓަރުގެ ބޮޑު މަރާމާތަކަށްފަހު ޒަމާނީ ބަދަލުތައްގެނެސް، އަމިއްލަ ފަރާތްތަކަށް ވިޔަފާރި ކުރެވޭގޮތަށް ފުރުސަތު ދެވިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސް އަލުން ހުޅުވާފައިވަނީ މިދިޔަ އަހަރުގެ މާޗު 15ވަނަ ދުވަހުއެވެ.