އުމުރުން ދުވަސް ވާ ވަރަކަށް އިންސާނުންނަށް ވެސް އަދި ޖަނަވާރުތަކަށް ވެސް ލޯ ފުސްވުން ދިމާވެއެވެ. އެއާއެކު ތަންތަން ފެނުމުގައި ނުސާފުވެ އުނދަގޫތަކާ ކުރިމަތިވެއެވެ.

ސިންގަޕޫރުގައި ޖަނަވާރު ބަލަހަައްޓާ ޒުލެއްގައި ގެންގުޅޭ އުމުރުން ދުވަސްވީ، ކިންގް ޕެންގުއިން ތަކަކަށް ވެސް ލޯ ފުސްވުމުގެ މައްސަލަ ދިމާވެގެން ހާއްސަ ލެންސެއް ހަދާ ލައްވައިފިއެވެ. ޖަރުމަނުވިލާތުގައި އުފައްދާ ތައްޔާރު ކުރި ލެންސް، ޕެންގުއިން ތަކަށް ލެއްވުމަށް ކުރި ސާޖަރީ އަށް ފަހު މިހާރު އެސޮރުމެން ފަސޭހަކަމާއެކު ހެލިފެލިވެ އުޅޭ ކަމަށް މަންޑައި ވައިލްޑް ލައިފް ގްރޫޕުން ބުނެއެވެ.

ދުނިޔޭގެގައި އިންސާނުން ފިޔަވައި މިބާވަތުގެ ދޫންޏަކަށް ލެންސް ލެއްވި މިއީ ފުރަތަމަ ފަހަރު ނަމަވެސް މީގެ ކުރިން، އެކިއެކި ޖަނަވާރުތަކުގެ ފެނުމުގެ މައްސަލަ ހައްލު ކުރުމަށް އެކި ޒާތުގެ އައިނު ހަދާ އަޅުވާފައި ވެއެވެ.

ސިންގަޕޫރުގައި ވެސް އަލަށް މި ހިނގްި އޮޕަރޭޝަންގައި ލެންސް ލެއްވި 1 ޕެންގުއިންގެ އުމުރަކީ 20 އަހަރެވެ. އަނެއް ދޭތިން ކުރެ އެކަތީގެ އުމުރަކީ 7 އަހަރެވެ. 3 ވަނަ އެތީގެ އުމުރަކީ 13 އަހަރެވެ.

ކިންގް ޕެންގުއިން އަކީ އާދަޔާ ހިލާފަށް ބޮޑުވާ އަދި ގާތްގަނޑަކަށް 30 އަހަކަށް އަހަރު ދުވަހު ދިރިހުންނަ ދޫންޏެވެ. ހަބަރުތައް ބުނާ ގޮތުން މި އާއިލާގެ ޕެންގުއިން 1 މީޓަރު (39 އިންޗި) އަށް ބޮޑެތިވެއެވެ.